މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބިޑް ރާއްޖެއިން ކާމިޔަބު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުމުން އުފާ ކުރައްވާ ކަމަށެވެ. އަދި މިކަމަށްޓަކައި އެފްއޭއެމަށް މަރުހަބާ ދަންނަވަމުން ރައީސް ވިދާޅުވީ މިކަން ކާމިޔާބު ކުރުމަށްޓަކައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެފްއޭއެމް އާއި ބިޑް ކާމިޔާބު ކުރުމުގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ. އަދި މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ވާނެ ކަމަށް އުންމީދު ކުރާކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މިފަހަރުގެ މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅު ކުރީ އިންޑިއާ، ނޭޕާލް އަދި ދިވެހިރާއްޖެ އެވެ. ނަމަވެސް ރަސްމީކޮށް ބިޑް ހުށަހަޅާފައި ވަނީ ރާއްޖެއާއި ނޭޕާލުން އެކަންޏެވެ. ނޭޕާލުގެ ފުޓްބޯޅަ ފެޑެރާޝަނުން ބުނީ ރާއްޖެއަށް ބިޑް ކާމިޔާބު ކުރެވުނީ ނޭޕާލަށް ވުރެ ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. ލަންކާ އާއި ގުޅިގެން 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރި އިރު ރާއްޖެއިން ވަނީ އެމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ނަގާފަ އެވެ. އޭގެ ފަހުން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ބޭއްވީ އަވަށްޓެރި ބަންގްލްދޭޝްގަ އެވެ.
މިފަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައިވާ ގޮތް އެހެން އަހަރު ތަކާއި ތަފާތެވެ. އާންމު ގޮތެއްގައި ޖުމްލަ ހަތް ޓީމު ބައިވެރި ވެގެން މުބާރާތް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހަރު މުބާރާތް ކުރިއަށް ގެންދާނީ ފަސް ޓީމާއި އެކު އެވެ. އެއީ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން ބޫޓާނުން މުބާރާތުގައި ބައިވެރި ނުވުމަށް ނިންމުމާއި ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވޭނެތީ އެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަ ކުރާނީ ހުރިހާ ޓީމެއް ބައްދަލު ކުރުމަށް ފަހު އެންމެ ވަރުގަދަ ދެޓީމެވެ.
ނަމަވެސް ބޫޓާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. އެއީ ބޫޓާންގެ ތިމްޕޫ ސިޓީ މިއަހަރު ރާއްޖެ އައިސް އީގަލްސް އާއި އެކު އޭއެފްސީ ކަޕްގެ ކޮލިފައިން މެޗެއް ކުޅެފައި ވާތީ އެވެ.
ރާއްޖޭގައި ގިނަ އިންޓަނޭޝަނަލް މެޗު ތަކަކާއި މުބާރާތް ތަކެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެގޮތުން އޭއެފްސީ ކަޕްގެ ސައުތު އޭޝިއަން ގްރޫޕް މެޗުތައް މި މަހުގައި ކުޅުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގަ އެވެ. އަދި އޮކްޓޫބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމުގެ ބިޑުވެސް ރާއްޖެއިން މިވަނީ ކަމިޔާބު ކޮށްފަ އެވެ.