ނާސްތާ ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބޭރުން ގެންނަ ކާއެއްޗެތި ދަރިވަރުންނަށް ކާން ދޭން ރައްކާތެރި ނުވާނެތީ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ނަމަވެސް މިކަމުން އަރައިގަނެވެންދެން ނާސްތާ ދޭނީ ފާހަގަވެފައިވާ ވަކި ކުދިންކޮޅަކަށް ކަމަށެވެ. އެކުދިންނަށް ނާސްތާގެ އިތުރުން އެހެނިހެން ގަޑިތަކުގައިވެސް ކެއުން ދޭނެ ކަމަށް ވިދާޅުވި އެވެ.
ސަބަބަކީ ބޭރުން ގެންނަ ކާތަކެތި މިދުވަސްވަރު ދަރިވަރުންނަށް ދިނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ލަފާދީފައި ވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ނާސްތާ ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލީ ނާސްތާ ޕްރޮގްރާމަށް ވުރެ ދަރިވަރުންގެ ސިއްހަތު މުހިންމު ވާތީ ކަމަށެވެ.
"ކޮވިޑްގެ ހާލަތުގައި ކުދިންނަށް ކެއުން ދިނުމަކީ އެހާ ސޭފްކަމެއް ނޫން ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން އަޅުގަނޑުމެންނަށް ދަންނަވާފަ ވާތީ ވަގުތީ ގޮތުން ހުއްޓާލީ. އަދި ވީހާވެސް އަވަހަށް ކޮވިޑްގެ ހާލަތުން ސަލާމަތްވީމަ އެ ޕްރޮގްރާމް އަލުން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ގެނައި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ.
ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ.
މަދު ސްކޫލަކަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގެ ތަޖުރިބާއަށް ފަހު 188 ސްކޫލާއެކު ހަމަ އެ އެހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 203 ސްކޫލްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށި އެވެ. ފަހުން ކޮވިޑާއި ގުޅިގެން އެ ޕްރޮގްރާމް މިވަގުތު ވަނީ މެދުކަނޑާލާފަ އެވެ.