ރާއްޖެ ކުޅިވަރު

ރޭޖު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ހަމަނުވެ މުބާރާތުން ކަޓައިފި

ރޭޖް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ހަމަ ނުވުމުގެ ސަބަބުން އެޓީމަށް މެޗު ގެއްލި މުބާރާތުން ކަޓައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ 08:30 ގައި ތިންވަނަ ޑިވިޝަންގެ 18 ވަނަ މެޗުގައި ބައްދަލު ކުރަން އޮތީ ކްލަބް އޮންލީ ވަން އޮޕަޗިއުނިޓީ (އޯވަންއޯ) އާއި ރޭޖް ސްޕޯޓްސް ކްލަބެވެ. ނަމަވެސް މެޗުގެ ގަޑި ޖެހުނު އިރު ރޭޖްގެ ކުޅުންތެރިން ހަމަ ނުވުމުން ފައިދާ ދެގޯލާއި ތިން ޕޮއިންޓާއި އެކު އޯވަންއޯ އަށް ވަނީ މެޗު ލިބިފަ އެވެ.

ރޭގެ މެޗުން ރޭޖް މޮޅުވި ނަމަ އެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ޔަގީންވާނެ އެވެ. ނަމަވެސް ރޭޖްގެ ޓީމު ހަމަނުވެ އޯވަންއޯ އަށް މެޗު ލިބުމުން އޯވަންއޯ އިން ވަނީ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފަ އެވެ. އޯވަންއޯ ކުއާޓާ ފައިނަލަށް ދަތުރު ކުރީ ގްރޫޕް ހަތަރެއްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ކުއާޓާ ފައިނަލުގައި އޯވަންއޯ ބައްދަލު ކުރަން ޖެހޭނީ ގްރޫޕް އެކެއްގެ އެއްވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބާ އެވެ. މި މެޗު އޮންނާނީ އޯގަސްޓް 11 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެވެ. އަދި ގްރޫޕް ހަތަރެއްގެ އެއްވަނަ ހޯދާފައިވާ ކްލަބް ޓީންއޭޖް ބިސްބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުއާޓާ ފައިނަލުގައި ކުޅޭނީ އޯގަސްޓް 12 ވަނަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެވެ.

ބުރު ސްޕޯޓްސް ކްލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް ބައްދަލު ކުރާ ކުއާޓާ ފައިނަލު މެޗު އޮންނާނީ އޯގަސްޓް 11 ވަނަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެވެ. ލޮރެންޒޯ ސްޕޯޓްސް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބް ކުއާޓާ ފައިނަލުގައި ބައްދަލު ކުރާނީ އޯގަސްޓް 12 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެވެ.