މެދުކެނޑުމަކަށް ފަހު އަލުން ގޯލްކީޕަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ގޯލް ކީޕަރުން ތަމްރީނު ކުރުމަށް އެފްއޭއެމުން އެކަޑަމީއެއް ހަދައި، ކީޕަރުން ތަމްރީނު ކުރަން ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއި އެކު އެކަޑަމީގެ މަސައްކަތް ވަނީ މެދުކަނޑާލާފަ އެވެ.
ތަމްރީން ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހުޅުވާލާފަ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހަސަން ޖަވާޒް ވިދާޅުވީ ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށްވެސް އެއްވެސް ފީއެއް ނުދީ މި ޕްރޮގްރާމްގައި ބައިވެރި ވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ ޓީމާއި ކްލަބް ތަކުގެ ކުޅުންތެރިންނަށް ވެސް ސެޝަން ތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.
ކީޕަރުން ތަމްރީން ކުރާ އެކަޑަމީއާ ހަވާލުވެ ހުންނަނީ ގައުމީ ޓީމުގެ ގޯލް ކީޕަރު އަސްލަމް އަބްދުއްރަހީމް އެވެ. މީގެއިތުރުން ގައުމީ ޓީމުގެ ކީޕަރުކަން ކޮށްފައިވާ އިމްރާން މުހައްމަދު (އިއްމަ) އާއި، ގައުމީ ޓީމާއި ގިނަ ކްލަބް ތަކެއްގެ ޓްރެއިނަރު ކަން ކޮށްފައިވާ ހަސަން ހަމީދު (ޑަކޭ)ގެ އިތުރުން ތަޖުރިބާކާރު ޓްރެއިނަރު އިބްރާހިމް ސަލީމް (މެޓާ)ވެސް އެކަޑަމީގެ މަސައްކަތްތަކުގައި އުޅެ އެވެ.
އެކި އުމުރުފުރާ ތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމު ތަކަކީ އެކި ފަންތީގެ ކީޕަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމު ތަކެކެވެ. އެގޮތުން އަލަށް ފަށައިގަންނަ ކީޕަރުންނާއި، މިހާރު ކީޕަރުކަން ކުރަމުން ގެންދާ ކުޅުންތެރިންގެ އިތުރުން، އެންމެ މަތީ ފަންތީގެ ކީޕަރުންނަށް ހާއްސަ ތަމްރީނުތައް ދެމުންދެ އެވެ.
ތަމްރީންތައް ކުރިއަށް ގެންދަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 7:00 އިން 9:00 އަށް އެފްއޭއެމް ބިލްޑިން ކުރިމަތީގައި އޮންނަ އެފްއޭއެމް ޓާފުގަ އެވެ.