ހަބަރު

ހުޅުލެ-މާލެ ބްރިޖް އަޅަން މިއަހަރު ފަށަނީ

ހުޅުލެ-މާލެ ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި އެކަމުގެ ސަބަބުން ހުޅުމާލޭގެ ތަރައްގީ އެތައް ގުނައެއް އިތުރުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް މިރޭ ވިދާޅުވި ގޮތުގައި ހުޅުމާލެ މިހާރަށް ވުރެ ބޮޑަށް ތަރައްގީކޮށް އެ ރަށުގައި އާބާދުވާ މީހުން ގިނަ ކުރެވެން އަންނަނީ ހުޅުމާލެއަށް ދަތުރު ކުރެވޭނެ ނިޒާމް އެހެން ގޮތަކަށް ބަދަލުކޮށްގެންނެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖަކީ އެކަމަށް އޮތް ފަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ބްރިޖާ އެކު 400،000 މީހުންގެ މޫވްމަންޓް ހުޅުމާލެ އާއި މާލެއާ ދެމެދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޗައިނާ ސަރުކާރުން ދޭ އެހީ އާއި ބަޖެޓުން އަޅުގަނޑުމެން ލާ އެއްޗަކާ އެކު ބްރިޖްގެ މަސައްކަތް އަޅުގަނޑުމެންނަށް މިއަހަރު ތެރޭގައި އަމަލީ ގޮތުން ފަށައި ގަނެވޭނެ. މިކަމުން އަޅުގަނޑުމެންނަށް ފެންނާނީ ހުޅުމާލެއަށް އަންނަ އިންވެސްޓްމަންޓްތައް އިތުރުވާތަން. އާބާދީ އިތުރުވާތަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބްރިޖް އެޅެން ދެން ވެސް ހުޅުމާލެ ފެރީގެ ހިދުމަތް ރަނގަޅު ކުރުމަށް އެމްޓީސީސީން އިތުރު ފެރީތަކެއް ގަތުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އެކަމަށް މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ފެރީތަކުގެ ދަތުރުތައް އަވަސްވެ، އެ ހިދުމަތުގައި ހުރި ދަތިތައް ފިލުވުމަށް އެހީތެރިވެދޭނެ އެވެ.

"ހުޅުމާލެއަށް އެއްގަމުން ދަތުރު ކުރެވޭނެ ގޮތްތަކެއް ހޯދިގެން ނޫނީ ހުޅުމާލެ ތަރައްގީ އެކަށީގެންވާ ގޮތެއްގައި ނުގެނެވޭނެ. އެހެން ވީމާ މި ބްރިޖްގެ މަސައްކަތް އެބަ މުހިންމުވޭ،" ރައީސް ވިދާޅުވި އެވެ.

ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ރަމްޒަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ޗައިނާގެ ނަމޫނާ އެހީ އަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބްރިޖް އެޅުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް ވެސް ޗައިނާގެ ކުންފުނިން މިހާރު ވަނީ ކޮށްފަ އެވެ.