ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުއާމެދު ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ކަމަށާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީގެ މެންބަރުންގެ ތާއީދު ނެތް ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
އާދަމް މަނިކު ވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ގުޅޭގޮތުން އޭނާގެ ވިސްނުން ހާމަކުރައްވާ ދިވެހި ޗެނަލްގައި ވާހަކަ ދައްކަވާފައެވެ. އަދި އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންނާމެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތާއިމެދުވެސް ވާހަކަ ދެއްކެވިއެވެ.
އާދަމް މަނިކު ވިދާޅުވީ ރައީސް ސޯލިހާމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އެބައޮތެވެ. އެއީ ކޮވިޑް-19 މެނޭޖްކުރުމުގައި ސަރުކާރުން ހަދާފައިވާ ބޮޑެތި ގޯސްތައް ކަމަށް ވިދާޅުވިއެވެ.
"ރައީސް އިބޫ، ތަފާތު ސަބަބުތަކާ ހެދި ހާއްސަކޮށް ކޮވިޑްގެ ކަންތައްތަކާއި ގުޅިގެން މީހުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި އެ ތިބެނީ،"
ދެން ވިދާޅުވީ ރައީސް ނަޝީދުގެ ވިސްނުން މިހާރު ހުރީ އެ ޕާޓީ އުފެއްދި މަގުސަދާއި މުޅީން ހިލާފަށް ކަމަށެވެ. އެކަމުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު އެމަނިކުފާނަށް ނެތް ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ ރައީސް ޔާމީނާއި ގުޅެން ގޮއްވާލުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓް ނުގޮވަން ރައީސް ނަޝީދު ވިދާޅުވުމުން އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.
"ރައީސް ނަޝީދުގެ މިހާރުގެ ވިސްނުން ހުންނަ ގޮތުން އެމްޑީޕީގެ ގްރާސް ރޫޓް ބޭފުޅުންވެސް އޭނާއަކަށް ތާއީދެއް ނުކުރޭ. އެ ވާގޮތަކީ އެމްޑީޕީގެ ރޫހާނީ ލީޑަރު، ރައީސް ޔާމީނާއި ގުޅެން ގޮވާލީމާ، އިންޑިއާ އައުޓް ނުގޮވާށޭ ބުނީމާ އެ އޮތީ އެހިސާބުން ގޯސްވެފައި. އޭތި ކަޑަ. އެއް ގޮތަކަށްވެސް ރައީސް ނަޝީދު ވިދާޅުވެގެން ނުވާނެ ރައީސް ޔާމީނާއި ގުޅެން. ސިޔާސީ ކަންކަމުގައިވެސް ޑީލް ހަދަން ޖެހޭނެ. ނަމަވެސް އެކަމުގައިވެސް ހައްދެއް އޮންނަންވާނެ،"
ރައީސް ނަޝީދުގެ މިހާރުގެ ވިސްނުން ހުންނަ ގޮތުން އެމްޑީޕީގެ ގްރާސް ރޫޓް ބޭފުޅުންވެސް އޭނާއަކަށް ތާއީދެއް ނުކުރޭ. އެ ވާގޮތަކީ އެމްޑީޕީގެ ރޫހާނީ ލީޑަރު، ރައީސް ޔާމީނާއި ގުޅެން ގޮވާލީމާ، އިންޑިއާ އައުޓް ނުގޮވާށޭ ބުނީމާ އެ އޮތީ އެހިސާބުން ގޯސްވެފައި. އޭތި ކަޑަ. އެއް ގޮތަކަށްވެސް ރައީސް ނަޝީދު ވިދާޅުވެގެން ނުވާނެ ރައީސް ޔާމީނާއި ގުޅެން. ސިޔާސީ ކަންކަމުގައިވެސް ޑީލް ހަދަން ޖެހޭނެ. ނަމަވެސް އެކަމުގައިވެސް ހައްދެއް އޮންނަންވާނެއާދަމް މަނިކު | މާލޭގެ ފުރަތަމަ މޭޔަރު
އާދަމް މަނިކު ވިދާޅުވީ އެމްޑީޕީ އުފެއްދި މަގުސަދަށް އެ ޕާޓީ ރުޖާއަވާން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އަމިއްލަ ބޭނުމަށް ގައުމު ހަލާކުކޮށްލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެކަކު ޕާޓީ ހިސާރުކޮށްގެން އޭނާގެ މާފިޔާއަކުން މުޅި ޕާޓީ ކޮންޓްރޯލް ކޮށްގެން އޮންނަ ކަމަށް ވެއްޖިއްޔާ ޕާޓީއަކަށް ކުރިމަގެއް ނުލިބޭނެ،" ނަޝީދުގެ ވެރިިކަމުގައި އެމަނިކުފާނާއި ވަރަށް އަރިސް ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.
އެމްޑީޕީއަށް އައު ލީޑާޝިޕެއް ބޭނުން
އާދަމް މަނިކު ވިދާޅުވީ އެމްޑީޕީއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އެމްޑީޕީ މިހާރު އޮތީ ކުރިއަށް ނުގޮސް ހުއްޓިފައި ކަމަށްވެސް ވިދާޅުވިއެވެ. އެކަން އެހެން ދިމާވީ ޕާޓީއާ އަލަށް ގުޅިވަޑައިގަންނަވާ ޕާޓީ ފިކުރުގެ އިހުލާސްތެރި މެންބަރުންނަށް ފުރުސަތު ނެތުމުން ކަަމަށެވެ. އެމްޑީޕީ އަކީ ވަކި މީހެއްގެ ފަހަތުން އެނބުރޭ ޕާޓީއަކަށް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑާޝިޕް ބަދަލުވާން ޖެހޭކަން އެ ޕާޓީގެ ވަރަށް ގިނަ މެންބަރުންވެސް ގަބޫލުކުރާ ކަމަށާ އެ ވާހަކަ ވަރަށް ގިނަ މެންބަރުން އޭނާގެ ގާތުގައިވެސް ދައްކަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީއަށް މިއަދު އާ ލީޑާޝިޕެއް އެބަ ބޭނުންވޭ މިއަދު، އެކަން އަޅުގަނޑުވެސް މިއަދު ގަބޫލުކުރަން. ވަރަށް ގިނަ މީހުން އަޅުގަނޑު ކައިރީގައި ދައްކާ ވާހަކައެއް މިއީ. އެޑަމްއޭ އެޑަމްގެވެސް އިންފުލުއަންސްއެއް އޮތިއްޔާ މިކަންކަން ޗޭންޖު ކޮށްލެވޭތޯ އުޅެންވީނުހޭ. ޕާޓީގެ ވިސްނުމާއި އެއްކަހަލަ ބަޔަކު ޕާޓީގެ ލީޑާޝިޕްގައި ތިބެން އެބަޖެހޭ،"
އާދަމް މަނިކު ވިދާޅުވީ އެމްޑީޕީގައި މިއަދު ބަސް ކިޔަމުންދާ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އެންމެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ އަސްލު އެމްޑީޕީގެ މެންބަރުން ނޫން ކަމަށެވެ. އެއީ އެކި ސަބަބުތަކާއި ގުޅިގެން ސިޔާސީ ގޮތުން ކުރިއަށްދާން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުން ކަމަށް ވިދާޅުވިއެވެ.
އާދަމް މަނިކު ފާހަގަ ކުރެއްވި ބޭފުޅުންގެ ތެރޭގައި މެންބަރު ރޮޒައިނާ އާދަމް އާއި މެންބަރު އަލީ އާޒިމް އަދި މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ. އެއީ ރައީސް މައުމޫނާއެކު ސިޔާސީ މަަސައްކަތް ފެއްޓެވި ބޭފުޅުންނެވެ. އެ ހުރިހާ ބޭފުޅުންގެވެސް ފެށުމަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ.
މި ތިން ބޭފުޅުންނަކީ މިހާރު ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންނެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒު އިސްމާއީލްއަކީވެސް އެމްޑީޕީގެ އެންމެ މުހިންމު މަސައްކަތްތަކުގެ ބައިވެރިއެއް ނޫން ކަމަށް ވިދާޅުވިއެވެ. ފައްޔާޒަކީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރެވެ. އަދި މި ސަރުކާރު އެންމެ ބޮޑަށް ދިފާއު ކުރައްވާ މެންބަރު އަނދުން ހުސައިން އަކީވެސް އެމްޑީޕީގެ ހަގީގީ މެންބަރެއް ނޫން ކަމަށް ވިދާޅުވިއެވެ.