ބޮލީވުޑް

ބްރޭކް ނެގީ އެއް ފާޑެއްގެ ރޯލު ނުކުޅެންވެގެން: ލާރާ

ބަތަލާ ލާރާ ދައްތާ ފިލްމެއް ނުކުޅޭތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. ލާރާ ފިލްމު ނުކުޅެނީ ކޮންމެހެން އޭނާއަށް ކުޅޭނެ ފިލްމުތައް ނުލިބޭތީ އެއް ނުނެވެ. ދާދިފަހުން އިންޑިޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ލާރާ ބުނެފައިވަނީ ފިލްމު ކުޅުމާ ދުރުގައި ދުވަސްކޮޅަކު މަޑުކޮށްލީ ލިބޭ ރޯލުތަކާ ހިތްހަމަ ނުޖެހޭތީ ކަމަށެވެ.

"ބަތަލުގެ އަންހެނުން ނުވަތަ ލޯބިވެރިޔާގެ ރޯލު ކުޅެން އަބަދުވެސް ލިބެނީ. އެހެންވެ ޗެލެންޖިން ރޯލު ކުޅެން ބޭނުންވާތީ ބްރޭކެއް ނެގީ،" ލާރާ ބުންޏެވެ.

ލާރާ ބޮލީވުޑަށް ނުކުތީ 2003 ގައި ރިލީޒްކުރި "އަންދާޒް" އިންނެވެ. އޭގެ ފަހުން 10 ވަރަކަށް އަހަރު ލާރާގެ ފިލްމުތައް މެދުކެނޑުމެއް ނެތި ނުކުތެވެ. ނަމަވެސް 2015 އިގެ ފަހުން ލާރާގެ ފިލްމުތައް ފެންނަލެއް ވަރަށް ބޮޑަށް މަދުވެފައި ވެއެވެ.

ލާރާ ބުނި ގޮތުގައި އެކްޓިން ކެރިއަރު ކުޑަކޮށް ފަހަތަށް ޖައްސާލުމުގެ އަނެއް ބޭނުމަކީ ދަރިފުޅު ސާއިރާ އާއެކު ހޭދަކުރާ ވަގުތު އިތުރު ކުރަން ބޭނުން ވާތީ އެވެ.

"އުމުރުން 30 ވަރަކަށް އަހަރު ވަންދެން އަހަރެން އުޅުނީ ވަރަށް ބިޒީކޮށް. އޭރު ލިބުނުހާ ފިލްމެއް ކުޅުނިން. އޭރު އިންޑަސްޓްރީގެ މީހުން ބޭނުންވަނީ ވަރަށް ފެޝަންވެފައި ހުންނަ ޒަމާނީ އަންހެންކުއްޖެއްގެ ރޯލު ކުޅުވަން. ނަމަވެސް އުމުރު މަތިވާ ވަރަކަށް އެފަދަ ރޯލުތަކަށް އޮތް ޝައުގުވެރިކަން ކެނޑުނީ،" ލާރާ ބުންޏެވެ.

ލާރާ، 43، ބުނި ގޮތުގައި ގްލޭމާ ރޯލުތައް ކުޅުމުގެ ޝައުގުވެރިކަން ކެނޑެން ފެށުމުން ދެން އޭނާ ސަމާލުކަން ދިނީ ކޮމެޑީ ފިލްމުތައް ކުޅޭށެވެ. ސަބަބަކީ އެފަދަ ފިލްމުތަކުގައި އެކްޓަރުންނަށް މޮޅަށް ޕާފޯމް ކުރާނެ ފުރުސަތު ބޮޑުވީމަ އެވެ. އެގޮތުން އޭނާ ވަނީ "ނޯއެންޓްރީ"، "ޕާޓްނާ" އަދި "ހައުސް ފުލް" ފްރެންޗައިސްގެ ފިލްމުތައް ލާރާ ވަނީ ކުޅެފަ އެވެ.