ޕްރިމިއާ ލީގުގެ އާސީޒަން މިމަހު 13 ގައި ފަށާއިރު ވީއޭއާރް ބަލާނެ މިންގަނޑާއި އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
ނިމިގެންދިޔަ ސީޒަނުގައި ވީއޭއާރް ބެލި މިންގަނޑު ތަކަށް ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެހެންކަމުން ޕްރިމިއާ ލީގުން މަސައްކަތް ކުރަމުން ދަނީ މިދިޔަ ސީޒަނާއި ހިލާފަށް މިސީޒަނުގައި ފާޑުކިޔުން މަދުވާނެ ގޮތަކަށް އުސޫލުތައް ބެހެއްޓުމަށެވެ.
މާޖިނަލް އޮފްސައިޑްސް
ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މައިކް ރިލޭ ބުނީ ކުޅުމުގައި ސުވާލު އުފެދޭ ކަންކަމުގައި ވީއޭއާރް ބެލުމުގެ އުސޫލަށް ބަދަލު ތަކެއް ގެނެވިފައިވާ ކަމަށެވެ.
"ހަނި އޮފްސައިޑް ހާލަތް ތަކުގައި ކުރިން ވެސް ކަންތައް ކުރި ގޮތަށް އަމަލު ކުރާނީ. އެއް ޕިކްސެލް ލައިން ޑިފެންސް ލައިނުގައި އަނެއް ޕިކްސެލް ލައިން އެޓޭކް ލައިނުގައި. އެކަމަކު މިހާރު ތަފާތު ވާނެ. މިހާރު އިންނާނީ ފަލަ އެއް ލައިން. އެ ލައިނަށް އަރާނަމަ އޮންސައިޑު ކަމަށް ބަލާނީ. މިގޮތަށް އަމަލު ކުރި ނަމަ މިދިޔަ ސީޒަނުގައި ޑިސްއެލޯވް ކުރި 20 ގޯލު ރަނގަޅު ގޯލަށް ވާނެ" މައިކް ބުންޏެވެ.
ކުރިއަށް އޮތް ސީޒަންގައި ޓީވީން ދައްކާ މަންޒަރަށް ވެސް ބަދަލު ތަކެއް އަންނާނެ ކަމަށް މައިކް ބުންޏެވެ. މީގެ ކުރިން ޓެކްނިކަލް ސްޓާފުން އޮފްސައިޑު ބެލުމަށް ކުރާ މަސައްކަތްތައް ދެއްކި ނަމަވެސް ދެން ދައްކާނީ ޓެކްނިކަލް ސްޓާފުންގެ މަސައްކަތް ނިމި އެންމެ ފަހުގެ މަންޒަރު އެކަންޏެވެ.
އެސިސްޓެންޓް ރެފްރީ ދިދަ ނެގުން
ވީއޭއާރު ބަލަން ފެށި ފަހުން އޮފްސައިޑު ކަމަށް ޝައްކު ކުރެވޭ ޔަގީން ނުވާ ހަނި އޭންގަލުގައި އެސިސްޓެންޓް ރެފްރީން ދިދަ ނުނަގަ އެވެ. އަދި އުފައްދަމުންދާ އެޓޭކުން ގޯލެއް ޖަހައި ނުވަތަ އެޓޭކް ނިމެންދެން މަޑު ކުރުމަށްފަހު ވީއޭއާރް މެދުވެރިކޮށް އެމަންޒަރު އަލުން ބަލައި ގޮތެއް ނިންމަ އެވެ. ނަމަވެސް މީގެ ފަހުން ޑިފެންޑަރުންގެ ފަހަތަށް އޮފްސައިޑު ޕޮޒިޝަނަށް އެޓޭކަރު ނިކުމެ ހުރެއްޖެނަމަ އޮފްސައިޑް ކަމަށް ބަލައި އެސިސްޓެންޓް ރެފްރީ ދިދަ ނަގާނެ އެވެ.
ފައުލެއްގެ ގޮތުގައި ބަލާނެ ކޮންޓެކްޓްތައް
ފާއިތުވި ދެތިން ސީޒަނުގެ ތެރޭގައި ޕްރިމިއާ ލީގުން ފެނިފައިވަނީ ވާދަވެރި އަދި ގިނަ ކޮންޓެކްޓް ތަކެއް ފެނިގެން ދިޔަ މެޗުތަކެއް ކަން ފާހަގަ ކުރަމުން މައިކް ބުނީ ވީއޭއާރް އާއި އެކު އެކޮންޓެކްޓްތައް މިހާރު މަދުވެފައިވާ ކަމަށެވެ.
މިދިޔަ ޖުލައި މަހު ނިމުނު ޔޫރޯ 2020ގެ ތަޖުރިބާއަށް ބަލާނަމަ ކުޅުންތެރިން ކުޑަކޮށް ކޮންޓެކްޓް ވެފައި ހުންނަ ހާލަތް ތަކުގައި ކުޅުން ނުހުއްޓުވައި ކުރިއަށް ގެންދިއުމަކީ ގިނަ ބަޔަކު ބަލައިގަންނަ ކަމެކެވެ. އޭގެ ސަބަބުން މުބާރާތުގެ ފޯރި ނުކެނޑި ހިފެހެއްޓިގެންދެ އެވެ. އަދި ކުޅުންތެރިންނާއި ޓީމު ތަކުގެ ހިޔާލަށް ބަލައި މީގެ ފަހުން އެފަދަ ކޮންޓެކްޓް ތަކުގައި ތިން ކަމަކަށް ބަލަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. އެއީ ސީދާ ގަސްދުގައި ކޮށްފައިވާ ކޮންޓެކްޓެއްތޯ ނުވަތަ އޮޅިގެން ކުރެވިފައިވާ ކޮންޓެކްޓެއްތޯ ބެލުމާއި، މީހަކާއި ކޮންޓެކްޓްވެ އޭނާ ވައްޓާލަން ކުރި ކޮންޓެކްޓެއްތޯ ބެލުމުގެ އިތުރުން ކުޑަކޮށް ކޮންޓެކްޓް ވުމުން އޭގެ ބޭނުން ހިފައި ވެއްޓެން މަސައްކަތް ކޮށްފައިވޭތޯ ބެލުމެވެ.
އެހެންކަމުން މިކަންތަކަށް ބަލައި ގަސްދުގައި ކޮށްފައިވާ ކޮންޓެކްޓްތައް ފައުލު ކަމުގައި ދައްކައި، ކުދި ކޮންޓެކްޓްތައް ފައުލުގެ ގޮތުގައި ނުދެއްކުމަށް ވަނީ ނިންމާފަ އެވެ.