ވާހަކަ

ސިއްތާ

(4 އޯގަސްޓް 2021 އާ ގުޅޭ)

"ނީރާގެ ކަންތައްތަކުން ސަލާމަތްވީއިރަކުން މަށަށް ގުޅާބަލަ. ވަރިހަމަ ކިތަންމެ ލަސްވެފައި ހުއްޓަސް. ވާހަކައެއް ބުނަންވެފަ އޮތީ." ހިތްހަމަނުޖެހި އިނދެ ފޯނުގައި މެސެޖު ލިޔެ ޝީން ފޮނުވާލިއެވެ.

ނުރުހުންވެފައި އިނަސް ޝީން ފޯނަށް ބަލަން އިރުކޮޅަކު އިނެވެ. އީހާން މެސެޖު ބަލާފާނެ ކަމަށެވެ. ޝީން ހިތްހަމަނުޖެހިފައިކަން ހުރީ އެނގި ގުޅާފާނޭ ކަމުގެ އުންމީދުގައެވެ. ހިތް އެދުނު ފަދައިންނެއް ނުވިއެވެ. އެގޮތުގައި ޝީން އިންދާ އީހާން މެސެޖު ބަލައިފިކަން އެނގިއްޖެއެވެ. އެކަމަކު ޝީންއަކަށް ނުގުޅިއެވެ. ޖަވާބެއް ވެސް ނުފޮނުވިއެވެ. އަތުގެތެރޭ ފޯނު ބާރު ކޮށްލިއިރު ޝީންގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.

* * * * *

ނީރާގެ އަތުން އީހާން ދޫކޮށެއް ނުލިއެވެ. ނީރާ ބޭރަށް ދާން އުޅޭތީ އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ނީރާގެ ކޮނޑުގައި އަޅުވާލަން އުޅުނު އަތްދަބަސް އީހާން އަތުލައި އެނދުމައްޗަށް އެއްލިއެވެ.

"މިރެއަކުނޫން. ޕްލީޒް... ރައްޓެހިން ކައިރީ ބަހަނާ ދައްކާފަ އީހާންއާއެކު ގޭގަ އޮންނަތާ ދެ ހަފްތާވީ. އައި ހޭވް މައި ފްރެންޑްސް ޓޫ. އީހާނާއެކު ޓައިމް ސްޕެންޑް ނުކުރެޔޭ މިހާރު ނުބުނެވޭނެ. އޮފީހުން ގެއަށް، ގެއިން އޮފީހަށް... ދެޓްސް ނޮޓް އަ ލައިފް. އަހަރެން ވެސް ކުރަން ހުންނާނެއެއްނު ކަންކަން. ދެން ދޫކޮށްލަބަލަ! ލަސްވެޔޭ!... ތިހާ ވައިވެގެން ތިއުޅެނީ ޝީން ރަށުގައި ނެތީތަ؟ އޭނަ މާ ބިޒީވީ ދޯ." އީހާންގެ އަތް ނައްޓުވަން ނީރާ މަސައްކަތް ކުރިއެވެ.

"ކޮންފްރެންޑަކާއެކޮށް ދަނީ؟ ދަނީ ކޮންތާކަށް ކަމެއް ވެސް ނުބުނަމެންނު." އީހާން ވާހަކަދެއްކިއެވެ.

"އީހާނު ކަމެއްކުރަން އުޅޭއިރަށް އަހަރެން ވެސް ނާހަން ދޯ ތިހުރިހާ ސުވާލެއް." ނީރާ ބުނަން ބޭނުންނުވަނީއެވެ.

"ނީރާއަށް ނޭނގޭކަމެއް ނޯންނާނެ. ހުރިހާ ވާހަކައެއް ކިޔައިދެން." އީހާން ނިކަން އަވަހަށް ބުނެލިއެވެ.

"ޝީންއަށް ގުޅާފަ ބުނާނަން ތިހުރިތަނަކުން އަވަހަށް އަންނާށޭ. އެހެންނޫނީ އީހާން މޮޔަވެދާނޭ... އަހަންނަށޭ ހުރިހާ ކަމެއް ބޮޑުވަނީ." ނީރާ ބުނެލީ ސަމާސާއެއް ފަދައިންނެވެ. ނަމަވެސް އީހާންގެ މޫނުން ފާޅުވީ ފޫހިކަމެވެ.

"ކޮންމެހެން އޭނާއަށް ގުޅާނެކަމެއްނެތް." އީހާން ބުނެލީ ނީރާގެ އަތުން ދޫކޮށްލަމުންނެވެ. ދެން އޭނާ އައިސް ނީރާގެ އެނދަށް އުއްޑުން ވެއްޓިގަތެވެ. ލިބުނު ފުރުސަތުގައި ނީރާ އަވަހަށް ތައްޔާރުވެލީ ގެއިން ނުކުންނާށެވެ.

"ލައިޒަލްއާ މީޓްކުރަންތަ ތިދަނީ؟" ނީރާ އެނދުމަތިން އަތްދަބަސް ނެގި ހިނދު އޭގައި ހިފަހައްޓަމުން އީހާން އަހާލިއެވެ. ނީރާއަށްވީ ގޮތުން އީހާނަށް ޔަގީންކަން ލިބުނެވެ.

"ވަޓް!... އޭނާ ނޫން މީހަކުނެތީތަ؟ ކީއްވެތަ އީހާން އަބަދު ލައިޒަލްގެ ނަން ކޮންމެކަމެއްގެ ތެރެއަށް ވައްދަނީ. އައި ޑޯންޓް ލައިކް އިޓް. އަހަރެން ރުޅި އާދޭތޯތަ؟." ނީރާ ތުންދަމާލިއެވެ. އީހާން އެނދުން ފުންމައިގެން ތެދުވިއެވެ. ނީރާގެ ފުރަގަހުން އޭނާ ބައްދާލިއެވެ. އައްސާލާފައި އޮތް ނީރާގެ ދިގު އިސްތަށިގަނޑުގައި ނޭފަތް ޖައްސާލާފައި ގެނެސް ނީރާގެ ކޮނޑުމަތިން ވިސްބަލާލިއެވެ.

"ސޮރީ..." އީހާން ބުނެލިއެވެ.

"ފައިން... މަންމަ ކައިރީ ޝަކުވާނުކުރާތި. މަންމަ ކައިރީ ބުނެފަ މިދަނީ... އެންޑް ޕްލީޒް، އިރުއިރުކޮޅަކާ ނުގުޅާތި. އެގާރަ ޖަހަންވާއިރަށް އަހަރެން އަންނާނަން. ދެން ފާރަލަމުން ފަހަތުން ނާންނާތި. އައި ވިލް ހޭޓް ޔޫ އެހެން ހަދައިފިއްޔާ." އީހާންގެ އަތް ދުރުކޮށްލަމުން ނީރާ ބުނެލިއެވެ.

އެއްޗެކޭ ނުބުނެ ނީރާގެ ފަހަތުން ދޮރާ ހަމައަށް އީހާން އައެވެ. ލިފްޓަށް އަރަންދެން އީހާން ބަލަން ހުއްޓެވެ. ދެން ދުވެފައި އޭނާ ގޭތެރެއަށް ވަނެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ދަމާދޮރު ކަހާލައި ހަލުވިކޮށް ނުކުތެވެ. ރެއިލިންގަ އަތްއަޅުވާލައިގެން މަގުމައްޗަށް ބަލަން އޭނާ ހުއްޓެވެ. ގިނައިރެއްނުވެ އޭނާ ޔަގީންކުރަން ބޭނުންވީ ކަންތައް ޔަގީންވިއެވެ. އިމާރާތުގެ ތިރިން ނުކުތް ކަޅުކުލައިގެ ކާރު ފެނިފައެވެ. އިރުކޮޅަކު ރެއިލިންގަ ބޯއަޅާލައިގެން ގުދަށް އީހާން އޮތެވެ. ދެން އެތެރެއަށް ވަދެގެން އައިސް ސޯފާއަށް ވެއްޓިގަތެވެ. ނިތްކުރީގައި ހިފަހައްޓާލައިގެން ކަނދުރާ މައްޗަށް ޖަހައިގެން އީހާން އޮތެވެ. ކުއްލިއަކަށް ހަށިގަނޑު ތެދުކޮށްލުމާއެކު ޔަމާނަށް ގުޅާ ކެފޭގަތޯ ހުރީ އީހާން އޮޅުންފިލުވިއެވެ. އޭނާ ތެދުވެ ލަމްހާގެ ކޮޓަރީގައި ޓަކިޖެހިއެވެ. މަންމަ ކައިރީ ބޭރަށް ގޮސްފަ އަންނަން ކަމުގައި ބުނެ ގެއިން ނުކުތެވެ. ސައިކަލުގައި އީހާން އައީ ކެފޭއަށެވެ.

"ލައިޒަލް ކިހިނެއްވީ؟" ވާހަކައިގެ ތެރެއިން ލައިޒަލްއާ ބެހޭ ގޮތުން އީހާން ސުވާލު ކުރުމުން ޔަމާނު ބުންޏެވެ.

"އޭނަ ދައްކާވެސް ނުލާ. ގުޅާބަލަ!. ގުޅާފަ ބުނޭ އަންނާށޭ. އަހަރެމެން ކޮފީގައޭ." އީހާން ބުންޏެވެ. އޭނާގެ ރޭވުމަކީ ކޮބައިކަން ޔަމާނު ނުދެނަހުއްޓެވެ. އިހާނު ބުނި އެއްޗަކާ ޔަމާނު ވެސް އެއްބަސްވިއެވެ. ލައިޒަލްއަށް ގުޅީ އެހެންވެއެވެ. ނަމަވެސް ފޯނު ރިންގުވެފައި ކެނޑެނީއެވެ. އޭނާ ފޯނެއް ނުނަގައެވެ. ދެތިން ފަހަރަށް ޔަމާނު ގުޅީ އީހާން ކިޔާވަރުންނެވެ.

"މިގަޑީގަ އޭނާ ކޮންކަމެއް އޮންނާނީ." އީހާން އަހާލިއެވެ.

"އާންމުކޮށް މޫދުން އައިސް ގޭގަ އުޅޭނީ. ކާފަ ކައިރީގަ ކަންނޭނގެ. ގުޅާފަ އޮތްކަން އެނގުނީމަ ލައިޒަލް ގުޅާނެ." އިތުރަށް ނުގުޅަން ވެގެން ޔަމާނު ބުނެލިއެވެ.

"ޝީން ކޮބާ؟ ރިދާއާ ދެމީހުން ޓިކްޓޮކް ވީޑިއޯއެއް ހަދައިގެން އުޅޭ. ދުށީންތަ؟" ޔަމާނު އަހާލިއެވެ.

"ނުދެކެން." އީހާން ބުނެލީ ވީހާ ވެސް ކުރުކޮށެވެ. ޝީން ކޮށްފައި އޮތް މެސެޖުގެ މަތިން އޭނާ ހަނދާންވީ ދެނެވެ. ފޯނު ނަގައި އަލުން މެސެޖު ބަލާލިއެވެ. ޝީން ނުރުހުންވެފައިކަން އިހްސާސްވީ ދެނެވެ. ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެކަން އީހާނަށް ވިސްނުނެވެ. އޭނާ ވަގުތީ ގޮތުން ބަހަނާއެއް ހަދާލިއެވެ. ކެފޭގެ ކަމެއް ޖެހުނީއޭ ބުނެ މެސެޖު ކުރިއެވެ. ކެފޭ ބަންދުކޮށްފައި ގުޅާނަން ކަމުގައި އީހާން ބުންޏެވެ. ޝީންގެ ރައްދު އައީ ވަގުތުންނެވެ. ދަންވަރު ބައްދަލުކުރަން ބޭނުންނުވާކަން ބުނެފައެވެ. އިރުހުއްޓާ ތަނަކާއި ތަނަކާއި ވަގުތެއް ކަނޑައެޅުމަށް ޝީން ބުންޏެވެ. ފޯނު ހިފައިގެން އީހާން ތެދުވެ އެކަހެރިވެލިއެވެ. ޝީންއަށް ގުޅިއެވެ.

"ކިހިނެއް ތި ވާހަކަދައްކަނީ؟" ފޯނުކޯލު ޝީން ނެގުމާއެކު އީހާން ބުނެލިއެވެ. ޝީން ރައްދުދޭން އެންމެ ސިކުންތެއް ވެސް ނުނެގިއެވެ. ޝީންގެ ރުއްސަން އީހާން އުޅެންފެށުމުން މިފަހަރު އެއިން ބަހަކަށް ޝީން ނުހެއްލުނެވެ. އެއަށްވުރެ ބޮޑަށް އޭނާ އިނީ އީހާންދެކެ ނުރުހިފައެވެ. ދެބަސްވުމުގެ ފޯނުކޯލު ދިގުލައި ދިޔައެވެ. ހުދު އީހާނަށް ވެސް ކުރެވޭކަމެއް ނޭނގޭ ކަހަލައެވެ.

* * * * *

"ސޮރީ..." ހަމްދާން އެނބުރިލި ހިނދު ދުވާރުމަތިން މީހެއްގެ ގައިގާ އަޅައިގަތީއެވެ. ގާތުގައި ހުރީ އަންހެންކުއްޖެއްކަން އޭނާއަށް އެނގުނީ އޭނާގެ ކޮނޑުގައި އަތްލެވުނު ފަހުންނެވެ. ދެވަނަ ފަހަރަށް މަޢާފަށް އެދެމުން އަވަހަށް އަތް ދުރަށްލިއެވެ. އެ އަންހެންކުއްޖާ ސަމާލުކަމެއް ނުދިނެވެ. އަނގައިން ބުނުމެއްނެތި އޭނާގެ އެކުވެރިންތަކާއެކު ކުރިޔަށް ދިޔައީއެވެ. ނަމަވެސް އޭނާއަށް ބަލަން ހަމްދާނަށް ހުރެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. އެ އަންހެންކުއްޖާއަށް ފާހަގަ ނުވިޔަސް ހަމްދާނާ އޭނާ ބައްދަލުވި މީ ދެވަނަ ފަހަރެވެ. ފުރަތަމަ ބައްދަލުވީ ވިޔަފާރީގެ ކަމެއްގައި މީރާއަށް ގޮސް ހުއްޓައެވެ.

"އުޝާ..." މަޑުމަޑުން ހަމްދާން އެ އަންހެން ކުއްޖާގެ ނަން ކިޔާލިއެވެ.

ވަކި ހިސާބަކަށް ގޮސްފައި އުޝާއާ އެންމެ ގާތުގައި ހުރި އެކުވެރިޔާ ފަސްއެނބުރި ބަލާލިއެވެ. ހަމްދާނު ބަލަން ހުރުމުން އަވަހަށް އޭނާ މޫނު އަނބުރާލިއެވެ. ހަމްދާނު ބަލާކަން އުޝާ ކައިރީ އޭނާ ބުންޏެވެ. ނަމަވެސް ފަސްއެނބުރި ބެލުމުގެ ޝައުގުވެރިކަމެއް އުޝާގެ ނެތެވެ. އޮފީސް އެކުވެރީންނާއެކު ކޮންމެ ހަފްތާއަކު ވެސް ކޮންމެވެސް ކަމެއް އޮންނާނެއެވެ. މިރޭ ވެސް އެމީހުން އެދަނީ ރޭގަނޑުގެ ކެއުމެއް ނިންމުމަށްފަހު ހިނގާލާށެވެ. ގާޑިއާތައް ކައިރިއަށް ގޮސް މޮޅުބިލެތްގަނޑެއް ކާލަމުން އަނގަތަޅާލަން ތިބޭށެވެ.

"ކީއްވެ އޭނަ ދަންނަކަމަށް ނުހެދީ." އިހުނަށްވުރެ ކައިރިއަށް ޖެހިލާ ރިޔާޝާ ހިފާލީ އުޝާގެ އަތުގައެވެ.

"މީހަކު އަހާލާއިރަށް ނަން ބުނަންޖެހޭތަ." އުޝާ އެހެން ބުނީ ރިޔާޝާއާ ދިމާއަށެވެ.

"އޭނާ ހުތުރެއްނޫން، އެހާ ސްމާޓް، ހެންޑްސަމް ފިރިހެނަކު ނަން އެނގެން ބޭނުންވީމަ އުފާކޮށްބަލަ. ބިޓެއް ވެސް މިހާރު ނެތެއްނު." ރިޔާޝާއަށް އުޝާގެ ކަންކަން އެނގިފައި އޮތުމުން ބުނެލިއެވެ.

"އަހަރެން ލައިކްވާ ގޮތެއްނެތް." އުޝާ ނިކަން އަވަހަށް ބުނެލިއެވެ.

"އެނގޭ ކީއްވެކަން ލައިކްވާގޮތް ނެތީ... އަސްލު ބުނެބަލަ، ކާކު ހުންނަ ގޮތެއް އެއީ. އުޝާ މިހާތަނަށް ރައްޓެހިވި ހުރިހާ އެންމެން ވެސް ތިބެނީ އެއްވައްތަރަކަށް. ވަރަށް ފާހަގަވޭ އެކަން. ކޮބާތަ ސިއްރަކީ؟" ރިޔާޝާގެ އެ ސުވާލަށް އުޝާ ޖަވާބެއް ނުދޭނެކަން އޭނާއަށް އެނގެއެވެ. މީ އެ ސުވާލު އޭނާ ކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ވަކި ގޮތަކަށް ތިބޭ ފިރިހެނުން ކަމުދާންޖެހޭ ސަބަބެއް އޮންނާނޭ ކަމުގައި ރިޔާޝާ ގަބޫލުކުރެއެވެ.

"ބަލާބަލަ... އެއޮއް ކާރު ކައިރީ ހުރި ފިރިހެންމީހާ ކަމުދާނެ. އެއީ އުޝާގެ ސްޓައިލް މީހެއް." މާލޭގެ ބޭރުމަގުން ކާރަކަށް އަރަން އައި ދެ ޒުވާނުން ދައްކާލަމުން ރިޔާޝާ ބުންޏެވެ.

އެ ދިމާ ބަލާލި އުޝާގެ ފިޔަވަޅު މަޑުޖެހުނެވެ. އޭނާއަށް ފެނުނީ ލައިޒަލްއެވެ. އަންހެންކުއްޖަކު އޭނާގެ ކާރަށް އެރުވިތަނެވެ. އެއީ ކާކުކަމެއް ވަކިކުރާކަށް އުޝާއަކަށް ނޭނގުނެވެ. އުޝާ ބަލަން ހުއްޓާ ލައިޒަލް ކާރުގެ ދޮރުފަތް ލައްޕާލާފައި ގޮސް އަނެއްފަރާތުން ކާރަށް އެރީއެވެ.

"ކޮބާ! މަބުނީމެންނު... އެކަމަކު ކީއްކުރާނީ، ހުސްކޮށެއްނޫން އެ ހުރީ." ރިޔާޝާގެ އަޑުގައިވި ސަމާސާއާ ދިމާކުރުމެވެ. އޭނާ ހެމުން އުޝާގެ އަތަށް ދަމާލިއެވެ. ހިނގައިގަތް ނަމަވެސް ލައިޒަލްގެ ކާރު ދަންދެން އުޝާއަށް އެ ދިމާ ބެލުނެވެ.

"ކާކާއެއްކޮށްބާ؟" އުޝާގެ ހިތުގައިވިއެވެ. ރިޔާޝާއާއި ދެންތިބި އެކުވެރީންގެ ކުރިމަތީ އޭނާއަށް ލައިޒަލް އެނގޭ ކަމަކަށް ނުހެދިއެވެ.

* * * * *

"ލަމްހާ!... ލަމްހާ ދޯ ތީ." ވިޔަފާރިކޮށްގެން ސުޖާއުއާއެކު ފިހާރައިން ނުކުތް ލަމްހާގެ އަތުގައި އަންހެނަކު ހިފެހެއްޓިއެވެ.

"ތީ ކާކުކަމެއް ނޭނގޭ." ފަރުވާތެރިކަމާއެކު އެ އަންހެންމީހާއަށް ލަމްހާ ބަލާލިއެވެ.

"ސަލީމާ މީ. ނަސްރާއާ އިނދެގެން އުޅުނު ރިޔާޒު..."

"ރިޔާޒުގެ ދައްތަ." ސަލީމާގެ އަނގައިގަ ބަސް އޮއްވާ ލަމްހާ ބުނެލިއެވެ. އޭރު އޭނާ ހީވަނީ ބިރެއްފެނިފައި ހުރި ހެންނެވެ. ހާސްވީވަރުން ސުޖާއުގެ މުލައްދަނޑީގައި ހިފާލައި ފިރިމީހާއާ ގާތަށް ޖެހިލެވުނެވެ.

"އެނގިއްޖެ ދޯ... ކިހިނެއްތަ؟ ހުޅުމާލޭގަތަ އުޅެނީ؟ މީ ފިރިމީހާތަ؟" ސަލީމާ ވާހަކަދެއްކިއެވެ.

"ރަނގަޅު. ވަރަށް ލަސްވެގެން މިދަނީ." ލަމްހާ ބުނެލީ ނިކަން އަވަހާއެވެ. ސުޖާއުގެ އަތުގައި ހިފައިގެން ހުރެ އޭނާ ހަލުވިކޮށް ހިނގައިގަތީއެވެ. ސަލީމާއާ ވާހަކަދައްކަން ބޭނުންނުވެގެންނެވެ.

"ލަމް... ކާކު އެއީ؟ ލަމްހާ..." ލަމްހާގެ ހިނގުން މަޑުކުރުވަމުން ސުޖާއު އަހާލިއެވެ. އަނބިމީހާގެ މޫނުން ފާޅުވިތަން އޭނާ ދުށީ މީގެ ކުރީން ދެކެފައިނުވާ އަސަރެކެވެ. މީހާ ބިރުން ގޮސް ފިތްކަނޑައިގެން ގޮސްފައި ހުރި ކަހަލައެވެ. ދަލުން މީހާ ފޯވަނީކަން އެ މޫނުން ރޮނގުދެމޭ ފެންތިކިތަކުން ފެނެއެވެ. އެވަރަށް އޭނާ ކަންބޮޑުވެ ހާސްވާން ޖެހުނު ސަބަބެއް ސުޖާއު އެނގެން ބޭނުމެވެ.

"ހިނގާ ގެއަށް ދާން." ލަމްހާ ބުންޏެވެ. އަނބިމީހާގެ ދެ ލޯ ފެނުމުން ސުޖާއު އަވަހަށް ބޯޖަހާލިއެވެ.

* * * * *

ނީރާ ގެއަށް ވަންއިރު ސޯފާގައި އީހާން އިނެވެ. ކޮފީމޭޒަށް ދެފައި އަރުވާލައިގެން ޓީވީއިން ފެންނަމުންދިޔަ އިނގިރޭސި ފިލްމެއް ބަލާށެވެ. ނީރާއަށް އަތުން އިޝާރާތްކޮށްލަމުން އަންނާށޭ އީހާން ބުނެލިއެވެ. އެއާއެކު ނީރާ އައިސް އީހާން ކައިރީ އިށީނެވެ. އޭނާގެ އަތުގައި ހިފައި އީހާން ދަމާލީ ކައިރިއަށެވެ. ނީރާގެ ކޮނޑަށް އަތްވައްޓާލަމުންނެވެ.

"އައިސްކްރީމް ގެނެސްފަ ހުންނާނެ." އީހާން ބުނެލިއެވެ.

"ލެޓްސް އީޓް. މަންމަ ނިދީތަ؟" ނިކަން ހިނިއައިސް ނީރާ ބުންޏެވެ.

"މަންމަ ބޮލުގަ ރިއްސާތީ އުޅެނީ. ބޭބެ އެބައުޅޭ ކޮޓަރީގަ. މިތަންކޮޅު ބަލާލާފަ އައިސްކަރީން ކާނީ." އީހާން މިހެންބުނެ ނީރާ ތެދުވިޔަ ނުދީ ހިފެހެއްޓިއެވެ. ކޮނޑުގައި ހިފާލަމުން އީހާންގެ އަތްދަށަށް ނީރާ ބޮޑަށް ޖައްސާލިއެވެ. ޓީވީއަށް ނީރާގެ ސަމާލުކަން ހުއްޓުމުން އީހާން ސިއްރުން މޫނު ކައިރިކޮށްލިއެވެ. ނީރާގެ އިސްތަށިގަނޑާއި ކަރުދޮށުން ވަސްބަލާލިއެވެ. ފިރހެން ސެންޓެއްގެ ވަސް ނީރާގެ ގައިގާ ހަރުލާފަ ހުއްޓެވެ.

"ރިދާގެ ވީޑިއޯ ބެލިންތަ؟ އެބައިން ގުރޫޕަށް ލާފަ." އަތްދަބަހުން ފޯނު ނަގަމުން ނީރާ ބުންޏެވެ.

"ޔާނު ދެއްކި ވީޑިއޯއެއްގެ ވާހަކަ." އީހާން ހަނދާން ހުރީތީ ބުނެލިއެވެ. ޝީންގެ ޓިކްޓޮކް އެކައުންޓަށް ލާފައި އޮތް ވީޑިއޯ އީހާނަށް ނީރާ ދެއްކިއެވެ. އެ ވީޑިއޯއާ ގުޅުވާ ނީރާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އީހާން އިންއިރު އޭނާގެ ނަޒަރު ހުރީ ފޯނަށްވުރެ ނީރާގެ މޫނަށް ހުއްޓިފައެވެ. ހިޔާލެއް ފިކުރެއްނެތި އެގޮތަށް އޭނާގެ ގާތުގައި ނީރާ އިންނަ އިނުން އީހާނަށް ކަމުދެއެވެ. ދެމީހުންގެ ދެމެދުގައި ޖަހާ ސަކަރާތާއި އެކަކުއަނެކަކަށް ކުރާ ޖެއްސުމުގައިވަނީ ގާތްކަމާއި ކުލުންވެރިކަމެވެ. އީހާންގެ ތުންފަތް ލަސްގޮތަކަށް ދެމިލިއެވެ.

* * * * *

ޖެހިގެން އައި ދުވަހެވެ. ލިފްޓުން ނުކުމެގެން އައި ޝީން ޕާކުކޮށްފައި އޮތް ކާރަށް އެރިއެވެ. ދުއްވަން އިން އީހާނަށް އޭނާ ބަލާލިއެވެ. އެހާ އަވަހަށް އޭނާ މޫނު އަނބުރާލިއެވެ. އެހިނދު ޝީންއަށް ގޮވާލުމާއެކު އޭނާގެ ކޯތާފަތުގައި އީހާން އަތްތިލަ ޖައްސާލިއެވެ.

"އަދިވެސް ރުޅިއައިސްފަ. އައި އޭމް ސޮރީ... ޕްލީޒް." އީހާން ބުނެލިއެވެ.

"ހިނގާދާން." އީހާންގެ އަތް ކޯތާފަތާ ދުރުކޮށްލަމުން ޝީން ބުނެލިއެވެ.

އިމާރާތުގެ ތެރެއިން މަގަށް ކާރު ނެރުނެވެ. އަދި ކަނޑައަޅާފައި އޮތް މަންޒިލާ ދިމާއަށް އީހާން ކާރު ދުއްވާލިއެވެ. ދަތުރުގެ ހުރިހާ ވަގުތެއްގަ ކާރުތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ދޭތެރެއަކުން އީހާން ޝީންއަށް ބަލާލައެވެ. ނަމަވެސް ކާރު ދުއްވާލީއްސުރެ ޝީން އިނީ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއްފަހަރު ވެސް އީހާނަށް ބަލާނުލާއިރު ހީވަނީ ފިކުރަކަށް ގެއްލި އިނީ ހެނެވެ. ކާރުން ފައިބާ ރެސްޓޯރެންޓްގެ "ރޫޕްޓޮޕް"އަށް އީހާނާއެކު ޝީން އެރިއެވެ. މޭޒުތައް ފެންނަނީ ހުސްކޮށެވެ. އެހެންވެ ބޭނުން ދިމާއެއްގައި އިށީނުމުގެ ފުރުސަތު އެމީހުންނަށް އޮތެވެ.

"މިތަން އޯކޭތަ؟" ވަށާފާރުކައިރީ ކަނަކަށް ވާހެން ހުރި މޭޒު ކައިރީ އީހާން މަޑުކޮށްލިއެވެ. ދެ މީހުން އިށީނީ އެ މޭޒު ދޮށުގައެވެ. މެންދުރުވާން އުޅޭއިރު އެގަޑީގަ ކާން ގެންނަން އީހާނު ހިޔާލުދިނެވެ. އެކަމަކު ޝީން އެއްބަހެއްނުވިއެވެ. އެއަށްވުރެ ދެމީހުންގެ ދެމެދުގައި ވާހަކަދެއްކުން އޭނާއަށް މުހިންމެވެ.

"އޮރެންޖު ޖޫސްތަށްޓެއް އެކަނި. ކާކަށްނޫން މިއައީ. އިރުކޮޅަކުން ނީރާ ދާގަޑި ޖެހޭނެ. އެހާތަނަށް އަހަރެންގެ ވާހަކަ ބުނަން ބޭނުން. އެހެންނޫނީ މިއަދުވެސް އެއްވެސް ވާހަކައެއް ނުދެއްކި އީހާން ދާނީ. ދެން މިރޭ ދަންވަރު އީހާނަށް ޓައިމްވާނީ." ޝީންގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

"ހުއްޓާލާ ޝީން!. ހެޔޮނުވާނެ!..." މޭޒުމަތިން ޝީންގެ އަތުގައި ހިފާލަން އީހާން އުޅުމުން އެ ފުރުސަތު ޝީން ނުދިނެވެ. ފޫހިކަމުގެ އަޑެއް އީހާން ލައްވާލިއެވެ.

"ދެން ދައްކަބަލަ ތި ދައްކަން އުޅޭ ވާހަކައެއް." ވެއިޓަރު އޯޑަރު ނަގައިގެން ދިއުމުން ގަޔާނުވެފައި އިނދެ އީހާން ބުންޏެވެ. (ނުނިމޭ)