އެމްއެމްއޭ

މި ކުއާޓަރުގައި ރިސޯޓުތަކުގެ އާމްދަނީއާއި ބުކިން އިތުރުވާނެ: ސާވޭ

Aug 9, 2021
1

މި ހިނގާ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރިސޯޓުތަކަށް ލިބޭ ބުކިންތަކާއި އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ހެދި ސާވޭ އިން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ ކުއާޓަރެއް ނިންމައި ހަދާ "ކުއާޓަލީ ބިޒްނަސް ސާވޭ"ގެ ދެވަނަ ކުއާޓަރުގެ ސާވޭ ދައްކާ ގޮތުގައި ސާވޭގައި ބައިވެރިވި 57 ޕަސެންޓް ފަރާތުން ބުނެފައިވާ ގޮތުން މި ކުއާޓަރުގައި ޓޫރިޒަމް އާމްދަނީ އިތުރުވާނެ އެވެ. އަދި ރިސޯޓު ބުކިންތައް އިތުރުވާނެ ކަމަށް ބުނެފައިވަނީ 52 ޕަސެންޓް ވިޔަފާރިންނެވެ.

ސާވޭގައި ބައިވެރިވި ގިނަ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އިގްތިސޯދީ ދަތި މިހާލަތުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގައި ރޫމް ވިއްކޭ އެވްރެޖު އަގު މައްޗެއް ނުވާނެ އެވެ. ނަމަވެސް މި ދާއިރާއަށް މުވައްޒަފުން ބޭނުންވާ އަދަދު އިތުރު ވެގެންދާނެ ކަމަށް ގިނަ ވިޔަފާރިތަކުން ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ކޮންޓްރަކްޝަން ދާއިރާ އާއި ހޯލްސޭލް/ ރިޓެއިލް ވިޔަފާރި އަދި ޓްރާންސްޕޯޓް ސެކްޓާގެ އިތުރުން ޓޫރިޒަމް ސިނާއަތް ބައިވެރިކޮށްގެން ހެދި މިސާވޭ ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ މެއި މަހުން ފެށިގެން ޖުލައިގެ ނިޔަކަށެވެ.

މި ސާވޭގައި ބައިވެރިވާން ބޮޑު 179 ވިޔަފާރިއަކަށް ސުވާލު ކަރުދާސް ފޮނުވި އެވެ. މީގެތެރެއިން 99 ޕަސެންޓް ވިޔަފާރިން ވަނީ ބައިވެރިވެ ސުވާލުތަކަށް ޖަވާބު ދީފާއިވެ އެވެ.