ހަބަރު

ޒުވާނުން ހިޖުރަކުރަންވީ ހުޅުމާލެއަށް، އެ އިންތިޒާމް ހަމަޖައްސާނަން: ރައީސް

Jan 15, 2015
1

ކުދި ރަށްރަށުގައި ދިރިއުޅެމުން އަންނަ ޒުވާނުން ހުޅުމާލެއަށް ހިޖުރަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ހުޅުމާލެއަށް ހިޖުރަ ކުރެވޭނެ އިންތިޒާމްތަކެއް ސަރުކާރުން ހަމަޖައްސައި ދެއްވުމަށް ރައީސް ވައުދުވެ ވަޑައިގަތެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ފެށުމަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރެވޭނީ ޒުވާނުންގެ ސަހަރެއް ކަމަށެވެ. އަދި އެތަނުގައި ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވޭނެ ހުރިހާ ވަސީލަތްތަކެއް ގާއިމް ވެފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުދި ރަށްރަށުގައި ޒުވާނުންނަށް ކުރިއަރައިގެން ދިޔުމުގެ ފުރުސަތު ވަރަށް ވެސް ކުޑަ އެވެ. ޒުވާނުންނަށް ކުރިއެރެން އޮތީ ހުޅުމާލެ ބިންބޮޑު ފުރުސަތުތައް އޮތްތަންތަނަށް ބަދަލުވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮން ޒުވާނެއްތޯ އެ މީހުންގެ ކުރިމަގު އުޖާލާ ކުރަން ބޭނުން ނުވާނީ. ވިޔަފާރީގެ ގޮތުން ކުރިއަށް ދާން ބޭނުން ނުވާނީ. އަޅުގަނޑުމެން އެ ފުރުސަތު ޒުވާނުންނަށް މި ހުޅުވާލަނީ. ބިން ކުދި ރަށްތަކުން ހުޅުމާލެއަށް ބަދަލުވާން އަޅުގަނޑު ޒުވާނުންނަށް މި ގޮވާލަނީ. ކުރިއަށް އޮތްތަނުގައި ސަރުކާރުން އެކަމާ ގުޅިގެން ހަމަޖައްސާ އިންތިޒާމުތައް އިއުލާން ކުރަމުން ގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ހިއްކުމަށް ފަހު އެ ރަށް އާބާދު ކުރުމުގެ މަސައްކަތް ލަސް ނުކުރާނެ ކަމަށެވެ. އެގޮތުން ޔޮޓް މެރީނާ އާއި ފައިނޭންޝަލް ސެންޓަރުތައް އެ ރަށުގައި ގާއިމް ކުރުމުގެ މަސައްކަތް އިންވެސްޓަރުންނާ ގުޅިގެން ކުރިއަށް ގެންދާނެ އެވެ. އަދި އެއީ އުނދަގުލަކާ ނުލާ ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ. މަސްތުވާތަކެތީގަައި ޖެހިފައިވާ ޒުވާނުން އެ ވަބާއިން ސަލާމަތް ކުރުމަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ރިިހިބިލިޓޭޝަން ސެންޓަރު ހުންނާނީ ހުޅުމާލޭގަ އެވެ. އަދި މިސްކިތްތަކާއި އިސްލާމް ދީނުގެ އިލްމު އުގައްނައިދޭ މަރުކަޒުތައް ވެސް ހުޅުމާލޭގައި ގާއިމް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިތަނަކީ ޒުވާނުންގެ ސިޓީއެއް އެ މީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ސިޓީއެއް. އަޅުގަނޑު އެދެނީ ޒުވާނުން ނޭދެވޭ ކަންކަމުގައި ދުރުވެ ސަރުކާރުން މި ފަހިކޮށްދޭ ކަންތައްތަކުގެ ފައިދާ ނެގުމަށް އަޅުގަނޑު ގޮވާލަން. ޒުވާނުންނަކީ ގައުމެއްގެ ހާލަތު ބަދަލު ކުރެވޭނެ ބައެއް،" ޔާމީން ވިދާޅުވި އެވެ.

ހުޅުމާލެއަށް ބަދަލުވުމަށް ބޭނުންވާ ޒުވާނުންގެ ލިސްޓް އެއްކުުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު މިހާރު ވެސް ވަނީ، ވ. ފެލިދޫގެ ޒުވާނުން ހުޅުމާލެ އަށް ހިޖުރަ ކުރަން ޝައުގުވެރިވެ ހުށަހަޅާފައިވާ ޕެޓިޝަނެއް އެމަނިކުފާނާ ހަމައަށް ގެންނަވާފަ އެވެ. އަދިވެސް އެހެން ސަރަހައްދުތަކުން ޒުވާނުން ޔޫތް ސިޓީއަށް ހިޖުރަ ކުރެއްވުމަށް ކެތް މަދުވެފައި ތިބިކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮންމެ ކުލައެއް ޒުވާނެއްގެ ގައިގައި ހިނގިޔަސް މިއީ ޒުވާނުންގެ އުންމީދުތަކެއް ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއުތަކެއް. ޒުވާނުންނަށް ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތަކެއް އަންނާނެ މަޝްރޫއެއް. މިއީ ވަކި ފިކުރެއްގެ ޒުވާނަކަށް އޮތް މަޝްރޫއެއް ނޫން. މި ޒުވާނުންގެ ސަހަރަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ޒުވާނުން ހިޖުރަކުރައްވަން ވީ،" ރައީސް ވިދާޅުވި އެވެ.