ބޮލީވުޑް

އާޝިތާ ސިންގް – އައިޝްވަރިޔާއާ ވައްތަރުކަމުން މަޝްހޫރުވެއްޖެ

މިހާރު އަނެއްކާވެސް އޮންލައިންގައި މަޝްހޫރުވެގެން އުޅެނީ ކުރީގެ މިސްވޯލްޑް އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވަރިޔާ ރާއީ ބައްޗަން އާ ވައްތަރު މީހެކެވެ. އާޝިތާ ސިންގް ނަމަކަށް ކިޔާ މި އަންހެންމީހާ އަކީ ސޯޝަލް މީޑީއާގައި ވަރަށް މަޝްހޫރު މީހެކެވެ.

އާޝިތާގެ އިންސްޓަގްރާމް ޕްރޮފައިލް ފޮޓޯ ބަލާފައި ގިނަ ބަޔަކު ބުނަނީ އައިޝްވަރިޔާ އާއި އޭނާ ވަރަށް ވައްތަރު ކަމަށެވެ. އާޝިޔާ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކޮށްފައިވާ ހުރިހާ ފޮޓޯތަކުން ވެސް ފެންނަނީ އައިޝްވަރިޔާ އާ ވަރަށް ވައްތަރު ސިފައެއް އޭނާގެ ހުރި ކަމެވެ. ޚުދް އޭނާވެސް އެކަން ގަބޫލު ކުރާތީ އައިޝްވަރިޔާގެ ބައެއް ޑައިލޯގްތައް އޭނާ އަމިއްލައަށް ކިޔާފައި ވެސް އާޝިތާ ވަނީ ޝެއާ ކޮށްފަ އެވެ.

އައިޝްވަރިޔާގެ "ޖޯޝް"ގެ ލަވައެއް ކަމަށްވާ "މޭރީ ޚަޔާލޯންކީ މަލިކާ" އަށް ވެސް އާޝިތާ އެކްޓްކޮށް ވީޑިއޯކޮށްފައި ވެއެވެ.
މި ފޮޓޯތަކާއި ވީޑިއޯތައް ބަލާފައި އާޝިތާގެ ފޭނުންނަށް ވެފައިވާ މީހުން ވެސް މިހާރު ގިނަ އެވެ. އެމީހުން ބުނަނީ އައިޝްވަރިޔާ އާ ވައްތަރު ވުމުގެ އިތުރުން އާޝިތާ އެކްޓްކުރަން ވެސް ވަރަށް މޮޅު ކަމަށެވެ.

އައިޝްވަރިޔާ އާ ވައްތަރު ބަތަލާއެއް ކަމަށްވާ ސްނޭހާ އުއްލާލް ވެސް ތަންކޮޅެއް ކުރިން ބޮލީވުޑް އަދި ޓޮލީވުޑް ފިލްމުތަކުން ފެނިފައި ވެއެވެ. ސްނޭހާއަށް ފިލްމު ކުޅުމުގެ ފުރުސަތު ފުރަތަމަ ދިނީ "ލަކީ: ނޯ ޓައިމް ފޯ ލަވް" އިން ސަލްމާން ޚާނެވެ.

އައިޝްވަރިޔާ އާ ވަރަށް ވައްތަރު ޕާކިސްތާނު އަންހެނަކު ވެސް ދާދިފަހުން ވަރަށް މަޝްހޫރު ވިއެވެ. އާމްނާ އިމްރާން ނަމަކަށް ކިޔާ މި ޒުވާނާއަކީ ޕާޓް-ޓައިމް ބިއުޓީ ބްލޮގާ އެކެވެ. އޭނާ ޓިކްޓޮކްގައި ޝެއާކުރި ފޮޓޯތަކާއި ވީޑިއޯ ތަކުން އައިޝްވަރިޔާ އާ ވައްތަރުކަން މީހުންނަށް ފާހަގަ ކުރެވި މަޝްހޫރުވީ އެވެ.