ހިޔާ މަޝްރޫއު

ހިޔާ އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި

Aug 7, 2021

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލުމަށްފަހު އަލުން އެ މަސައްކަތް މިއަދު ފަށައިފި އެވެ.

އީދު ބަންދާއި، ޖުލައި 26 ބަންދަށްފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެށުމަށްފަހު މިދިޔަ ބުދަ ދުވަހު ސޮއި ކުރުން މެދުކަނޑާލީ އެ މަސައްކަތުގައި އުޅުނު އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް އަލުން ކުރިއަށްދާނެ ކަމަށެވެ.

އެޗްޑީސީން ކުރިން ނިންމާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސޮއި ކުރުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ސޮއި ކުރުން މެދުކަނޑާލަން ޖެހުމުން އިތުރު ދުވަސްތަކެއް އެކަމުގައި ހޭދަކުރަން ޖެހުނީ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެ އެވެ.

ސޮއި ކުރުން މިއަދު އަލުން ފެށިއިރު ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ތާވަލު ވެސް އެޗްޑީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ސޮއިކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ވެސް ހަވާލުކުރެ އެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުންނާއި އެމީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާނު ކުރެ އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރަން ހާޒިރުވާ މީހާ ސޮއި ކުރަންދާއިރު ހެކިވެރިޔަކަށް އިތުރު މީހަކު ގެންދަން ޖެހެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.