ޕީޕީއެމް

އިދިކޮޅު ކެމްޕޭނަށް ހާއްސަ ލަވައަކާއި ލޯގޯއެއް

Aug 7, 2021

ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އިފްތިތާހުކޮށްފައިވާ ކެމްޕޭނުގައި ބޭނުންކުރާނެ ލަވައަކާއި ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

"މިނިވަންކަމުގެ ދިފާއުގައި - ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކެމްޕޭނު އިފްތިތާހުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ ކެމްޕޭނުގެ އެކި ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އަކާއި ލަވައެއް ބޭނުންވާ ކަމަށް ޕީޕީއެމުން ބުންޏެވެ. މިކަމަށް ޝައުގުވެރިވާ މީހުން އޮގަސްޓް 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ޕީޕީއެމް އޮފީހަށް އައުމަށް ވަނީ ދައުވަތު އަރުވާފަ އެވެ.

ފަރުމާ ކުރާ ލޯގޯ ގައި އިސްލާމީ، ގައުމިއްޔަތު އަދި މިނިވަންކަން ރަމްޒުކޮށް ދޭން ޖެހެ އެވެ. އަދި ލަވަ ވާން ޖެހެނީ ޖޯޝު އަންނަ ލަވައަކަށެވެ.

ކޯލިޝަނުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ކެމްޕޭނަކީ އެ ކޯލިޝަނުން އިސްނެގި ނަމަވެސް އެ ކޯލިޝަނުން އެކަނި ކުރިއަށް ގެންދާނެ ކެމްޕޭނެއް ނޫން ކަމަށާއި އެއީ ގައުމީ މަސައްކަތެއް ކަމަށެވެ. އެ ކޯލިޝަނަށް އެންމެ މުހިއްމީ ގައުމުގެ މިނިވަންކަން ދިފާއުކުރުން ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ކޮންމެ ރައްޔިތަކަށް ވެސް ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށް ބުނެފަ އެވެ.