ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގައި ޑޮކްޓަރުކަން ކިިޔަވާ ދަރިވަރުންނަށް ސާޖަރީ ކިޔަވައިދޭން ފަށައިފި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި އެމްބީބީއެސް ކިޔަވަމުންދާ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ސާޖަރީގެ މޮޑިއުލް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

އެމްއެންޔޫ އިން މައުލޫމާތު ދޭ ގޮތުގައި ސާޖަރީ މޮޑިއުލް ކިޔަވައި ދޭން ފެށީ އެމްބީބީއެސްގެ ތިންވަނަ ބެޗުގެ ދަރިވަރުންނަށެވެ.

ބާރަ ހަފްތާއަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މޮޑިއުލްގައި 22 ދަރިވަރުން ކިޔަވަމުންދާއިރު ސާޖަރީގެ ހަރަކާތްތަކުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރާނެ އެވެ.

މި މޮޑިއުލްގެ ކްލާސްތައް ކުރިއަށް ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އަށްވަނަ އަދި 14 ވަނަ ފަންގިފިލާގަ އެވެ.

މި ދަރިވަރުންނަށް ބޭނުންވާނެ ސާޖަރީގެ ފިލާވަޅުތަކާއި ތަފާތު އޮޕަރޭޝަންތަކާއި ޕްރޮސީޖާތައް އަދި އެކިއެކި ހާލަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ގޮތްތައް އުނގަންނައިދެނީ އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް ސާޖަރީގެ ކޮންސަލްޓަންޓުންނެވެ.

މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ، ކެބެންސާން ޔުނިވާސިޓީއާ ގުޅިގެން އެމްއެންޔޫގައި އެމްބީބީއެސްއަށް ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރު އެވެ. އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުުރުސަތުގެ ދަށުން އެ ކޯސްވެސް ހިލޭ ކިޔެވެ އެވެ.