ތިލަފުށި

ތިލަފުށި ތަރައްގީކުރަން 127 ހެކްޓަރުގެ ބިން ހިއްކަނީ

Aug 7, 2021

ތިލަފުށި ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 127 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމައިފި އެވެ.

ތިލަފުށި ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 127 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތިލަފުށީ ދެވަނަ ފިޔަވަހީގައި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭން ތަންފީޒު ކުރެވޭ ގޮތަށެވެ.

ތިލަފުށި މީގެ ކުރިން ތަރައްގީކުރަމުން އައީ ހަމައެކަނި ކުނި އަންދާ ރަށެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އެރަށުގައި ބައެއް ކަހަލަ ވިޔަފާރިތައް އަލަށް ފެށި، އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެޗްޑީސީގެ އަމާޒެކެވެ.

ތިލަފުށީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދާ އެޗްޑީސީން ބުނީ މިއަހަރު ނިމުމުގެ ކުރިން 30 ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެތަނުން ބިންތަކެއް އަންނަ އަހަރުގެ ތެރޭގައި ކުއްޔަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ތިލަފުށްޓަށް ވަޑައިގެން އެރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭން ބައްލައްވާލައްވާ، ކަމާ ގުޅޭ މައުލޫމާތު ވެސް ހޯއްދަވާފަ އެވެ.

ނައިބް ރައީސް މިއަދު މެންދުރުފަހު ތިލަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނައިބް ރައީސް ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަހައްދާއި، ތިލަފުށީގައި އެޗްޑީސީން ގާއިމުކޮށްފައިވާ ކެމިކަލް ގުދަންތައް ބައްލަވައިލައްވައިފަ އެވެ. އެ މަނިކުފާނުގެމި ޒިޔާރަތުގައި އެމްޓީސީސީގެ އޮފީސް ސަރަހައްދާއި، ޔުނިވާސަލްގެ ޑޮކްޔާޑު ވެސް ބައްލަވައިލެއްވި އެވެ. އަދި ތިލަފުށީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރައްވާ ނައިބް ރައީސް ވަނީ މުވައްޒަފުންނަށް ފަސޭހަވާނެ ގޮތަށް ވަޒީފާގެ މާހައުލުގެ އިންތިޒާމުތައް ހަމަޖައްސައި ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.

މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާޔާ ގުޅިގެން މާލޭ ސަރަޙައްދުގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައި ވާއިރު، ތިލަފުށީގައި އެޗްޑީސީން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި އެ ޔުނިޓްތަކަކީ މިހާރު އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.