މަސައްކަތުގެ ޕްރެޝަރު ބޮޑުވެގެން ހަދާނެ ގޮތް ހުސްވެ އިންޑިއާގެ ބެންގަލޫރޫގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުގެ ޓެރަސް މަތިން ފުންމާލައފި އެވެ.
ބުދަ ދުވަހު ހިނގި މި ހާދިސާގައި ޑޮކްޓަރުން ފުންމާލާފައިވަނީ އަށް ބުރިއަށް ހަދާފައި ހުރި އިމާރާތެއްގެ މަތިންނެވެ. ޑރ. އަމްބަރިޝް ވިޖޭ ރާގަވް އަކީ އެމްއެސް ރާމައިއާ މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލުގެ އެސޯސިއޭޓް ޕްރޮފެސަރެކެވެ.
ޑޮކްޓަރު ފުންމާލައިގެން އަމިއްލައަށް ފުރާނަ ދުއްވާލި ސަބަބު އަދި ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި ލަފާކުރެވެނީ މަސައްކަތުގެ ޕްރެޝަރު ބޮޑުވެގެން ކުރި ކަމެއްހެން ކަމަށް ބެންގަލޫރޫ ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި ބުދަ ދުވަހު ހެނދުނު ވެސް އާދަކޮށް ހޮސްޕިޓަލަށް އަންނަ ގަޑި ކަމަށްވާ 9.30ގައި ޑޮކްޓަރު ހޮސްޕިޓަލަށް އައިސް މަސައްކަތުގައި މަސްއޫލުވެ އުޅުނެވެ. އޭނާގެ ފަރާތުން އެއްވެސް މައްސަލައެއް އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށާއި އެކުގައި މަސައްކަތްކުރާ މީހުންނަށް އާދަކޮށް ވާހަކަ ދައްކާ އުޅޭ ގޮތަށް އެ ދުވަހު ވެސް ޑޮކްޓަރު ވާހަކަ ދައްކާ ހެދިކަމަށް ވެސް ފުލުހުން ބުނެ އެވެ.
"ރޭގަނޑު ގާތްގަނޑަކަށް 11.45 ހާއިރު ޑޮކްޓަރު ވެއްޓުނީ ރާމައިއާ މެމޯރިއަލް ހޮސްޕިޓަލު ބިލްޑިންގްގެ ޓެރަސް މަތިން. އެއީ އަށް ބުރިއަށް ހަދާފައި ހުރި ތަނެއް. ގާޑުންނަށް މި މަންޒަރު ފެނިގެން ވަގުތުން ގޮސް ޑޮކްޓަރު ނަގައިގެން ހޮސްޕިޓަލުގެ އިމަޖެންސީއަށް ވެއްދިއިރު ވެސް އޮތީ މަރުވެފައި. ޑޮކްޓަރު ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ ހެނދުނު 10.30 ހާއިރު. އޭރު އޭނާ ފޯނުން މީހަކާ ވާހަކަ ދައްކަން ހުއްޓާ ފެނިފައިވާ ކަމަށް ބައެއް މީހުން ހެކިބަސް ދީފައިވޭ. އަދި އެ ވަގުތު އޭނާ ދައްކަމުން ދިޔައީ ކާރު މަރާމާތުކުރާ ވާހަކަ ކަމަށްވެސް ބައެއް މީހުން ބުނެފައިވޭ،" ފުލުހުން ބުންޏެވެ.
ޑރ. އަމްބަރިޝްގެ އަންހެނުންނަކީ ވެސް އޭނާއާ އެއް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. ފުލުހުން ޑރ. އަމްބަރިޝްގެ އަންހެނުންގެ ބަޔާން ވެސް ނަގާފައިވާއިރު އޭނާ ބުނެފައިވަނީ ޑރ. އަމްބަރިޝް އަށް އެއްވެސް މައްސަލައެއް ކުރިމަތިވެގެން އުޅޭ ވާހަކަ އޭނާ ކައިރީ ބުނެފައި ނުވާ ކަމަށެވެ. ކޮވިޑް-19ގެ ޕެންޑެމިކްގެ ސަބަބުން މަސައްކަތް ބުރަވެ ވަރަށް ބޮޑަށް ސްޓްރެސް ވެފައި ޑޮކްޓަރު ހުރިކަމަށް އޭނާގެ އަންހެނުންގެ ބަޔާނުގައި ބުނެފައިވެ އެވެ.