އެރިކްސަންގެ ހަށިގަނޑަށް ލައްވާފައިވާ އިމްޕްލާންޓެބަލް ކާޑިއޯވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ނުނަގާނަމަ އޭނާއަށް އިޓަލީގައި ނުކުޅެވޭނެ ކަމަށް އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީން ބުނެފި އެވެ.
ކޮމިޓީ މެމްބަރު ފްރާންސެސްކޯ ބްރަކޯނާރޯ ބުނީ އެރިކްސަންއަށް ކުޅެވޭނެ ކަން އަދި ޔަގީން ކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ.
"އޭނާގެ ހަށިގަނޑަށް ލައްވާފައިވާ ޑެފިބްރިލޭޓާ ނެގުމަށްފަހު އޭނާގެ ހަށިގަނޑުގައި އެއްވެސް މައްސަލައެއް ނެތް ނަމަ އޭނާއަށް އިންޓަމީލާންގެ ޓީމަށް ކުޅެވޭނެ" ފަރާންސެސްކޯ ބުނެފައިވެ އެވެ.
އެރިކްސަންގެ ހަށިގަނޑުން އައިސީޑީ ނެގޭނެތޯ ބެލުމަށް ވަރަށް އަވަހަށް ޓެސްޓު ތަކެއް ހަދާނެ އެވެ. އެ ޓެސްޓުގެ ނަތީ ހަތް ދުވަހާއި 10 ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެ އެވެ. އެރިކްސަން އަށް އޭނާގެ ފުޓްބޯޅަ ހަޔާތް އިތުރަށް ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ޔަގީންވާނީ ނަތީޖާ ލިބުމުންނެވެ.
ޔޫރޯ 2020 ގައި ދިމާވި ހިތާމަވެރި ހަދިސާއަށް ފަހު 29 އަހަރުގެ އެރިކްސަން މިހާރު ވަނީ އެނބުރި އިންޓަ މިލާނަށް ގޮސްފަ އެވެ. އަދި އެކްލަބުގެ ޑިރެކްޓަރާއި، ކޯޗު އަދި ޓީމު ކުޅުންތެރިންގެ އިތުރުން ހުރިހާ ސްޓާފުންނާއި އޭނާ ވަނީ ބައްދަލުކޮށްފަ އެވެ.
ޑެންމާކުގެ މިޑްފީލްޑަރު އެރިކްސަން ވަނީ ޔޫރޯ 2020 ގައި ފިންލެންޑާއި ބައްދަލު ކުރި އޯޕެނިން މެޗުގައި ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓިފަ އެވެ. ޖޫން 12 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާއަށް ފަހު އެރިކްސަން ވަނީ ހޮސްޕިޓަލަށް ގެންގޮސް ބޭނުންވާ ފަރުވާ ދީފަ އެވެ. އަދި ސާޖަރީ ތަކަކަށް ފަހު މިހާރު ވަނީ އޭނާގެ ހިތުގެ ވިންދު މޮނިޓާ ކުރުމަށް ހަށިގަނޑުގެ ތެރެއަށް އައިސީޑީއެއް ލައްވާފަ އެވެ. މި ޑިވައިސްގެ އެހީގައި އާންމު ހާލަތަށްވުރެ އޭނާގެ ހިތުގެ ވިންދު އަވަސް ވާނަމަ އިލެކްޓްރިކް ޝޮކެއް ދީގެން އާންމު ހާލަތަށް އޭނާގެ ވިންދު ގެންނާނެ އެވެ.