ވީމޭ ކަލާޔާނުލާ

ވީމޭ ކަލާޔާނުލާ

(7 އޮގަސްޓު 2021އާ ގުޅޭ)

ޝަހުރުގެ ހަށިގަނޑުގައި ލިވިޔާ ބައްްދައިލައިގެން ހުރީ ނުހަނު ބާރަށެވެ. ދެން ދުވަހަކު ވެސް ޝަހުރު ދޫނުކުރާ ނަމޭ ބުނާ ފަދަ ބީދައަކުންނެވެ. އެފަދަ ހިޔާލެއް، ވިސްނުމެއް ވެސް ނުގެންނާ ނަމޭ ބުނާ ފަދައިންނެވެ.

"ލިވީ.. އަހަރެންގެ އާއިލާ އަދި މުޅި ދުނިޔެއާ ދެކޮޅަށް ތެދުވާން ޖެހުނަސް، އަހަރެން ލިވީ ދޫކުށް ނުލާނަން! މިއީ އަހަރެން ލިވީ އަށް ވާ ވަޢުދެއް.." ޝަހުރުގެ އިނގިލިތަކުން ލިވިޔާގެ ބުރަކަށީގައި އަތް ހިންގަމުން އޭނާ ބުނެލި އެވެ. ޝަހުރުގެ މޭގެތެރޭގައި ނިވައު ވެފައިވާ ލިވިޔާގެ މޫނު ނަގައި އޭނާ ބަލައިލީ ޝަހުރަށެވެ. އަދި އާނއެކޭ ބުނާ ފަދައިން ބޯ ޖަހައިލި އެވެ. އަނެއްކާ ވެސް ލިވިޔާ ބައްދައިލީ ޝަހުރު ގައިގައެވެ. ޝަހުރު ދެކެ ލިވިޔާ ވާ ލޯތްބާއި، އެލޯތްބަށްޓަކައި ލިވިޔާއަށް ދެވިފައިވާ ޤަދަރާއި އިއްޒަތަށް އެއްވެސް އުނި ކަމެއް ނާދެއެވެ.

"ރީއްޗަށް ބުނޭ! ޕްރޮމިސް ކުރޭ! ލިވީ އަހަރެން ދޫކޮށް ނުލާނަންތަ؟" ލިވިޔާގެ ގައިގައި ޝަހުރު ހިފައިލަމުން، ލިވިޔާގެ ހަތަރު ކަޅި ޝަހުރަށް އަމާޒު ކޮށްލިއެވެ. ޝަހުރުގެ ދެލޮލުގެ ތެރެއަށް ގެއްލި ލިވިޔާ ގަނބު ވިއެވެ. ބުނަން ވީ ކީކޭ ކަމެއް ލިވިޔާއަކަށް ނޭނގުނެވެ. ވައުދު ވާންވީ ކަމެއް، ނޫނީ ހުރިހާ ވާހަކައެއް ތެދަށް ކިޔައި ދޭނީ ކަމެއް ލިވިޔާއަށް ނޭނގުނެވެ. ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށްފަހު، ލިވިޔާ "އާނއެކޭ" ބުނެލި އެވެ. އެތައް ފިކުރު ތަކުން ބޮލުގެ ތެރެ ފުރިފައިވާ ޙާލުގައެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. ވަރަށް އަވަސްކޮށް ތައްޔާރު ވެލައިގެން ޝީލާ އެންމެ ފުރަތަމަ ވެސް ބޭނުންވީ ލިވިޔާއަށް ގުޅާށެވެ. ރޭވި ރޭވުމުގައި ކުލަ ޖައްސައި ޖަރީ ކޮށްލާށެވެ.

"ހަލޯ!" ޝީލާ ހިނިތުންވެލަމުން ވާހަކަދައްކަން ފެށިއެވެ. ލިވިޔާ ހުރީ ޝީލާގެ ކޯލަކަށް އިންތިޒާރު ކޮށްގެންނެވެ. ޝަހުރު އޮފީހުގައި ވުމުން ލިވިޔާ ހުރީ އޭނާގެ ހިތުގެ ނިންމުން ޝީލާއަށް ހިއްސާ ކުރަން ވަރަށް ބޭނުންވެފައެވެ.

"ކިހިނެއް އެއްކަލަ ކަންތައް އޮތީ؟ އޮން ތަ؟ އަހަރެން އެކަމުގެ ފަހުގެ ތައްޔާރީތައް ވާންވީ ދޯ؟" ހިތްހަމަ ޖެހިގެން ހުރެ ޝީލާ އޮއްސައިލީ ސުވާލު ފުންޏެކެވެ. ލިވިޔާ ފުންކޮށް ދެތިން ނޭވާ އެއް ދޫކޮށްލިއެވެ. ޝީލާ ހުރީ ލިވިޔާގެ ޖަވާބެއް އަޑު އަހަން ކެތް މަދުވެފައެވެ.

"ނޫން! އަހަރެން ރެޑީއެއް ނޫން. ތިކަމެއް އަހަރެން ނުކުރާނަން.." ލިވިޔާގެ ދުލުން ބޭރުވެގެން ދިޔައީ އެއްވެސް ޙާލެއްގައި ޝީލާ އުއްމީދު ކޮށްގެން ހުރި ބަސްތަކެއް ނޫނެވެ. ޝީލާ އަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިވިޔާގެ ވިސްނުމަށް އައި ބަދަލުންނެވެ.

"ވަޓް؟ އެއީ ކީއްވެ؟ ކުއްލިއަކަށް ތިހެން ނިންމީމަ އެވީ ކޯއްޗަކަށް؟" ޝީލާ ހިތްހަމަ ނުޖެހުނެވެ. ޝީލާގެ ސުވާލުތަކަށް ފަސްޖެހުމެއް ނެތި ލިވިޔާ ޖަވާބު ދޭން ހުރީ ވަރަށް ތައްޔާރު ވެގެންނެވެ.

"އެއީ އަހަރެންގެ ނިންމުން.. އަހަރެންގެ ފިރިމީހާ އެހެން ހުރެފަ ދޫކޮށް ނުލެވޭނެ. އަދި ތިވަރުގެ ކަމެއް ކޮށްފައެއް.. ތި ޕްލޭނަށް އަހަރެންގެ އެއްބާރުލުމެއް ނުލިބޭނެ. އަހަރެންގެ ފިރިމީހާ އަހަރެންނާ އެކު އުޅޭހާ ހިނދެއްގައި، އަހަރެން ހުންނާނީ އޭނާއާ އެކުގަ.." ލިވިޔާ ވަރަށް އަވަސްކޮށް ޝީލާ އަށް ރައްދު ދިނެވެ. ޝީލާ އުއްމީދާ އެކު، ބިނާ ކުރަމުން ދިޔަ އިމާރާތް ހީވީ ވަގުތުން ބިމާ ހަމަވި ހެންނެވެ. ޝީލާގެ ސިކުނޑި ހީވީ ވަގުތުން ހުއްޓުނު ހެންނެވެ. ކަންފަތުން ފޯނު ތިރިކޮށްލީ ވަރަށް ބޮޑަށް ނާއުއްމީދު ވެގެން ހުރެގެންނެވެ.

***

"ދަރިފުޅާ.. ޔޫހާ.." ޔޫހާގެ މަންމަ ރާދާގެ އަޑަށް ޔޫހާ ބަލައިލީ އޭނާގެ މަންމަގެ މޫނަށެވެ. އެވަގުތު ޔޫހާގެ ބައްޕަ ޔާސިރު ވެސް އިނީ އެމީހުންނާ އެކުގައި ސިޓިންރޫމްގައެވެ.

"ދަރިފުޅާ! މަންމަ އަޑު އެހިން ޝަހުރު ވަރިވަން އުޅޭ ޚަބަރު.. ދަރިފުޅާ ކައިވެނި ކުރެވޭނެ. ދަރިފުޅު އެކަމާ މާ ހާސް ނުވޭ.. މަންމަމެންނަށް އެބަ އިނގޭ ދަރިފުޅު ޝަހުރު ދެކެ ވާ ލޯބި.. މަންމަމެން ދުނިޔޭގަ ހުރިއްޔާ ދަރިފުޅަށް އެލޯބި ޙާސިލު ކޮށްދޭނަން!' ރާދާ ފިރުމަން ފެށީ ޔޫހާގެ ބުރަކަށީގައެވެ.

"ނޫން މަންމާ! އަހަރެން އެގޮތެއް ބޭނުމެއް ނޫން. އަހަރެން ޝަހުރު ދެކެ ވަރަށް ލޯބިވޭ. އިންތިހާއަށް ޝަހުރު ބޭނުން. އެކަމު މަންމާ، ގަދަ ބާރުން ލޯތްބެއް ނުލިބޭނެ.." ޔޫހާ އެހެން ބުނުމާ އެކު، ޔާސިރުގެ ކަޅި ޔޫހާއަށް އަމާޒު ވިއެވެ.

"މިހާރު ތިދައްކަނީ ބޭކާރު ވާހަކަ... ބައްޕަމެން ބޭނުން ވަނީ ދަރިފުޅު އުފަލުގަ ބަހައްޓަން.. ދަރިފުޅާ ޝަހުރުގެ ކައިވެނިން ދެ ޢާޢިލާއަށް އެބަ އުފާ ލިބޭ.. ޝަހުރު ވެސް ވަކި ހިސާބަކުން ޖެހޭނީ ސައިޒަށް ތިރިވާން.." ޔާސިރު ވާހަކަދައްކަން ފެށީ ހަރުކޮށެވެ. ޔާސިރަށް އެއްވެސް މީހެއް ރައްދެއް ނުދެއެވެ. އެތަނުގައި އިތުރަށް މަޑު ކުރަން ބޭނުން ނުވުމުން ޔޫހާ ސޯފާއިން ތެދުވެގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ލިވިޔާއާ ބައްދަލުކޮށް ކަންތައް ހިނގާ ދިޔަގޮތް، ޝީލާ ވަރަށް ތަފުސީލު ކަމާ އެކުގައިި ހުސްނާއަށް ކިޔައިދިނެވެ. ޝީލާ އެވާހަކަތައް ކިޔައި ދިނީ ވަރަށް ބިރުން ހުރެގެންނެވެ. އެ ވާހަކަތައް އިވިފައި މަންމަގެ ބަލި ޙާލަތު އިތުރަށް ގޯސް ވެދާނެތީއެވެ.

"މަންމައަށް ވިސްނެއްޖެ!" ޝީލާގެ ވާހަކަތައް ކަނުލައި އަޑުއަހާފައި، ހުސްނާ ބުނެލީ އެހެންނެވެ.

"ކޮންކަމެއް؟" ޝީލާ ހައިރާންކަމާ އެކުގައި ބަލައިލީ ހުސްނާ އަށެވެ. ހުސްނާ އެބުނަން އުޅެނީ ކީކޭކަން އެއްވެސް ގޮތަކަށް ޝީލާއަށް ނޭނގުމުންނެވެ.

"އަހަރެން ދާނީ އެގެއަށް.. ގޮސް ސަލާން ޖަހާނީ.. ލިވިޔާގެ ފައިބުޑަށް ވެއްޓި އަހަރެން ރޯނަން. އަހަރެންގެ ދަރިފުޅު އަހަރެންނަށް ދިނުމަށް.." ހުސްނާގެ އަޑުގައި ވަނީ ބަލިކަށި ކަމެވެ.

"އެނޫން ގޮތެއް ނެތް.. އަހަރެން މިދަނީ ތައްޔާރު ވެގެން ދާން.." ހުސްނާ އެހެން ބުނެ، ހިނގައިގަތީ ފާޚާނާއަށް ވަންނާށެވެ. ބޭރަށް ދިޔުމަށް ތައްޔާރު ވާށެވެ. (ނުނިމޭ)