ހަބަރު

ފުޓްބޯޅަ މެޗެއްގައި ހަމަނުޖެހުން ހިންގި ކައުންސިލަރަކު ހައްޔަރުކޮށްފި

ގދ. ގައްދުއާ ތިނަދޫއާ ދެމެދު ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރޭ ދަނޑުގައި ހިނގި އަރައިރުމެއްގެ ތެރޭގައި ހަމަނުޖެހުން ހިންގައިގެން ގައްދޫ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ތިނަދޫގައި ކުޅުނު އެ މެޗުގައި ދަނޑު މަތީގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން ފުލުހުން ހައްޔަރުކުރީ ގައްދޫ ކައުންސިލާ އަބްދުﷲ ސޯދިގެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލަރަކު ވިދާޅުވީ، ސޯދިގު ހައްޔަރުކުރީ ދެރަށުން ބޭއްވި ފުޓްބޯޅަ މެޗެއްގައި ތިނަދޫ ޓީމުގެ ކުޅުންތެރިޔަކު ގޯލަށް ޖެހި ބޯޅައެއް ފައުލްއެއް ކަމަށް ގައްދޫ ޓީމުގެ ކުޅުންތެރިން ބުނަމުންދަނިކޮށް، އެއީ ފައުލްއެއް ނޫން ކަމަށް ރެފްރީ ނިންމުމުން، ގައްދޫ ސަޕޯޓަރުން ރުޅިއައިސްގެން ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ކުރާ ތުހުމަތެއްގައި ކަމަށެވެ.

ސޯދިގަކީ ވެސް މެޗުގައި ކުޅުނު ކުޅުންތެރިއެކެވެ. އެ މެޗުގައި އޭނާ ކުޅުނީ ގައްދޫ ޓީމުގެ ގޯލްކީޕަރަކަށެވެ.

މި މައްސަލަޔާ ގުޅިގެން އަބްދުﷲ ސޯދިގުގެ އިތުރުން އެހެން ތިން މީހަކު ވެސް ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ސޯދިގު މިހާރު ހުރީ ގދ. ތިނަދޫ ފުލުހުންގެ ހައްޔަރުގަ އެވެ. މައްސަައާ ގުޅިގެން އޭނާ އާ މެދު އިތުރު ފިޔަވަޅެއް އަދި ނާޅާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.