އޮންލައިން ނޫހަކުން އާންމުކުރި މައުލޫމާތުތަކެއްގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ވަކީލުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ މައުލޫމާތުތަކެއް ހުރި ކަމަށް ބުނެ އެކަން ބަލައިދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ޕީޕީއެމުން ދެންމެ ނެރެފައިވާ ބަޔާނެއްގަައި ބުނެފައިވަނީ އެ މައުލޫމާތުތަކަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމާއެކު ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ކަމަށެވެ.
އެ ހަބަރުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ މައުލޫމާތުތަކެއް ހުރި ކަމަށެވެ.
ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން ތަހުގީގު އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވޭއިރު އެފަދަ މައުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި ސިފަ ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެން ކަމުން އެ ކަމަށް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.
"އެ ހަބަރު ކިޔާލުމުން އެ ހަބަރުގައި ވާ މައުލޫމާތުތަކުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީ މިކަމަކީ ސަރުކާރާއި ޕްރޮސެކިއުޓަރު ޖެނެރަލް އާއި ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށްވެސް ބެލުމުގެ ޖާގަ އޮތްކަމަށް ފެންނާތީ އެކަންވެސް ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލާ ފިޔަވަޅު އެޅުމަށް މިކޯލިޝަނުން ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.