ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ

Aug 9, 2021

މިއަހަރުގެ އޮކްޓޫބަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިއްޖެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ބިޑް ކުރީ ރާއްޖެއާއި ނޭޕާލުންނެވެ.

ރާއްޖެ އިން ބިޑް ކާމިޔާބު ކުރިކަން އިއުލާން ކުރީ މި މުބާރާތުގެ ކަމާ ގުޅޭ ބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ސާފު ޗެމްޕިއަންޝިޕް ބާއްވަން ބޭނުންވާ ގައުމުތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖުލައި 23 ވަނަ ދުވަހުން ފެށިގެން ޖުލައި 31ގެ ނިޔަލަށެެވެ. ރާއްޖެއިން ބިޑް ކުރީ އެންމެ ފަހު ވަގުތު އެވެ.

މީގެ ކުރިން ލަންކާ އާއި ގުޅިގެން މުބާރާތް ހޯސްޓު ކުރަން ރާއްޖެއިން މަސައްކަތް ކުރި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް ރާއްޖެއިން އަމިއްލައަށް ބިޑް ކުރަން ނިންމީ އެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ އެކަކުން 13 އަށް ބާއްވާ މި މުބާރާތުގައި މިއަހަރު ބައިވެރިވަނީ ފަސް ޓީމެވެ. އެއީ ރާއްޖެ، އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި އަފްޣާނިސްތާނެވެ. ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން ބޫޓާނުން މުބާރާތުގައި ބައިވެރި ނުވާން ނިންމިއިރު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް މި މުބާރާތުގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފަ އެވެ.

މި މުބާރާތް ފުރަތަމަ ބާއްވަން ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކޮށްލީ މުބާރާތް ކުރިއަށް ގެންދަން އޭރު ހަމަޖެހިފައި އޮތް ބަންގްލަދޭޝްގައި ކޮވިޑްގެ ހާލަތު ގޯސް ވުމުންނެވެ. އެހެންވެ މުބާރާތް ހޯސްޓް ކުރާނެ ގައުމެއް ހޯދަން އަލުން އިއުލާނު ކުރީ ބަންގްލަދޭޝްގައި ކޮވިޑްގެ ހާލަތު ރަނގަޅު ނުވުމާއި، މުބާރާތުގެ ސްޕޮންސަރެއް ހޯދަން ކުރި މަސައްކަތަށް އެކަށީގެންވާ ވަރުގެ ކުރިއެރުމެއް ނުލިބުމުންނެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓު ކުރަން ފުރުސަތު ލިބިފައިވާއިރު އެފްއޭއެމުން ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. ލަންކާ އާއި ގުޅިގެން 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރިއިރު ރާއްޖެއިން ވަނީ އެމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފަ އެވެ. އޭގެ ފަހުން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ބޭއްވީ އަވަށްޓެރި ބަންގްލްދޭޝްގަ އެވެ.

މިފަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައިވާ ގޮތް އެހެން އަހަރު ތަކާއި ތަފާތެވެ. އެގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަކުރާނީ ހުރިހާ ޓީމެއް ބައްދަލު ކުރުމަށް ފަހު އެންމެ ވަރުގަދަ ދެޓީމެވެ.