މާރާމާރީ ހިންގުން

މާމިނގިލީ މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ހާލު ވެސް ރަނގަޅު

އދ. މާމިނގިލީގައި ދެ ބިދޭސީ އަކު ހިންގި މާރާމާރީއެއްގައި ޒަހަމްވި ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އެ މީހުންނާ ހަވާލުވެގެން އުޅޭ ކުންފުނިން ބުނެފި އެވެ.

މާމާރާމާރީގައި ޒަހަމްވީ އެ ރަށުގެ ވޯކްޝޮޕެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ދެމީހުންނެވެ. މާރާމާރީ ހިނގީ ވެސް ޒަހަމްވި ދެ ބިދޭސީންގެ ދެމެދުގަ އެވެ. އެތަނުން އެކަކު އެއީ ވޯކްޝޮޕްގެ އިންޖިނިއަރެކެވެ. އަނެއް މީހާ އެއީ ވޯކްޝޮޕަށް ގެންނަ ސައިކަލުތައް ފޮހެން އުޅޭ މީހެކެވެ.

ވޯކްޝޮޕް ހިންގުމާ މިވަގުތު ހަވާލުވެ ހުރި މުހައްމަދު އަޖުފާން އަވަސްއަށް މައުލޫމާތު ދެމުން ބުނީ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އަދި ދެ މީހުން މިހާރު އެރަށު ސިއްހީ މަރުކަޒުން ގެއަށްވެސް ދޫކޮށްލައިފައިވާ ކަމަށެވެ.

"މިއަދު ދޫކޮށްލީ ދެ މީހުންވެސް. ދެ މީހުންވެސް ބުނޭ ރަނގަޅޭ. ދެން އެކަކުގެ ބޮލަށް ކޮންމެވެސް ވަރަކަށް ގެއްލުންވި. ސީރިއަސް އަނިޔާއެއް ނުލިބޭ" އަޖުފާން ބުންޏެވެ.

އޭނާ އިތުރަށް އިތުރަށް ބުނީ މާރާމާރީ ހިންގިއިރު ވޯކްޝޮޕްގެ ވެރިފަރާތް ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި ބިދޭސީންގެ ދެމެދުގައި މައްސަލަ ޖެހުނު ސަބަބެއް ބުނަން ނޭނގޭ ކަމަށެވެ.

މާރާމާރީއާއި ގުޅިގެން ދެމީހުންގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސްފަ އެވެ. ސައިކަލު ސާފުކުރަން އުޅޭ ބިދޭސީ މީހާގެ ބޮލުގައި ޖަހާފައިވަނީ މަރުތެލަކުންނެވެ. މަރުތެލުން ޖެހުމުން އަނިޔާވި ބިދޭސީ މީހާއަށް އިތުރު ފަރުވާދޭން މާލެ ގެނައުމުގެ މަސައްކަތް ކުރިން ކުރި ނަމަވެސް އޭނާގެ ހާލު ރަނގަޅުވުމުން މާލެ އަށް ނުގެންނަން މިހާރު ވަނީ ނިންމާފަ އެވެ.

މާރާމާރީއާ ގުޅިގެން އދ. މަހިބަދޫން ފުލުހުންގެ ޓީމެއް މާމިގިއްޔަށް ގޮސް މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ. މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާތީ އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.