ޓެކްނޯލޮޖީ

އެޕަލް ވެބް ސްޓޯރުގެ ޑިޒައިނަށް ބަދަލުތަކެއް

އެޕަލްގެ ވެބް ސްޓޯރުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފި އެވެ.

އަންގާރަ ދުވަހު އެޕަލްގެ ވެބްސައިޓް އޮފްލައިން ކުރުމަށްފަހު އަނބުރާ އޮންލައިން ކުރިއިރު ގެނެސްފައިވާ މިބަދަލުތަކާއި އެކު ވެބްސައިޓް ބޭނުން ކުރާ ގޮތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެއެވެ. އެގޮތުން މިހާރު ވެބްސައިޓްގެ އެންމެ މަތީގައިވާ ބަޓަންތަކަކީ އެޕަލްގެ އެކި ޕްރޮޑަކްޓްތަކެވެ. އަދި ޔޫޒާ އިންޓަފޭސް ވައްތަރު ކޮށްފައިވަނީ އައިއޯއެސްގެ އެޕްސްޓޯރާ އެއްގޮތަށެވެ.

މިބަަދަލާއި އެކު ޕްރޮޑަކްޓްތައް ވެބްސައިޓުން ފެންނަން ހުންނަނީ ކާޑުތަކެއްގެ ގޮތުގަ އެވެ. އަދި އިތުރު ތަފްސީލްތަކަށް ހިޔާރުކުރުމުން ޕްރޮޑަކްޓް ލިބެންހުރި ވަރާއި ޑެލިވަރީގެ މައުލޫމާތުތައް ތަފްސީލްކޮށް ފެންނަން ހުރެއެވެ.

އޮންލައިން "މެއިން ސްޓޯ ޕޭޖް"ގެ އިތުރުން ކުޅިވަރު ޕޭޖަށާއި އަލަށް ގެންނަ ޕްރޮޑަކްޓް ތަކާއި ފީޗާ ތަކުގެ މައުލޫމާތު ހިމެނޭ ޕޭޖަށްވެސް ބަދަަލުތަކެއް ގެނެސް ވެބްސައިޓްގެ އެންމެ މަތީގައި އެ ޕޭޖްތަކަށް ހާއްސަ ބަޓަންތަކެއް ހިމަނާފައިވެ އެވެ.

ޑިޒައިނަށް ބަދަލުގެނެސްފައިވާއިރު އެއްވެސް އާ ޕްރޮޑަކްޓެއް ލިސްޓްކޮށްފައެއް ނުވެ އެވެ. ނަމަވެސް އާ ޑިޒައިނެއް ގެނެސްފައި މިވަނީ އައިފޯން 13 އިއުލާން ކުރުމާއި ގާތްކޮށްފަ އެވެ.