ވާހަކަ

ވީމޭ ކަލާޔާނުލާ

(2 އޯގަސްޓު 2021އާ ގުޅޭ)

ޝީލާގެ ލޮލުން އޭނާ އޮހޮރުވައިލި ކަރުނަތައް ފޮހެލަމުން، އޭނާ ހިނގައިގަތީ ކުރިއަށެވެ. އަދި ގޮސް ހުއްޓުނީ ލިވިޔާގެ ގާތުގައެވެ. އެވަގުތު ވެސް ލިވިޔާގެ ލޮލުން ދިޔައީ ހޯސް ލާފައި ކަރުނަތައް ފައިބަމުންނެވެ.

"އަހަރެންނަށް އެނގޭ މީ އާދައިގެ ކަމެއް ނޫންކަން. މީ ވަރަށް ބޮޑު ކަމެއް. ލިވިޔާ ތި ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް، އަހަރެން މި ވާހަކަ ތަކުރާރު ކުރާނަން!" ޝީލާ ހިފައިލީ ލިވިޔާގެ އަތުގައެވެ. އަދި ޝީލާގެ އަތުގެ ނުފުށުން ލިވިޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެން ފެށިއެވެ. އެއްވެސް އެއްޗެއް ނުބުނެ ލިވިޔާ އިނީ ހުއްޓިފައެވެ. ބުނަންވީ ކީކޭ ކަމެއް، ހަދަން ވީ ގޮތެއް ލިވިޔާ އަކަށް ނޭނގެއެވެ.

ފުންކޮށް ދެތިން ނޭވާއެެއް ލަމުން، ޝީލާ އޭނާގެ ވާހަކަ ފެށިއެވެ. ޝީލާ ވާހަކަ ކުރިއަށް ގެންދިޔައީ ވަރަށް ފަސޭހަ ކަމާ އެކުގައެވެ. ޝީލާގެ ވާހަކަތަކުން ލިވިޔާ އަށް ކުރާނެ އަސަރާއި އަޅާނެ ވޭނަށް އެއްވެސް ވަރަކަށް ޝީލާ ނުވިސްނައެެވެ. ޝީލާ ދައްކަމުން ދިޔަ ކޮންމެ ވާހަކައަކުން ލިވިޔާގެ ހިތް ދިޔައީ ކުދިކުދިވެ، ފިސްފިސް ވަމުންނެވެ. މަޑުމަޑުން ހުޅެވެމުން ދިޔަ ލިވިޔާގެ އަނގަ ތަންމިނަށް ހުޅުވިއްޖެއެވެ. ލިވިޔާގެ އަނގައިން ނުކުންނަން ފެށީ ވޭނީ "އާހް" ގެ އަޑެވެ. ހިންދިރުވައިލަން ވެސް ވީ ލިވިޔާއަށް ކުރަން އުނދަގޫ، ރިހުން ބޮޑު ކަމަކަށެވެ.

އެއްވެސް ޖެހިލުމެއް، ވިސްނުމަކާ ނުލައި ޝީލާ އޭނާގެ ވާހަކަ ނިންމައިލިއެވެ. ޝީލާއަށް އެވާހަކަތައް ދައްކަން ކިތަންމެ ފަސޭހަ ވީނަމަވެސް އެވާހަކަތައް އަޑު އަހައިލުމަކީ ވެސް ލިވިޔާގެ ހައްޓަށް ނުކަތާ ވަރުގެ ހިތްދަތި ކަމެކެވެ. ޝީލާގެ ވާހަކަތަކުން ލިބުނު ކުއްލި ބޮޑު ޝޮކުން ލިވިޔާގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. ލިވިޔާގެ ހަށީގައި ވި ހުރިހާ އިޙްސާސެއް ވަނީ ހިމޭންވެ، ވަގުތު ކޮޅަކަށް ހިނދިފައެވެ. އަޑުގެ ނެތްކޮޅަށް ރޯން ފަށަން ލިވިޔާ ބޭނުން ވެއެވެ. ހިތް މަތީގައި އަތް އަޅައި، ކަރު ބުޑުން ހަޅޭލަވައިގަންނަން ވެސް ލިވިޔާގެ ހިތް ދިޔައީ ބޭނުން ވަމުންނެވެ. ނަމަވެސް އެ ހިތްވަރެއް، ލަޔާގަތެއް ލިވިޔާގެ ގައިގަ ނެތެވެ. އެޔަށް ވުރެ ލިވިޔާ ވަނީ ބަލިކަށި ވެފައެވެ.

"ލިވިޔާއަށް ވެސް އެނގެއެއްނު؟ މި ނޫން ގޮތަކަށް ލިވިޔާ ޝަހުރާ ވަކިވެއްޖިއްޔާ، ދުވަހަކުވެސް ޝަހުރު އޭނާއަށް އުފަލެއް ނޭދޭނެ. ޝަހުރު މުޅިން ހަލާކުވެ، މުޅި މީހާ ދިރިއުޅުން މަތިން ފޫހި ވާނެ. ޕްލީޒް! އެހެން ވީމަ މިކަން މިގޮތަށް ކޮށްދީ! އާދޭސް ކޮށްފަ، ސަލާން ޖަހާފަ މިބުނަނީ. އަހަރެމެން އެންމެންނަށް ވެސް އެނގޭ ލިވިޔާ އާއި ޝަހުރަކީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ބައެއްކަން. އެހެން ވީމަ، މިގޮތަށް ކަންތައް ކުރަން މިބުނީ.. އަހަރެން އަބަދުވެސް ލިވިޔާއަށް ހެޔޮ އެދޭނަން.." ހުއްޓުން އަރާފައިވާ ލިވިޔާގެ ކޮނޑުގައި ޝީލާ ފިރުމައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށްފަހު، ލިވިޔާ ހިންދިރުވައިލިއެވެ. ވަރަށް އުނދަގުލާ އެކުގައެވެ.

"އާނ!" ބޯ ޖަހައިލަމުން، ލިވިޔާގެ ދުލުން ބޭރުވީ އެވަރަށެވެ. އެވަގުތު ލިވިޔާގެ ތިރީ ތުންފަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.

"ހިތްވަރު ކުރާތި! އަހަރެން ގުޅާނަން ލިވިޔާއަށް. ހުރިހާ ކަމެއް ހަމަޖައްސާފަ.." ލިވިޔާގެ ކޮނޑުގައި އަދި އެއްފަހަރު ފިރުމައިލަމުން، ޝީލާ ހިނގައިގަތީ އެގެއިން ނުކުންނާށެވެ. ޝީލާ އެގެއިން ނުކުތުމާ އެކު، ލިވިޔާއަށް އެޅެން ފެށީ ފަހަތަށް ފިޔަވަޅު ތަކެވެ. ފަހަތަށް ފިޔަވަޅު ނަގަމުން ގޮސް ލިވިޔާ ޖެހިގަތީ ސިޓިންރޫމްގެ ފާރަށެވެ. އަދި ލިވިޔާގެ ދެއަތް މައްޗަށް ނަގައި، އޭނާގެ ދެއަތް ޖައްސައިލީ އޭނާގެ ބޮލުގެ އިސްތަށިގަނޑުގައެވެ. އަދި "އާހް" ކިޔައި، ވަރަށް ބާރަށް ލިވިޔާ ފެށީ ރޯންށެވެ. ލިވިޔާގެ ބަޑި ފަޅައިގެން ދިޔައީ އެވެ. ލިވިޔާގެ މުޅި ގަޔަށް އަރައި ގަތީ ބާރު ރޫރުން ގަނޑެކެވެ. ގައިން ވަރު ދޫވާ އިޙްސާސެއް ވުމާ އެކު، ލިވިޔާ ޖެހިގަތީ ފާރު ބުޑަށެވެ.

"ކީއްވެ! ކީއްވެ!" ލިވިޔާ ރޮމުން ގިސްލަމުން، ފުރަތަމަ ވެސް ޝަކުވާ ކޮށްލީ، އޭނާގެ އަމިއްލަ ނަފުސާއެވެ. އެހާ ލޯބިން، އެހާ ގިނަ ހުވަފެން ތަކާއި އެކުގައި ފެށި ދިރިއުޅުމުގެ ދަތުރުގައި އެތަައް ކަމެއް ހާސިލު ނުވެ އޮއްވައި، ކުއްލިއަކަށް ކަނޑު މެދަށް މި އުފާވެރި ދިރިއުޅުން ނިންމައިލަން ލިވިޔާގެ ހިތުގެ އަޑިން ނުރުހެއެވެ. ރުހޭނީ ވެސް ވަކި ކިހިނެއް ހެއްޔެވެ؟ ނަމަވެސް ދިރިއުޅުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. އަމިއްލަ އުފަލަކީ ހުރިހާ އެއްޗެއް ނޫނެވެ. އުފަލުގެ މައްޗަށް އެހެން ގަދަފަދަ އިޙްސާސްތައް ވެސް ވެރިކުރުވާ ފަދަ ޙާލަތްތައް ވެސް ވަރަށް ގިނައިން އާދެއެވެ. ލިވިޔާގެ ޙަޔާތުގައި ވެސް އޭނާއަށް މަޑުކޮށްލަން ޖެހުނީ އެފަދަ މަގެއްގެ މަދެއްގައެވެ. އެއްކޮޅުގައި އެހުރީ ލޯބިވާ ފިރިމީހާއެވެ. އަނެއްކޮޅުގައި ފިރިމީހާގެ ޢާއިލާއެވެ. ޝަހުރާ އެކުގައި އައު ޙަޔާތެއް ފެށީ ޝަހުރުގެ ޢާއިލާގެ ރުހުން ލިބިގެން ނުވިނަމަވެސް، އެދެމީހުން ތިބީ ކައިވެންޏަށް ފަހު، ޝަހުރުގެ ޢާއިލާ ދެކޭ ގޮތް ބަދަލު ވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެ އުއްމީދުގެ ހުޅުކޮޅު އެންމެ ބޮޑަށް ރޯކުރީ ވެސް ލިވިޔާއެވެ. ނަމަވެސް އެ ހުޅުކޮޅު ލިވިޔާގެ ލޮލުން އޮހުނު ކަރުނައިން ވަނީ ނިވިފައެވެ. އިތުރަށް ދިއްލާނެ ހުޅުކޮޅެއް ނެތެވެ. ކުލައެއް ނުވާނެ ހުވަފެނެއް ދެކުމުގެ ބޭނުމެއް ލިވިޔާ އަކަށް ނެތެވެ. މަގުގެ އެއްފަރާތުން އެތައް އުފަލެއް ލިބުނަސް، މަގުގެ އަނެއް ކޮޅުން އުފުލަމުން އެދަނީ މާބޮޑު ހިތްދަތި ކަމެކެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ޝަހުރުގެ މައިންބަފައިންނެވެ. ދަރިންނަށް ޓަކައި މައިންބަފައިން ކުރާ ދުޢާ އިޖާބަ ކުރައްވާނެއެވެ. މައިންބަފައިންގެ ރުހުމާއި، ލޯތްބަކީ ޝަހުރުގެ ދިރިއުޅުމުގެ ރާސްތާގެ ބަރަކާތެވެ. އެބަރަކާތާ ނުލައި، ލިވިޔާގެ އަމިއްލަ އެދުން ދެން އިތުރަށް އިސްކުރާނެ ހިތްވަރެއް ލިވިޔާގެ ނެތެވެ. ޢާއިލާގެ ނުރުހުމުގައި ކައިވެނި ވެސް ކުރެވުނީއެވެ. ދެން އިތުރަށް ޝަހުރުގެ ޢާއިލާ ލިވިޔާއާ ހެދި ރޮއްވަން ލިވިޔާ ބޭނުން ނުވެއެވެ. ލިވިޔާގެ ހިތް މަރުވިޔަސް، ޝަހުރުގެ މައިންބަފައިން އުފަލުގައި ބަހައްޓަން ލިވިޔާގެ ހިތުގެ ފުންމިނުން އަޒުމެއް ކަނޑައެޅިއެވެ. ނަމަވެސް އެއީ ލިވިޔާގެ ހަށީގައި ނެތް ހިތްވަރުން އޭނާ ފެށި ޤުރުބާނީގެ މުޅިން އައު ދަތުރެކެވެ.

ގެއަށް ދެވުމާ އެކު، ޝީލާގެ ހިތަށް ފުރިހަމައަށް ހަމަޖެހުން ލިބުނެވެ. ކޮޓަރީގެ ލޯގަނޑު ކުރިމައްޗަށް ހުއްޓި ޝީލާ ފުރަތަމަ ވެސް ފެށީ ހޭންށެވެ. ހެމުންހެމުން ގޮސް ޝީލާ އަށް ރޮވެމުން ދިޔައެވެ.

"އައި ކާންޓު ބިލީވް އިޓް! އޯ މައި ގޯޑް! ލިވިޔާ ހަމަ އެއްބަސް ވީއޭ ދޯ؟ އަލްޙަމްދިﷲ! މިޝަން ކާމިޔާބު.." ޝީލާގެ ހުރިހާ ދަތެއް ވަނީ ލޯގަނޑުން ފައުޅުވެފައެވެ. ޝީލާ އުފަލުން ވަނީ ފޮޅިފައެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު، ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. ފެންވަރައިލައިގެން ލިވިޔާ ފެށީ ނަމާދު ކުރާށެވެ. ސަޖިދާގައި އޮވެ، ލިވިޔާ ގެންދިޔައީ ރޮމުންނެވެ. މާތްﷲއަށް ކުއްތަންވެ، ލިވިޔާ އާދޭސް ކުރަމުން ދިޔައީ އޭނާއާ ކުރިމަތިވި އިމްތިޙާނުގައި އޭނާއަށް ހިތްވަރު ދެއްވުމަށެވެ. އެ އިމްތިޙާނުން އޭނާ ފާސް ކޮށްދިނުމަށެވެ. ޝަހުރު ގެއަށް އައިސް ވަތް އިރު، ލިވިޔާ އިނީ ނަމާދު ކުރާށެވެ. ލިވިޔާ ނަމާދުކޮށް ނިމެންދެން ޝަހުރު އެނދުގައި ޖައްސައި ލިއެވެ. ޝަހުރުގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސް ކަމެވެ. މަންމަގެ ޙާލަތާ މެދުގައި ޝަހުރަށް ވަރަށް ވިސްނެއެވެ. މަންމައަށް ދެރައެއް ލިބުމަށް އެއްވެސް ޙާލެއްގައި ޝަހުރު ބޭނުމެއް ނޫނެވެ. ޝަހުރުގެ ކައިވެންޏަށް އޭނާގެ މައިންބަފައިން ދުވަހަކުވެސް ނުރުހޭނަކަން ޝަހުރު ޤަބޫލު ކުރެއެވެ. މި ކައިވެންޏާ މެދުގައި، އޭނާގެ މައިންބަފައިންގެ ރުހުން ހޯދުމަކީ ވާނޭ ކަމެއް ނޫންކަން އެނގި، އެ ޚިޔާލުތައް ވެސް ޝަހުރުގެ ސިކުނޑިން އޭނާ ނެރެ އެއްލާލައިފިއެވެ.

ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން، ލިވިޔާ މުސައްލަމަތިން ތެދުވެ ބަލައިލީ، އެނދުގައި އޮށޯވެގެން އޮތް ޝަހުރަށެވެ. ނިތްމަތީގައި އަތް ބާއްވައިލައިގެން ޝަހުރު އޮތީ އެހެން ދުނިޔެއެއްގައެވެ. ލިވިޔާ ވަގުތުކޮޅަކު ޝަހުރަށް ބަލައިލިއެވެ. ނަމަވެސް އެކަމެއް ޝަހުރަށް ރޭކައެއް ނުލައެވެ. އެޔަށްވުރެ ބޮޑަށް ޝަހުރު ވަނީ ވިސްނުމެއްގެ ތެރެެއަށް ވަދެ، ގެނބިފައެވެ. ލިވިޔާއަށް ޝަހުރުގެ ބޮލުގައި އެނބުރެމުންދާ ޚިޔާލުތައް ނަގައިގަނެވުނެވެ. ޝަހުރަށް ނުގޮވައި ލިވިޔާ ދޮރާ ދިމާލަށް ހިނގައިގަތީ ދެރަވެގެންނެވެ. ދޮރުގެ ތަޅުގައި ލިވިޔާ ހިފައިލި އަޑާ އެކުގައި ޝަހުރަށް ވިސްނުންތަކުން އެއްފަރާތަށް ޖެހެވުނެވެ.

"ލިވީ.." ޝަހުރުގެ އަޑަށް ލިވިޔާ ފަސް އެނބުރުނެވެ.

"އާދޭ! ލިވީ.." ޝަހުރު ހިނިތުންވުމަކާ އެކުގައި ބުނެލިއެވެ. ނަމަވެސް ޝަހުރުގެ ހީނލުމުގައި އެއްވެސް މާނައެއް ލިވިޔާއަކަށް ނުފެނުނެވެ. އެއީ ޝަހުރުގެ ތުންފަތުން ދުވެލާ ލޯތްބާއި، މާނަ ފުންކަން އެކުލެވިގެންވާ ހިނިތުންވުމެއް ނޫނެވެ. މަޑުމަޑުން ހިނގާފައި ލިވިޔާ އައިސް ޖައްސައިލީ ޝަހުރުގެ ގާތުގައެވެ. ޝަހުރު އޭނާގެ އަތް ނަގައި ލިވިޔާގެ ކަނދުރާގައި ބާއްވައިލިއެވެ.

"ލިވީ ކައިފިންތަ؟" ޝަހުރު ބަަލައިލީ ލިވިޔާގެ މޫނަށެވެ. ލިވިޔާ ނޫނެކޭ ބުނާ ގޮތަށް ބޯހުރައިލިއެވެ.

"އެއީ؟ ކިހިނެއްވީ ނުކެއި؟" ޝަހުރުގެ އަޑުގައި ވަނީ އޯގާވެރި ކަމެވެ.

"ޝަހުރު އައިމަ ކާންވެގެން.. ހިނގާ ކާން." ލިވިޔާ އިސްދަށަށް ޖަހައިލިއެވެ. ޝަހުރާ ހަތަރުކަޅި ހަމަ ކުރަން، ލިވިޔާއަށް ދަތި ވަނީއެވެ. ކުރަން މިއުޅޭ މަސައްކަތަށް ހުރަސް އެޅިދާނެތީއެވެ. ޝަހުރުގެ ލޮލުގެ ތެރެއިން ފެންނަ ލޯތްބަށް ހިތް ލެނބި، ޝަހުރު ދޫކޮށް ނުލެވިދާނެތީއެވެ.

"ލިވީ.. އާރ ޔޫ އޯކޭ؟" ޝަހުރު ވަރަށް އަވަސްކޮށް ލިވިޔާގެ އިސް ނެގިއެވެ. ލިވިޔާ ބަލައިލީ ޝަހުރުގެ މޫނަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހާސް ކަމެވެ. އެ ލޮލުން އަދިވެސް ފެންނަނީ ލިވިޔާއާ ގުޅުން ހުރި ކޮންމެ ކަމެއްގައި ޝަހުރު ވިސްނާ ވަރެވެ. ޝަހުރަށް ބަލަން އިންނަން ލިވިޔާ އަކަށް ކެތެއް ނުވިއެވެ. ލިވިޔާ މޫނު ކުޑަކޮށް އަނބުރައިލީ، ހިނިތުން ވުމަކާ އެކުގައެވެ.

"ލިވީ.. ސީރިއަސް އޭ! ކަމެއް ވީތަ؟ އެއްވެސް ކަމެއް އަހަންނަށް ސިއްރު ނުކުރާތި! އަހަރެން ލިވީ ދެކެ ވަރަށް ލޯބިވޭ. ލިވީ ނެތް ދުނިޔެއެއްގަ އަހަރެން ނޫޅޭނަން.." ޝަހުރު އެހެން ބުނުމާ އެކު ލިވިޔާއަށް ކުއްލިއަކަށް ބަލައިލެވުނީ ޝަހުރަށެވެ.

"ކީކޭ؟" ލިވިޔާގެ ކަޅި ވަނީ ޝަހުރަށް ހުއްޓިފައެވެ.

"އާނ! ލިވީ ނެތް ދުނިޔެއެއްގަ އަހަރެން ނުހުންނާނަން! އަހަރެން ލިވީ ދެކެ ވަރަށް، ވަރަށް، ވަރަށް ލޯބިވޭ.." ޝަހުރުގެ ދުލުން ނުކުމެގެން ދިޔައީ ލިވިޔާގެ ހިތުގައި ކަނޑައެޅި އަޒުމަށް ލޮޅުން އަރައިގެން ދިޔަ ބަސްތަކެކެވެ. ލިވިޔާގެ ލޮލަށް އެންމެ ސިކުންތަކަށް ވެސް ހިމޭނުން ނުހުރެވުނެވެ. ރޮއިގަންނަމުން، ލިވިޔާ ބައްދައިލީ ޝަހުރުގެ ގައިގައެވެ. (ނުނިމޭ)