ޑރ. މުހައްމަދު މުއިއްޒު

ގުޅިފަޅު މައްސަލަ އަދިވެސް ކޮޅެއްގައި ނުޖެހޭ: މުއިއްޒު

ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން މިހާރުގެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި އަދިވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގުޅިފަޅަކީ ގެދޮރުވެރިންގެ މަންޒިލަކަށް ހެއްދެވުމަކީ މުއިއްޒުގެ ވައުދެކެވެ. މިއަދު މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ގުޅިފަޅުގެ ޕްލޭނުގެ އަޕްޑޭޓެއް މުއިއްޒު ވަނީ ދެއްވާފައެވެ.

ގުޅިފަޅުގައި ރަނގަޅު ފެންވަރެއްގެ ޕޯޓެއް އަޅަން ސަރުކާރުން ޕްލޭންކޮށްފައި އޮތް ނަމަވެސް ސިޓީ ކައުންސިލުން ބޭނުންވަނީ އެ ޕްލޭން ބަދަލުކޮށް އެ ތަނަކީ ގެދޮރުވެރިންގެ މަންޒިލަަކަށް ހަދާށެވެ. އަދި އެކަން ރަސްމީކޮށް މުއިއްޒު ވަނީ ސަރުކާރަށް ހުށަވެސްއަޅުއްވައިފަ އެވެ.

ނަމަވެސް އެކަމުގައި ކުރިއެރުމެއް ލިބިފައިނުވާ ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާތަނަށް ރައީސް އޮފީހާ މުއާމަލާތް ކުރެވޭ. ސިޓީ ފޮނުވިއްޖެ ވަރަށް ގިނަ ފަހަރު. ދެން ކުރިއެރުމެއް ނުލިބޭ، ނަމަވެސް އަޅުގަނޑުމެން އުއްމީދެއް ގެއްލުވާ ނުލަން. އަޅުގަނޑަށް ހަމަ ވަރަށް ޔަގީންކުރެވޭ ސަރުކާރުން މާލޭ ރައްޔިތުންގެ އަޑުއަހާނެ ކަމަށް ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވާނެ ކަމަށް." މުއިއްޒު ވިދާޅުވި އެވެ.

އެ މައްސަލައިގައި އަލިމަގެއްް ނުފެނިއްޖެނަމަ ކޯޓަށްދާން ވެސް ސިޓީ ކައުންސިލުން މީގެ ކުރިން ފާސްކޮށްފައި ވެއެވެ. ނަމަވެސް މުއިއްޒު މިއަދު ވިދާޅުވީ އަދި އެ ވިސްނުން ނެތް ކަމަށާއި އެފަދައިން އަމަލުކުރާނީ އެންމެ ފަހުގެ "އޮޕްޝަނެއް" ގެ ގޮތުގައި ކަމަށެވެ. އެ ހިސާބަށް ދާން ޖެހޭނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުގައި ޕޯޓެއް ހެދުމަށް ފަހު އެތަނުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރާށެވެ.