ބޮލީވުޑް

"ބެލް ބޮޓަމް"ގައި ލާރާގެ އިންދިރާ ގާންދީ ރޯލު ވަރަށް ފުރިހަމަ

"ބެލް ބޮޓަމް" ޓްރެއިލާ

ގާތްގަނޑަކަށް 20 އަހަރަށް ދެމިގެން ދިޔަ ފިލްމީ ކެރިއަރުގައި ލާރާ ދައްތާ ގިނައިން ކުޅެފައިވަނީ ވަރަށް ޒަމާނީ އަންހެން ކެރެކްޓާ ތަކެވެ. އެހެންކަމުން އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އިންދިރާ ގާންދީ ފަދަ ޝަޚްސިއްޔަތެއްގެ ބައި ކުޅެލަން ލިބުން އެއީ ލާރާ ހުވަފެނަކުން ވެސް ދެކެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް އަކްޝޭ ކުމާރުގެ އާ ފިލްމު "ބެލްބޮޓަމް"ގައި ލާރާ ކުޅެފައިވަނީ އިންދިރާ ގާންދީގެ ރޯލެވެ.

"ބެލްބޮޓަމް"ގެ ޓްރެއިލާ މިހާރު ލޯންޗުކޮށްފައިވާއިރު ޓްރެއިލާ ބެލި ގިނަ ބަޔަކަށް އެންމެ ފާހަގަ ކުރެވުނީ އިންދިރާ ގާންދީއާ ލާރާ ވައްތަރުކަމެވެ. އަދި އިންދިރާގެ ހަރަކާތްތައް ލާރާ ކޮޕީކޮށްފައި ހުރިލެއް މޮޅު ކަމެވެ.

ސޯޝަލް މީޑިއާގައި ލާރާ ޓްރެންޑް ވާން ފެށީ މި ޓްރެއިލާގައި ލާރާ ފެނުނުލެއް މޮޅުކަމުންނެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗުކުރަން ބޭއްވި އިވެންޓުގައި ވާހަކަ ދއްކަމުން ލާރާ ބުނި ގޮތުގައި އެ ފިލްމުގެ ސްކްރިޕްޓް އަޑު ނީވެނީސް އޭނާ ފިލްމު ކުޅެން އާނއެކޭ ބުނި ކަމަށެވެ. ސަބަބަކީ އެއީ މަދު ފަހަރަކު ނޫނީ ކުޅެން ނުލިބޭ ވަރުގެ އައިކޮނިކް ކެރެކްޓާއަކަށް ވާތީ އެވެ.

"މިއީ އެކްޓަރެއްގެ ކެރިއަރުގައި މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް. އަހަންނަކަށް ހިއެއް ނުވޭ އެއްވެސް އެކްޓަރަކަށް މިފަދަ ފުރުސަތަކަށް ނޫނެކޭ ބުނާނެހެނެއް،" ލާރާ ބުންޏެވެ.

ލާރާ ބުނި ގޮތުގައި އޭނާގެ ދަރިފުޅާއި ފިރިމީހާ ވެސް މި ޓްރެއިލާ ބަލާފައި ވަރަށް ހައިރާންވެގެން އުޅުނު ކަމަށެވެ.

އިންދިރާ ގާންދީއާ ވައްތަރު ވުމަށްޓަކައި ޝޫޓިން އޮންނަ ކޮންމެ ދުވަހަކު ތިން ގަޑިއިރު ޕްރޮސްތެޓިކް މޭކަޕް ލާރާ ކުރަން ޖެހުނެވެ. އަދި ޝޫޓިން ނިންމާފައި މި މޭކަޕްތައް ފިލުވަންވެސް ގަޑިއެއްހާއިރު ނެގި ކަމަށް ލާރާ ބުންޏެވެ.

ޕްރޮސްތެޓިކްގެ އެހީގައި އުމުރުން ދުވަސްވެފައި ހުރި އިންދިރާގެ ސިފައަށް ލާރާ ސިފަ ބަދަލުކޮށްލަ އެވެ. އަދި އިންދިރާގެ ހެއާ ސްޓައިލް ހުންނަ ގޮތަށް އިސްތަށިގަނޑު ހެދުމަކީ ވެސް ވަރަށް ބުރަ މަސައްކަތެއް ކަމަށް ލާރާ ބުންޏެވެ.

މިފަދަ ތާރީޚީ ކެރެކްޓާއެއް ކުޅެން ލާރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ލާރާ ދައްތާގެ ބައްޕަ ރިޓަޔާޑް ވިންގް ކޮމާންޑަރު އެލް.ކޭ ދައްތާ އަކީ އިންދިރާ ގާންދީގެ ޕާސަނަލް ޕައިލެޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި މީހެކެވެ.

"އިންދިރާ ގާންދީ ގޮވައިގެން ވަރަށް ގިނަ ރަށްތަކަށް ބައްޕަ އުދުހިފައިވޭ. މި ދަތުރުތަކުގައި ވަރަށް ގިނަ ވަގުތު އެ ކަމަނާއާ އެކު ބައްޕަ ހޭދަކުރި. އެހެންވީމާ އެކަމަނާގެ ހަރަކާތްތައް ހުންނަ ގޮތާއި ހެލިކޮޕްޓަރަށް އަރާއިރު ސާޅިގައި ހިފަހައްޓާ ގޮތާއި އެކި ރެލީތަކުގައި ވާހަކަ ދައްކަން އަރާއިރު އަދި ހުންނައިރު ހަރަކާތްތައް ހުންނަ ގޮތް ބައްޕައަށް ވަރަށް ރަނގަޅަށް އެނގޭ. އެހެންވެ އަހަރެންގެ ޕާފޯމަންސް ރަނގަޅުކުރަން ބައްޕަގެ ތަޖުރިބާގެ ބޭނުން ވަރަށް ހިފުނު،" ލާރާ ބުންޏެވެ.

ރަންޖިތު ތިވާރީ ޑައިރެކްޓްކޮށްފައިވާ "ބެލްބޮޓަމް" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.