ސަރަނގު އާދަމް މަނިކު

ނަޝީދު ބޭނުންފުޅުވާހާ ކަމެއް ނުކުރެއްވޭނެ: އާދަމް މަނިކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާހާ ކަމެއް ނުކުރެއްވޭނެ ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

އާދަމް މަނިކު މިހެން ވިދާޅުވީ އޭނާގެ ދިވެހި ޗެނަލްގެ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެ މޭރުމުން އާދަމް މަނިކު ވާހަކަ ދެއްކެވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.

އާދަމް މަނިކު ވިދާޅުވީ ރާއްޖޭގައި އޮތީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާ މައްސަލައަކީ ވެރިންގެ އަމަލުތައް ކަމަށެވެ. ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމު ދަންނަ ކަމެއް ނޫން ކަމުން ކޯލިޝަން ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވެރިކަމުގެ ނިޒާމު ފުރޮޅާލާ ބޮޑުވަޒީރަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ފާޑުވިދާޅުވިއެވެ. އާދަމް މަނިކު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުހާ ކަމެއް ނުކުރެއްވޭނެ ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަަމަށާ އެހެން ކަމުން އެންމެ ބޭފުޅަކު ބޭނުންވާހާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ.

އަދި ވިދާޅުވީ ކަންކަން ރަނގަޅު ކުރައްވަން ބޭނުންފުޅުނަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ސިޔާސީ ޕާޓީތައް ހަރުދަނާކޮށް ވެރިކަން ކުރަން އޮންްނަ އުސޫލުން އެކަން ހިންގެވުމުން ކަމަށެވެ.

"އެއްވެެސް ސިޔާސީ ޕާޓީއަކީ އެންމެ މީހެއްގެ ވަށައިގެން އެނބުރޭ އެއްޗަަކަށް ވެގެން ނުވާނެ،" ނިމިދިޔަ ކައުންސިލް އިންތިހާބާއި މަޖިލީސް އިންތިހާބުގައިވެސް ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި އާދަމް މަނިކު ވިދާޅުވިއެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭޕްރީލް 19، 2021 ގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގަ އެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.