މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ލިބުނު ސާފު ފައިދާ 26 ޕަސެންޓް ދަށްވެއްޖެ އެވެ.
ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ މި އަހަރު ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.5 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ. މިއީ 26 ޕަސެންޓުގެ ދަށްވުމެކެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބިފައިވާ އެއް ކުންފުންޏަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 291 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އެކަމަކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 357 މިލިއަން ރުފިޔާ އެވެ.
ދެން އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 52 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ލިބުނު ސާފު ފައިދާވަނީ 61 މިލިއަން ރުފިޔާއަށް އިތުރުވެ 16 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.
މީގެ އިތުރުން ސާފު ފައިދާ ލިބުނު އަނެއް ކުންފުންޏަކީ މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.7 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.7 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.
ސަރުކާރު ކުންފުނި ތަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ދަށްވިއިރު ސަރުކާރު ކުންފުނިތަކުގެ ދަރަނި މަތިވުމުގެ ކަންބޮޑުވުން އައިއެމްއެފުން ދާދިފަހުން ވަނީ ފާޅުކޮށްފަ އެވެ.