ވާހަކަ

ސިއްތާ

(12 އޯގަސްޓް 2021 އާ ގުޅޭ)

"ދެން ދައްކަބަލަ ތި ދައްކަން އުޅޭ ވާހަކައެއް." ވެއިޓަރު އޯޑަރު ނަގައިގެން ދިއުމުން ގަޔާނުވެފައި އިނދެ އީހާން ބުންޏެވެ.

"އިޓްސް އޯލް މައި ފޯލްޓް... އެހެންނު!." އީހާނާ ނަޒަރު ސީދާކޮށްލައިގެން ޝީން އިނެވެ.

"އަހަރެން މަޢާފަށް ނޭދެންތަ؟" އީހާން ބުންޏެވެ.

"އީހާނަށް އެނގޭތަ އަހަރެން ލޯބިވާކަން. މިގުޅުން ނިންމާލަން ބޭނުންނުވާކަން. އީހާނު މަޢާފަށް އެދުނީމަ ހުރިހާކަމެއް ދެން ރަނގަޅުވާނޭ ހިތަށް އަރުވާލައިގެން ހުރީ. އެކަމަކު މިގުޅުމަށް ދުވަސްވީވަރަކަށް އީހާނު ދަސްވަމުން އައީ. މީ ހެލްތީ ރިލޭޝަންޝިޕެއްނޫން. އީހާން ލޯބިވެޔޭ ބުންޏަސް އެ ލޯބި އަހަންނަށް އިހްސާސެއް ނުކުރެވޭ. މުސްތަގްބަލާމެދު އަހަރެން ވިސްނާއިރު އީހާން އެ މުސްތަގުބަލާމެދު ހިޔާލުކުރާން ބޭނުމެއްނުވޭ. އީހާން އަހަންނަށް ކެއާކުރޭ، ހަދިޔާދޭ، އަހަންނާއެކު ވަގުތު ހޭދަކުރޭ، އެ ހުރިހާކަމަކީ ލޯތްބޭ އަހަރެން ހީކުރިން، އެކަމަކު މިހާރު އެނގިއްޖެ. އެއީ ލޯތްބެއްނޫން. އަހަރެން އެދޭފަދަ ލޯތްބެއް މިގުޅުމަކު ނެތް. ލޯބިވެޔޭ ބުނަން އީހާނަށް ވަރަށް ފަސޭހަ. ތި ދުލުން ބުނާއިރު އެ ލަފުޒުތަކުގައި އެއްވެސް މާނައެއްނުވާކަން މިހާރު އިހްސާސް ކުރެވޭ."

"ޝީން... އަހަރެން ލޯބި..." ޝީންގެ ވާހަކަ ނުނިމެނީސް އީހާން ވާހަކަދައްކަން އުޅުނެވެ.

"އިހަށް މަޑުކުރޭ. އަހަރެންގެ ވާހަކަ އަދި ނުނިމޭ. މިއަދު އީހާން އަޑުހަން ޖެހޭނެ. އަހަރެން މިދައްކާ ހުރިހާ ވާހަކައެއް އަޑުއަހަން ޖެހޭނެ. މިއަދު އީހާން ދޭ ސޮރީއެއް ގަބޫލެއްނުކުރާނަން. ސޯ ލިސެން ޓު މީ." ޝީންގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. މަޖުބޫރާއެކުވެފައިވާ ސީރިއަސްކަމެވެ. އެ މޫނަށް ބަލަން އިން އީހާން މަޑުމަޑުން ބޯޖަހާލީ ޝީންގެ ވާހަކަ އަޑުއަހާނެކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. ނަމަވެސް ނީރާގެ ނަން ޝީން ކިޔާލުމާއެކު އީހާނަށް މަޑަކުން ނީނދެވުނެވެ. ކެތްތެރިކަން ގެއްލުނީ ކަހަލައެވެ.

"ނީރާއޭ ނުކިޔާ. އަހަރެން ރައްޓެހިވެގެން މިއުޅެނީ ޝީންއާ." ބޭއިޚްތިޔާރުގައި އީހާނަށް ރުޅި އާދެވުނެވެ.

"މީ އަހަރެން ބުނަން މިއުޅޭ ވާހަކަ. ނީރާނޫން އަންހެނަކު އީހަނަކަށް ނުފެނޭ. ދެޓްސް ޓްރޫ... އަހަރެމެން ރައްޓެހިވެގެން އުޅެނީ. އެކަމަކު އީހާންގެ ހިޔާލުތުގައި ހުރިހާ ވަގުތަކު ނީރާ ވޭ. ނޫންތަ؟ ކުރީކޮޅުގައި އަހަންނަށް އެ އިހްސާސްތައް ވަކިކުރަން ނޭނގެނީ. ފިޒިކަލީ އަހަންނާ އީހާން ކައިރިވާއިރު އެކަމުގައި ލޯތްބަށްވުރެ އީހާންގެ އެދުންތައް ފުރިހަމަކުރުން އިސްކުރޭ. އެހެން ކަރުހިއްކުމެއްގެ އަސަރު އަހަރެންގެ ކިބައިން ފިލާތޯ އުޅޭ ކަހަލަ. އެކަން އަހަންނަށް ނޭނގޭނެއޭ ހީކުރަނީތަ؟ އީހާނު އެއްބަސްނުވިޔަސް ތި ހިތުގައި ވަނީ ނީރާ. ހަމައެކަނި ނީރާ. ލައިޒަލްއާ ނީރާ ވާހަކަދައްކަން އީހާން ނޭދެނީ އެހެންވެ. އެންމެންނަށް ވެސް ހީވެފަތަ އޮތްކަމެއް އެއީ ލައިޒަލްއާއި ނީރާއާ ދެމެދު ކަމެއް ހިނގާކަމުގަ. އީހާން އެކަނި އެކަމާ ހިތްހަމަނުޖެހެނީ. ސަބަބު ވަރަށް ސާފު. އެހެންމީހުންނަށްވުރެ ބޮޑަށް އަހަންނަށް އީހާނު އެނގޭ. ތިހިތް ފޮރުވަނީ ކީކޭކަން ބުނަން އެނގުނީ އެހެންވެ. ނީރާގެ ހަޔާތަށް އެއްވެސް ފިރިހެނަކު އަންނާކަށް އީހާނު ނޭދޭ."

"ޝީން. އައި ކޭން ބީ އަ ބެޓާ ބޯއިފްރެންޑް." އިސްޖަހާލަމުން އީހާން ބުންޏެވެ. ޝީން އެ ދައްކާ ވާހަކަތައް ހުއްޓާލަން އީހާން ބޭނުންވެއެވެ. މިފަހަރު ޝީންއާ ނަޒަރު ސީދާ ކުރުން އީހާނަށް ފަސޭހައެއް ނުވިއެވެ.

"ކޮންކަމަކާ އީހާން ބިރުގަންނަނީ؟ ތި ދެ މީހުން ވެސް ބުނި ތިއީ ކޮއްކޮއާއި ބޭބެއެއްނޫނޭ. އެ ފަދަ ގުޅުމެއް އޮންނަން ތި ދެމީހުން ވެސް ބޭނުންނުވާކަން އެނގުނީ އެހެންވެ. ދެން ކީއްވެ އީހާންގެ ފީލިންގްސް ސިއްރު ތިކުރަނީ؟. އީހާން! އަހަރެމެންގެ ގުޅުން މި ނިމުނީ. އީހާންއާ ދެބަސްވެ އަރައިރުންވާކަށް އަހަރެން ބޭނުމެއްނޫން. ނީރާއާ މެދު ހަސަދަވެރިއެއް ވެސް ނުވަން. އަހަންނަށް ބުނަން އެނގޭ މިކަމުގައި ނީރާގެ އެއްވެސް ކުށެއްނެތްކަން."

"ޝީން ޕްލީޒް." ވަކިވާން ބޭނުންނުވާ މީހަކު ފަދައިން އީހާނަށް އާދޭސްކޮށްލެވުނެވެ. އެހިނދު ޝީން ހިނިތުންވެލިއެވެ. ފޮރުވަމުން އައި ހިތުގެ ރިހުން އެ ދެ ލޮލުން ފާޅުވެއެވެ.

"އެއްބަހެއްނުވާނަން ދޯ. އެހެންވިޔަސް ލެޓްސް ސްޓޮޕް ދިސް. އަހަރެން ހާޓްވާނެތީ މިގުޅުން ނިންމާނުލާ ކުރިއަށް ގެންދިއުމަކީ މޮޔަކަމެއް. އައި ޑޯންޓް ވޯންޓް ދެޓް. އީހާން... ނީރާ ކައިރީ ނުބުނާނަމަ އޭނާއަކަށް ނޭނގޭނެ. އެހެން މީހަކާ ރައްޓެހިވިޔަސް އީހާނަށް ހަމަޖެހުމެއްނުލިބޭނެ. އަމިއްލަ ނަފްސަށް އޮޅުވާލަން އުޅޭ މީހެކޭ އީހާނު ތަފާތެއްނެތް. ޔޫ ކާންޓް އިގްނޯ ޔޯ ފީލިންގްސް ފޮރެވާ. އަހަރެން ކިތަންމެ ބޭނުންވިޔަސް އަހަރެންގެ މައްޗަށް ލޯބިނެތް ހިތެއް އަމިއްލަ ކުރާނީ ކިހިނެއް؟"

"އައި އޭމް ސޮރީ." އީހާން މައާފަށް އެދުނީ ހިތުގެ އަޑިންނެވެ. އޭނާ ނުބުނެ ޝީނަށް ސިއްރުކުރަމުން އަންނަ އެތައްކަމެއް އެބަހުއްޓެވެ. އެވާހަކަތަކަކީ އޭނާ އެއްވެސް މީހަކަށް ކިޔައިދޭނޭ ވާހަކަތަކެއްނޫނެވެ.

* * * * *

ސުޖާއުގެ އުނގުގައި އޮތް ލަމްހާގެ ބޮލުގައި އެއްވަރަކަށް ފިރުމާލަ ފިރުމާލައި އިނެވެ. ލޯ މަރާލައިގެން ލަމްހާ އޮތްއިރު އޭނާގެ ހިޔާލުތައް ވަނީ މާދުރުގައެވެ.

"އަދިވެސް ތިވިސްނަނީ އެމީހާއާ މެދު. އަހަރެންނަށް ނޭނގޭކަމެއް އޮތީތަ؟" ލަމްހާގެ ނިތްކުރީގައި ފިރުމާލަމުން ސުޖާއު ބުންޏެވެ.

"ދުވަހަކުވެސް ބައްދަލުވާން ނޭދޭ މީހުންގެ ތެރެއިން އެކަކު އެއީ. ނުވެސް އެނގި ހުއްޓާ އަހަރެންގެ ކުރިމައްޗަށް އޭނާ އެރިފަދައިން އިރުފާނު އަރައިފިއްޔާ... އިހާން އެހެރީ ބޮޑުވެފަ. އުނދަގޫތަކެއްނުވެ އެކުއްޖާގެ ކިބައިން ފައިދާވާވަރު ވެފައި."

"އީހާން ނުދާނެ. ލަމް ދޫކޮށްލާފަ އެކުއްޖާ ނުދާނެ. ހަމަ ޔަގީން. ލަމް... ނީރާ ކަންބޮޑުވެގެން އުޅެފައި އެ ދިޔައީ. ލަމް ހާސްވެގެން އުޅޭނަމަ އެކުދީންނަށް ވާނީ ކިހިނެއް." ސުޖާއު ނިކަން އަވަހަށް ބުނެލިއެވެ.

"އެއީ ނުބައި ބައެއް. އަހަރެން ބިރުގަނޭ. އެމީހުންގެ ހިޔަނިދެކެ ވެސް ބިރުގަނޭ. ނުބައިކަމުގައި ހައްދުފަހަނައަޅާފައިވާ ބައެއް. އެ ނުބައިކަމުން ސަލާމަތްވާން ރަށް ދޫކޮށްލާފަ އައީ." ލަމްހާގެ މޭ ތެޅެމުންދިޔައެވެ. ސުޖާއުގެ އަތުގައި ހިފާލައި ގެނެސް މޭގައި ޖައްސާ ލަމްހާ ބާރުކޮށްލިއެވެ. މީ ކުރީން ލަމްހާގެ ފަރާތުން ސުޖާއު ދުށްފަދަ ބަލިކަށިކަމެއްނޫނެވެ. ލަމްހާއަކީ އުފާވެރި އަންހެނެކެވެ. ދަރީންނާ ހެދިގެން މަރުދަންޖެހޭފަދަ މަޔައެވެ. އީހާނާއި ނީރާއަކީ އޭނާގެ ދުނިޔެއެވެ. އެ ދުނިޔެ ފުނޑުފުނޑުވެދާނޭ ކަމުގެ ބިރު އެ ދެ ލޮލުން ސުޖާއު ދުށް މީ ފުރަތަމަ ފަހަރެވެ. އެހެންވިޔަ ސުޖާއު ނުދޭނެއެވެ. އޭނާގެ އަނބިމީހާއާއި އެ ދެ ދަރީން ހިމާޔަތްކުރާނޭ ބާރު އެ ދެއަތުގައި އަދި އެބަހުއްޓެވެ. ފައިސާއާއި ތަނަސްވަސްކަމުގެ ގޮތުން ބެލި ނަމަވެސް އޭނާ ކުޅަދާނައެވެ.

"އެކަމާ ނުވިސްނާ. އޭނާއާ ދިމާވި ދިމާވުން އެއީ އިއްތިފާގެއް. ލަމްހާ ތިހެން އުޅުނީމަ އެ ކުދީން ސުވާލު ކުރާނެ. މާޒީގެ ތެރެއަށް އެކުދީން ވެއްދުމުގެ ބޭނުމެއްނެތް. މިއަދު ލަމް އެކަންޏެއްނޫން. ތި ތިން މީހުންނާއެކު އަހަރެން އެބަހުރީން. އިރުފާނުގެ ދަރިއަކަށް ވިޔަސް އެކުއްޖާގެ ދިރިއުޅުމުގައި އޭނާގެ ހިއްސާއެއް ނެތް. އެ ދަރިފުޅު މީހަކަށް ހެދީ އަހަރުމެން. އެކުއްޖާ އޭނާ ބަލައިނުގަންނާނެ. އިރުފާނަކީ ހަމައެކަނި ނަމެއްގައި ހުރި ބަފައެއް. ލަމް އެއްގޮތަކަށް ވެސް ބިރުގަންނާނެކަމެއްނެތް."

ފިރިމީހާގެ އޯގާތެރިކަމުން ހިތްހަމަޖައްސާލަން ބޭނުންވިޔަސް ލަމްހާގެ ހިތުގައި އޮތް ބިރުވެރިކަން ފިލައިގެން ނުދިޔައެވެ. ދޫކޮށް އައި މާޒީ މިހާރާ އަރާ ހަމަކޮށް މުސްތަގްބަލަށް ހުރަސް އަޅާފާނޭ ކަމުގެ އިންޒާރެއްކަމުގައި ލަމްހާގެ ޟަމީރު ގަބޫލުކުރެއެވެ. ނުދެނަ ހުއްޓާ ސަލީމާއާ ބައްދަލުވި ބައްދަލުވުމަކީ ތަގްދީރު އޭނާއަށް ދިން އިންޒާރެއްކަމުގައި ފުދުނެވެ.

"މިރޭ އެކުދީން ގޮވައިގެން އަހަރެމެން ބޭރުން ކާން ހަމަޖައްސަމާ." އޮށޯވެ އޮވެފައި ތެދުވި ލަމްގާ ސުޖާއާ ގާތަށް ދަމާލަމުން ބުނެލިއެވެ. ލުއި ހިނިތުންވުމެއް ފިރިމީހާއަށް ބަދަލުކޮށްލަމުން ލަމްހާ ބޯޖަހާލިއެވެ. އޭނާއަކީ ހިތްވަރުގަދަ އަންހެނެއްކަން އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ.

* * * * *

ރޭގަނޑުގެ ވަގުތެވެ. ނިދާފައި އޮތް ނީރާއަށް ބަލަން އީހާން ހުރީ އެނދުކައިރީ ކޮޅަށެވެ. ސިއްރުން އެ ކޮޓަރިއަށް ވަންގޮތަށް އޭނާ އެނބުރި އެކޮޓަރިން ނުކުތެވެ. ފަރުވާކުޑަ ގޮތަކަށް ހަށިގަނޑު ސޯފާއަށް ދޫކޮށްލައިގެން އިށީނެވެ. ފަހަތަށް ކަނދުރާގެ ވާގި ދޫކޮށްލައިގެންނެވެ.

"ކޮންއިރަކު މިހެންވީ؟... ލޯބި... ޝީން ބުނިހެން މީތަ ލޯތްބަކީ. އާން! އެއްވެސް ފިރިހެނަކަށް ނީރާ ލިބޭކަށް ނޭދެން. ރަހުމަތްތެރިކަމުގެ ގުޅުން ހިފަހައްޓަމުން އައީ އަހަރެން. އެކަން އެގޮތުގައި ބޭއްވުމަށް ނީރާ ބައިވެރިވީ އަހަރެން އެގޮތް ބޭނުންވީމަ. އެކަމަކު މިހާރު މަޑުމަޑުން ހުރިހާކަމެއް ބަދަލުވެއްޖެ... ނީރާ އަހަރެން ގަބޫލުކޮށްފާނެތަ؟. މިހާތަނަށް އަހަރެން ހޮވި ހުރިހާ އަންހެން ކުދީން ނީރާއާ ތަފާތު. ސިފައާއި ތަބީޢަތާއި އުޅޭ އުޅުން ވެސް. މީ ގަސްދުގައި އަހަރެން އަމިއްލައަށް ކަނޑައެޅި އުސޫލުތަކެއް. މިހާތަނަށް އަހަރެން ގަބޫލުކުރީ ވެސް އެއީ އަހަރެން އެންމެ ހިތް އެދޭ ސިފަތައްކަމުގައި. އެހެން ހިތާއި ސިކުނޑިއަށް ވިސްނައިދީދީ އަހަރެންނަށް އެފަދަ އަންހެންކުދީން ކަމުދާންފެށީ. ކުރިން މި ޖަޒުބާތުތައް ހައްދުފަހަނައަޅާ ނުދޭ. ކުރިއަކުން ނީރާ ވެސް ފިރިހެނަކާމެދު ޝައުގުވެރިވާތީ ނުދެކެން. އަހަރެން ކިތަންމެ ބައިވަރު އަންހެނުންނަކާ ރައްޓެހިވިޔަސް ނީރާ ދެކޮޅެއް ނުހަދާ. ފާޑެއްނުކިޔާ... އެހެންނޫޅެށެކޭ ވެސް ނުބުނޭ. އަހަރެން ހުރިހާ ވާހަކައެއް އޭނާއާ ހިއްސާކުރާއިރު އަޑުއަހަން ކެތްނުވެގެން އުޅެފައެއްނުވޭ. ނީރާއާ އެއްވެސް އަންހެނަކާ އަޅާކިޔުމެއްނުވޭ. އޭނާދެކެ މިހާ ލޯބިވެދާނޭ ހިޔެއްނުކުރަން. ދެން ކިހިނެއް ހަދާނީ... ނީރާއަކީ އަހަރެންގެ ހައްޤަށްވާން ބޭނުން. ކޮންމެ ގޮތަކުންވެސް އޭނާ ބޭނުން. އެހެންނޫނީ އަހަރެންނަށް ހަމަޖެހުމެއް ނުލިބޭނެ." އަމިއްލަ ނަފްސާ ވާހަކަދެއްކުމުގައި އެތައް އިރަކު އީހާނު އިނެވެ.

ޝީންއާއެކު ރެސްޓޯރެންޓުން އީހާނު ނުކުތްއިރު އެ ދެމެދުގައި އޮތް ގުޅުން ނިމިއްޖެކަން ޝީން ސާފުކޮށްދިނެވެ. އީހާނު ކަންތައްކުރި ގޮތުން އޭނާ ދެރަވީ ނަމަވެސް އީހާނުގެ ކުރިމަތީ ނުރޮއެވެ. ދެމެދުގައި އެކުވެރިކަން ބާއްވަން އީހާނު ބުނުމުން އެކަމާ ޝީން ދެކޮޅު ހެދީ ނުރުހިފައެވެ. އެނބުރި ގެއަށް އަންނަން ވެސް އީހާނާއެކު ޝީން ބޭނުމެއްނުވިއެވެ. އެއްވެސް ކަމެއްގައި ޝީންއާ ގުޅައިގެން ނުވާނޭކަން އީހާނު ކައިރީ ބުންޏެވެ. ސުލްހަވެރިކޮށް ދެމީހުން ވަކިވީއޭ އީހާނަށް ހީވިޔަސް ޝީންގެ ހިތުގައި އޮތް ޝަކުވާގެ އަޑު އޭނާއަކަށް ނީވެއެވެ. އެނބުރި ގެއަށް އައިސް ކޮޓަރިއަށް ވަންގޮތަށް ވިސްނުމުގައި އެތައް ގަޑިއެއް ހޭދަކުރިއެވެ. ޝީންދެއްކި ވާހަކަތަކާމެދު އޭނާ ވިސްނިއެވެ. އެއިން އެއްވެސް ވާހަކައެއް ދޮގުކުރެވެން ނެތްކަން އެނގުމުން ހިތާއި ދެކޮޅުވުމުގެ ހިޔާލު އީހާން ދޫކޮށްލީއެވެ. ހަނގުރާމަކޮށްކޮށް ކުރި ނުލިބޭނެކަން އެނގި ހިތުގެ މައްޗަށް އޭނާ އަމާން ދިނީއެވެ.

ފޯނު އެލާމްވާ އަޑަށް ނީރާއަށް ހޭލެވުނެވެ. މަގަތަށް އެނބުރިލި ވަގުތު ކައިރީގަ މީހަކު އޮތްކަން އެނގުނެވެ. ސިއްސައިގެން ދިޔަ މީހަކުހެން ނީރާ ފުންމައިގެން ތެދުވިއެވެ. އެނދުން އޭނާ ފޭބީ ނުހަނު އަވަހަށެވެ. ނިދިފައި އޮތް އީހާނު ވެސް ލޯ ހުޅުވާލީ އެވަގުތެވެ.

"ވަޓް އާ ޔޫ ޑުއިން." ހައިރާންކަމާއެކު ނީރާ ސުވާލުކުރިއެވެ. އޭނާ ރޭގައި ނިދީ ދޮރުތަޅުލާފައެވެ.

"ނުނިދިގެން... ސޮރީ..." ކުށްވެރިއަކު ފަދައިން ގައިގާ ރަޖާގަނޑު އޮޅާލައިގެން އެނދުގައި އިށީނދެ އީހާނު އިނެވެ.

ކުރީން ހުރި މައުސޫމްކަން ނީރާގެ ނެތިއްޖެއެވެ. ލައިޒަލްގެ ބީހުންތަކަށް އޭނާ ހޭލިފަހުންނެވެ. އެ ހަށިގަނޑުގައި ލައިޒަލް ނޫން ފިރިހެނަކު ބީހޭކަށް ނީރާ ނޭދެއެވެ. ކައިރީގަ އީހާން އޮތުމުން އުނދަގޫވާން ފެށީ އެހެންވެއެވެ. އެކަނި ނިދަން އުނދަގޫވެ އީހާންގެ މައްސަލައެއް ހުރިކަން ނީރާއަށް އެނގެއެވެ. އެކަމަކު ޝީންއާ ރައްޓެހިވީއިރު އީހާން ހުރީ ހަމައަކަށް އެޅިފައިކަން ނީރާ ގަބޫލުކުރެއެވެ. ކޮޓަރިތަޅުލާން ފެށީ އީހާން އައުން ހުއްޓުވުމަށެވެ. އީހާނާއެކު އެއް އެނދުގައި ނިދަން ނީރާ ބޭނުންނުވާތީއެވެ. ދުވަހަކުވެސް ނީރާއާ ނޭދެވޭ ގޮތަކަށް އީހާން ގާތްވެފައި ނުވިޔަސް އެވެ. ދެމީހުން އެކުގައި ނިދުން ކުރީން ބޮޑުކަމަށް ނުވިޔަސް މިހާރު އެކަމުން ނީރާގެ ހިތަށް އުނދަގޫ ވެއެވެ. ހަށިގަނޑުގައި ތަފާތު ޖަޒުބާތުތަކަކާއި އިހްސާސްތަކެއް އުފަންވެފައި ވާތީއެވެ. ލައިޒަލްއަށް ބޭނުންވާ ބޭނުންވުން އިތުރުވީމައެވެ. ހަށިގަނޑަކީ ވެސް އެދުންތަކެއްވާ އެއްޗެއްކަން ނީރާއަށް ބުނެދިނީ ލައިޒަލްއެވެ. ގާތުގައި އީހާން އޮއްވާ ނޭނގުމުގައި ކަމެއް ހިނގާފާނެކަމުގެ ބިރު ނީރާގެ ހިތުގައި އޮވެއެވެ.

"އީހާން..." ނީރާ ވާހަކައެއް ދައްކަން އުޅުނެވެ. ނަމަވެސް އޭގެ ކުރީން އީހާން ވާހަކަދެއްކިއެވެ.

"ޝީންއާ ބްރޭކްއަޕް ވެއްޖައިން." އިސްޖަހާލައިގެން އިނދެ އީހާން ބުނެލިއެވެ. ނީރާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ގަބޫލުކުރަން އުނދަގޫވީއެވެ. އޭނާ ބުނަން އުޅުނު ވާހަކަތައް ފަސްކޮށްލަން މަޖުބޫރުވިއެވެ. އީހާންގެ މައްޗަށް ހަމްދަރުދީ ވެވުނެވެ.

"ކޮންއިރަކު؟. ކީއްވެ؟... މައްސަލައެއް ޖެހިގެން އުޅޭ ވާހަކަ ނުވެސް ބުނޭ." އީހާން ކައިރީ އެނދުގައި ނީރާ އައިސް އިށީނެވެ. އެއްފައި އަރުވާލައިގެން ނީރާ އިނީ ސީދާ އީހާނު ފެންނަ ގޮތަށެވެ.

"ޝީން ބޭނުންވީ." އީހާން ބުނެލިއެވެ.

"ސީރިއަސްކޮށްތަ؟ ޝީން... ހާދަ ހީނުވެޔޭ. ޝީން އުޅުނީ ކިހާ ލޯބިން. ކޮބާ މައްސަލައަކީ. އަހަރެން ޝީންއާ ވާހަކަދައްކާނަން. ތި ދެމީހުން ކިހާ ހެޕީކޮށް އުޅުނީ." އަޖައިބުވެފައި އިނދެ ނީރާ ވާހަކަދެއްކިއެވެ. ޝީންގެ ފަރާތުން އޭނާއަށް އީހާނު ކަމުދާވަރު ނީރާއަށް އޮތީ އެނގިފައެވެ. ސީދާ ލޯބިވާވަރު ޝީން ނުބުންޏަސް އޭނާގެ ވާހަކައިންނާއި އެ މޫނުން އީހާނު ފެންނަ ހިނދު ފާޅުވާ އަސަރުތަކުން އޭނާ އީހާންދެކެ ލޯބިވާކަން ބުނަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެހެންވީރު ކުއްލިއަކަށް ދެމީހުން ވަކިވާން ޖެހުނީ ކީއްވެ ހެއްޔެވެ. ޝީން އެކަމަށް އެދެންޖެހުނު ސަބަބަކީ ކޮބާ ބާއެވެ. ނީރާގެ ހިތުގައި ސުވާލުތައް ފުނި ޖެހެމުންދިޔައެވެ.

"ދެމީހުން އެކުގައި އުޅެވެން ނެތީ. ނީރާ... ނީރާ ނުވާނެ ޝީނަށް ގުޅައިގެން. އެކަން އެ ނިމުނީ. އެ ވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއްނޫން." އީހާން ބުންޏެވެ.

"އެކަމަކު އެހާ ފަސޭހައިން..."

"އިޓްސް އޯވާ ނީރާ. ޝީންއާ ގުޅޭކަށް ދެން ބޭނުމެއްނޫން. އަހަރެމެން ގުޅުވަންށޭ ހިތާ އެއްވެސް ކަމެއް ނުކުރާތި. މިކަމުގެ ތެރެއަށް ނީރާ ވަދެގެން ނުވާނެ. އަޑު އިވިއްޖެ." އީހާންގެ މޫނުގައިވަނީ ސީރިއަސްކަމެވެ. އެ ގުޅުން ނިމުމަކަށް އައީތީ އެކަމާ ދެރަވާ ކަމުގެ އެއްވެސް އަސަރެއް އެ ދެ ލޮލުން ނީރާއަކަށް ނުފެނެއެވެ. ނީރާ އަނގައިން ނުބުނެ ބަލަން ހުރުމުން އީހާނު ގޮވާލިއެވެ.

"ޔެސް. އިޓްސް ލައުޑް އެންޑް ކްލިއާ." އީހާނު ޖަވާބެއް ބޭނުންވާކަން އެނގޭތީ ނީރާ ބުނެލިއެވެ.

"ޔޫ އޯކޭތަ؟" އީހާން ހަރަކާތެއްނުކޮށް އިންނަން ފެށުމުން ނީރާ އަހާލިއެވެ. ފަރުވާކުޑަ ގޮތަކަށް އީހާން ބޯޖަހާލިއެވެ. ދެން ތެދުވެގެން އެ ކޮޓަރިން އޭނާ ނުކުތެވެ. ދެން ވެސް ނީރާއަށް ވިސްނަން އިނދެވުނީއެވެ. ޝީންއާއި އީހާނުގެ ދެމެދުގައި ޖެހުނީ ކޮންމައްސަލައެއް ކަމާމެދު ވިސްނާށެވެ. (ނުނިމޭ)