ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް -19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ދެ ޑޯޒް ރާއްޖޭގެ އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިޝަލުން ފުރިހަމަކޮށްފި އެވެ.

އިމިގްރޭޝަން އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކޮވިޑުން ދިފާއުވާން އެ އިދާރާގެ ހުރިހާ ބޯޑާ އޮފިޝަލުން ވެކްސިން ފުރިހަމަކުރި ގޮތަށް އެހެން އިދާރާތަކުގެ މުވައްޒަފުންވެސް ނަމޫނާ ދެއްކުމަށް ގޮވާލާފަ އެވެ. އަދި ކޮވިޑުން ދިފާއުވާން އޮތް އެންމެ މޮޅު ވަސީލަތަކީ ވެކްސިންކަންވެސް ފާހަގަކޮށްފައިވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ހަނަފީ މިއަދު ވިދާޅުވީ އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިޝަލުން ވެކްސިން ޖަހައި ލަނޑުދަނޑި ހާސިލުވުމުން އުފާވާ ކަމަށެވެ. އަދި ބޯޑާ އޮފިޝަލުން ވެކްސިން ފުރިހަމަކުރުމުން އެތައް ހާސް ފަސެންޖަރުންގެ ރައްކާތެރިކަންވެސް ކަށަވަރުކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މަސައްކަތް ކުރާ 121 ބޯޑާ އޮފިޝަލުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ 108 ބޯޑާ އޮފިޝަލުން ވެސް ހިމެނެ އެވެ.

އިމިގްރޭޝަންގެ އެހެނިހެން ހިދުމަތްތަކުގައި 175 މުވައްޒަފުން މަސައްކަތްކުރާއިރު އޭގެތެރެއިން 97 ޕަސެންޓް މުވައްޒަފުން ވެސް މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އިމިގްރޭޝަންގެ ބޯޑާ އޮފިޝަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި އިރު ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ ސަރުކާރުގެ މުވައްޒަފުން މިމަހުގެ 15ގެ ކުރިން އެއް ޑޯޒް ފުރިހަމަކުރަން ވަނީ އަންގާފަ އެވެ.

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަންނަ މަހުން ފެށިގެން ސުކޫލްތަކަށް ނުވަދެވޭނެ ކަމަށް އެޑިުކޭޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް މިދިޔަ ހޮނިހިރު ދުވަހު އަލުން ވަނީ ފަށާފަ އެވެ. އަދި ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިލްތިމާސްކުރައްވާފަ އެވެ. ސަރުކާރުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އުމުރުގެ 90 ޕަސަންޓް މީހުން ވެކްސިން ފުރިހަމަކުރުމެވެ.