ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އައްޑޫގެ ތަރައްގީއަށް ހާއްސަ ސަމާލުކަމެއް ދެން: ރައީސް

އައްޑޫސިޓީ އަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށް ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު މިއަދު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީ އަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން އައްޑޫ ސިޓީ ކައުންސިލަށް ދެއްވާފައެވެ. އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި މި ނޫންވެސް އެ ސިޓީގެ އިގްތިސާދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށް ގެންދިއުމުގެ ޒިންމާ ސިޓީކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިޔަށްގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލު މެންބަރުންނާއެކު މިއަދު މެންދުރުފަހު ވާޗުއަލްކޮށް ބޭއްވި ބައްދަލުއްވުމުގައި 60 އަށްވުރެ ގިނަ ޕީއެސްއައިޕީގެ މަޝްރޫއާއެކު ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ކުރިޔަށްގެންދާ ގިނަ މަޝްރޫއުތައް ކުރިޔަށްދާކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.

ސިޓީކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށްގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ސިއްހީ ހިދުމަތާއި މަގުހެދުން ބަނދަރު ހެދުންފަދަ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތަކާއި އަދި ސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭގޮތުންނާއި އެކި މަޝްރޫއުތަކާއި ހިދުމަތްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.