ޑރ. މުހައްމަދު މުއިއްޒު

ބަހުގެ ހިދުމަތް ރަނގަޅަށް ދެވޭނަމަ މީހުން އަރާނެ: މުއިއްޒު

މާލޭގައި ބަހުގެ ހިދުމަތް ރަނގަޅަށް ދެވިއްޖެނަމަ ބަހުގެ ހިދުމަތް ބޭނުންކުރާ މީހުން އިތުރުވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގައި ޕަބްލިކް ބަހުގެ ހިދުމަތާއި އަދި ސްކޫލު ބަހުގެ ހިދުމަތް ދޭން ހިޔާލު ހޯދަން ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ބަހުގެ ހިދުމަތް ދިނުމަކީ މިސަރުކާރުގެ ވައުދަކަށް ވާތީ އެއީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ހިދުމަތް ފެށިފައިވާތީ ނުވާތީ މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވިދާޅުވީ އެ މަޝްރޫއު ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުން ނުވަތަ އެކަމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

"ދެން ޓްރާންސްޕޯޓް މިނިސްޓްރީން އެ މަޝްރޫއު އަޅުގަނޑުމެންނާ ހަވާލުކުރެއްވިޔަސް އަދި އެ ބޭފުޅުންގެ މަޝްރޫއެއްގެ ގޮތުގައި ވިޔަސް އަޅުގަނޑުމެން އެކަމުގައި ބައިވެރިވެގެން އަޅުގަނޑުމެން އެންޝުއާކުރަން ބޭނުމޭ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުވުން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލެއަށް މިހާރު ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ޕަބްލިކް ޓްރާންސްޕޯޓްގެ ސިސްޓަމެއް ވަރަށް މުހިއްމު ކަމަށެވެ.

"ވަރަށް ގިނަ މީހުން ބޭނުންވާނެ ރަނގަޅު ބަސްތަކެއް ރަނގަޅު ނިޒާމެއް ގާއިމުވުމަށް. އެއީ އެއާކޯން ގާއިމުވެފައި ހުރުން އަދި އެއާކޯން ގާއިމުވެފައި ނުހުއްޓަސް ބޭނުންވާ ބޭފުޅުން ތިބޭނެ. ދެން މަގުތަަކަށް އެކަށީގެންވާ ސައިޒުގެ ބަސްތަކެއް ގެނެވިއްޖިއްޔާ އަދި ހިދުމަތް ރަނގަޅިއްޔާ އަގުތައް ރަނގަޅިއްޔާ އަދި ސާފުތާހިރިއްޔާ އެ ބަސްތަކަށް މީހުން އަރާނެ،" މުއިއްޒު ވިދާޅުވި އެވެ.

ކުރިންވެސް މާލޭގައި ޕަބްލިކް ބަހުގެ ހިދުމަތް ދިނުމަށްފަހު އެކި ސަބަބުތަކާ ދިމާވެގެން ހިދުމަތް ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް މުއިއްޒުގެ ވިސްނުން ހުރީ ދާއިމީ ގޮތަކަށް ރަނގަޅު ފެންވަރުގެ ބަހުގެ ހިދުމަތް ދިނުމަށެވެ.

މާލޭގައި މިހާރުވެސް ޕަބްލިކް ބަހުގެ ހިދުމަތްދެ އެވެ. ކުރިން މާލޭގައި އެމްޕީއެލްއިން ބަހުގެ ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް އެ ހިދުމަތް މިދިޔަ މަހު ވަނީ އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރި އިރު އެ ހިދުމަތުގައި އުޅުނު އެމްޕީއެލްގެ މުވައްޒަފުންނާއި ބަސްތައް ވަނީ އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފަ އެވެ.