ކޮވިޑް ވެކްސިން

ވެކްސިން ފުރިހަމަ ނުކުރަނީ 10 ރިސޯޓެއްގެ މުވައްޒަފުން

Aug 5, 2021

ރާއްޖޭގައި ހިންގާ 10 ރިސޯޓެއް ފިޔަވާ ބާކީ ހުރި ހުރިހާ ރިސޯޓުތަކެއްގެ ހުރިހާ މުވައްޒަފުން ކޮވިޑް 19ގެ ވެކްސިން ފުރިހަމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އަވަސްއާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި 157 ރިސޯޓް އޮތް އިރު 147 ރިސޯޓެއްގެ ހުރިހާ މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ

ރިސޯޓުތަކުގައި މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަނީ 41،470 މީހުންނެވެ. މީގެތެރެއިން 40،407 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ 97.44 ޕަސަންޓް މުވައްޒަފުންނެވެ. އަދި 37،776 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފަ އެވެ. އެއީ 91.09 ޕަސަންޓް މުވައްޒަފުންނެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފެށީ "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގަ އެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ޓޫރިޒަމް މިނިސްޓްރީއާއި އެޗްޕީއޭއާއި އެމްއެމްޕީއާރްސީއާ ރިސޯޓުތައް ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިސޯޓުތަކުގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމަށް ފަސް މަސް ދުވަސްވާއިރު ހޯދިފައިވާ ކުރިއެރުންތަކަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

"ހަގީގަތުގައި ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ވެކްސިން ޖެހުމަކީ ގިނަ ފަތުރުވެރިން ގެނައުމަށް ލިބިގެންދާނެ ފުުރުސަތެއް. ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއް،" އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް 626،314 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.