ޓީޗަރުން

އާބާދީ މަދު ރަށްތަކަށް ބަދަލުވާ ޓީޗަރުންނަށް އެލަވަންސެއް ދެނީ

ހާއްސަ މާއްދާތައް ކިޔަވައިދޭން އެކަށީގެންވާ އަދަދަށް ޓީޗަރުން ނުލިބޭތީ އެ މާއްދާތައް ކިޔަވައިދޭން އާބާދީ މަދު ރަށްރަށަށް ބަދަލުވާން ބޭނުންވާ ޓީޗަރުންނަށް އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ގުރުއާން ފަދަ މާއްދާތައް ކިޔަވައިދިނުމުގެ ޓީޗަރުން ލިބުމުގައި ދަތި ކަމަށެވެ. ގުރުއާން ކިޔަވައިދޭނެ ޓީޗަރުން ނުލިބިގެން އެޑިއުކޭޝަން މިނިސްޓްރީން މިިދިޔަ އަހަރު ފަސް ޓީޗަރަކު އިންޑިއާއިން ގެނެސް ފަސް ސްކޫލެއްގައި ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖެެއްސި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަސް ޓީޗަރުން ގެނައީ ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް ރާއްޖެއިން ޓީޗަރުން ނުލިބިގެން ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ އާބާދީ މަދު ރަށްތަކަށް ގުރުއާން ކިޔަވައިދޭން ދާނެ ޓީޗަރުން ނުލިބުމެވެ. އެެހެން ނަމަވެސް ބޮޑެތި ސިޓީތަކާއި މާލޭގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ވަރަށް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި އެ މައްސަލައަށް އަލިމަގެއް ފެނޭތޯ މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"....އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ ހަމަ ހާއްސަ އިސްކަމެއް ދެއްވައިގެން ހުއްދަ ދެއްވައިފި އަޅުގަނޑުމެންގެ އެދުމަކަށް އެހެން ރަށަކަށް ގޮސް ކިޔަވައިދޭ މުދައްރިސަކަށް ވެއްޖިއްޔާ އިތުރު އެލަވަންސެއް އެބޭފުޅަކަށް ދޭން. މިހާރު އެކަން އޮތީ ހަމަޖެހިފައި" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުރުއާން ކިޔަވައިދޭން ބޭރު ޓީޗަރުން ގެނައުމަކީ އާ ކަމެއް ނޫން ކަމަށާއި 2013 އަދި 2015 ވަނަ އަހަރުވެސް ގުރުއާން ކިޔަވައިދޭން ރާއްޖެއަށް ބޭރުން ޓީޗަރުން ގެނައި ކަމަށެވެ. އަދި ގުރުއާން ފަދަ މާއްދާތައް ކިޔަވައިދޭން ޓީޗަރުން ނުލިބޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ގުރުއާން ޓީޗަރުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

"ހާއްސަކޮށް ގުރުއާން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މިއީ އިސްލާމިކް ޔުނިވާސިޓީ އާއި ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން. އަޅުގަނޑުމެން މި ބުރުގައި 200 މުދައްރިސުން، ހާއްސަކޮށް ގުރުއާން މުދައްރިސުން ބޭނުންވާ ރަށްތަކަށް ފޯކަސްކޮށްގެން އެ ރަށްތަަކުގައި މި ޕްރޮގްރާމް ހިންގުމުގެ މަސައްކަތް މިހާރު މިވަނީ ފަށައިފައި" މިނިސްޓަރު ވިދާޅުވި އެވެ.