ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުއްވައިފި އެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ސަފީރުކަމުގެ ފަތް ކޮޅު އެރުއްވި ބޭފުޅުންގެ ތެރޭގައި މެކްސިކޯއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ފެޑެރިކޯ ސަލަސް ލޮފްޓް އާއި ރުވާންޑާއިން ކަނޑައެޅި ސަފީރު ޖެކުއަލިން މުކަންގިރާ އަދި ޖަރުމަނުން ކަަނޑައެޅި ސަފީރު ހޮލްގަ ލޯތަ ސިއުބަޓް ހިމެނެ އެވެ.
މިރަސްމިއްޔާތުގައި ސަފީރުން ވަނީ އެ ބޭފުޅުންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މިއަދު ފަތްކޮޅު އެރުއްވި ތިން ގައުމުގެ ސަފީރުންނަކީވެސް ނޮން ރެސިޑެންޓް ސަފީރުންނެވެ. އަދި އެގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކެއް ރާއްޖޭގައި ނުހުރެ އެވެ.