އިބްރާހިމް އަމީރު

މިނިސްޓަރު އަމީރު ޔޫއޭއީ އަށް ވަޑައިގެންފި

Aug 6, 2021

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީ އަށް ވަޑައިގެންފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓަރުގެ މިދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި މެދުއިރުމަތީގެ އިންވެސްޓަރުންނާ ބައްދަލުކުރައްވާ، ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ދާއިރާތައް އޮޅުންފިލުއްވައިދީ އިންވެސްޓަރުންގެ އިތުބާރު ހޯދަން މަސައްކަތް ކުރައްވާނެ އެވެ.

ކޮވިޑް 19އާއި ގުޅިގެން މުނި ދުނިޔޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔައިރު ރާއްޖެ އަކީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމެވެ.

ރާއްޖެއަށް ލިބުނު ގެއްލުންތަކަށް ކޮންމެވެސް ވަރެއްގެ ވަގުތީ ހައްލުތަކެއް ހޯދީ ބޭރުގެ މާލީ އިދާރާތަކުން ލޯނު ނަގައިގެންނާއި ހިލޭ އެހީ ހޯދައިގެންނެވެ.