އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
އުރީދޫއިން މިއަދު ބުނީ ސްކޫލް ބަންދާއި މޫސުމީ ހާލަތާއި ގުޅިގެން ދުވުން ފުރިހަމަ ކުރުމަށް ވަގުތު އިތުރުކުރުމަށް ގިނަ ދުވުންތެރިން އެދިފައިވާތީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ދުވުމުގެ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.
ކުރިން ކަނޑައަޅާފައި ވަނީ މި މަހުގެ އެކަކުން ހަތްވަނަ ދުވަހާ ދޭތެރޭ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަ ކުރެވޭ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު އިތުރުކޮށްފަ އެވެ.
މިއަހަރުގެ ދުވުމުގައި ވެސް ފަސް ކިލޯ މީޓަރުގެ ކެޓެގަރީ ހިމެނޭއިރު މުޅިން އަލަށް މިއަހަރު ވަނީ 10 ކިލޯ މީޓަރުގެ ކެޓެގަރީ ވެސް ތައާރަފްކޮށްފަ އެވެ. އެ ދެ ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިން ވަކިން ރަޖިސްޓްރީކޮށް ޖުމްލަ 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެ ކަަމަށް އުރީދޫއިން ބުނެ އެވެ.
ދުވުން ފުރިހަމަ ކުރާ މީހުންނަށް "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި ޝެއާ ކޮށްގެން އިނާމް ހޯދުމުގެ ފުރުސަތުވެސް އުރީދޫއިން މިހާރު ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
އުރީދޫ އިން ބުނީ ރަން މޯމަންޓްސް ޝެއާ ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް މަމަކް ރެސްޓަޯރެންޓުން ދެ މީހަކަށް ކެއުން އަދި ލަ ވެރާ ޕިޒޭރިއާ އިން ދެ މީހަކަށް ޕިއްޒާ ލިބޭނެ ކަމަށެވެ.
ޑިޖިޓަލް މެޑަލް ޝެއާ ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލި ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކެއް އަދި ޕިއްޒާ ކިޗަންއިން ޕިއްޒާއެއް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.
މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިޒިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.