އަލީ އާޒިމް

ދިޔާއެއްޗަކީ ކޮބައިކަން ހާމަކުރާނީ ތަހުގީގު ނިމުމުން: އާޒިމް

ކުރީގެ ނައިބުރައީސް އަހްމަދު އަދީބު ދެއްވައިގެން އެގެއިން ގެންދެވި "ދިޔާ އެއްޗަކީ" ކޮން އެއްޗެއްކަން ތަހުގީގު ނިމުމުން ހާމަކުރާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ އަދީބަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާ އެއީ އަދީބު ސިޔާސީ ގޮތުން ވަރުގަދަވުމުގެ މާކުރީން އޮތް ގުޅުމެއް ކަމަށެވެ. އަދި އަދީބުގެ ގެކޮޅަށް ވަޑައިގެންނެވީ ބޭފުޅަކު ހަދިޔާއެއްގެ ގޮތުގައި ދެއްވި ދިޔާއެއްޗެއް ބަލައި ކަަމަށެވެ. އަދި އޭނާގެ ދަބަހުގައި ގެންދެވީ އެތަކެތި ކަމަށެވެ.

ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް ވިދާޅެއްނުވެއެވެ. ފަހުން އާޒިމް ވަނީ ދެ މަސް ދުވަސް ފަހުން އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ މުއްދަތު ހަމަވެދިޔައިރުވެސް އެކަން އާޒިމް ހާމައެއް ނުކުރައްވައެވެ. އެކަމާއި ގުޅޭގޮތުން މިރޭ ކްލަބް ހައުސްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެހެން ވިދާޅުވީ ދެ މަސްތެރޭ އޭނާގެ މައްސަލައަށް ގޮތެއް ނިމޭނެ ކަމަށް ބަލައިގެން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓްގައި އޭނާގެ ނަންވެސް އޮތްއިރު އަދީބު އަތުން ގެންދެވި ދިޔާ އެއްޗަކީ ކޮބައިކަން ހާމަކުރާނީ ތަހުގީގު ނިމުމުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ތަހުގީގު ނިމުމާއެކު މައުލޫމާތު ހާމަކުރާނަން،"

އާޒިމް މިރޭވެސް ވިދާޅުވީ އޭނާ އަދީބު އަތުން ގެންދެވީ ދިޔާ އެއްޗެއް ނަމަވެސް އެއީ ބަނގުރާ ނޫން ކަމަށެވެ. އަދި އެރޭ ގެންދެވީ ގާނޫނީ ގޮތުން މަނާ އަދި ހަރާމް އެއްޗެއްވެސް ނޫން ކަމަށެވެ. އަދި ދިޔާ ކޮންމެ އެއްޗެއް އެއީ ބަނގުރާ ނޫން ނަމަ ހަރާމް އެއްޗެއްގެ ގޮތުގައި ބަޔަކަށް ހީވުމަކީ ވަރަށް "މަޖާ" ކަމެއް ކަމަށެވެ. އެރޭ ގެންދެވީ ޑިއުޓީ ފްރީ ކޮތަޅުތަކެއްގައި ހުރި އެއްޗެއް ކަަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ދިޔާ ކޮންމެ އެއްޗަކީ ހަރާމް އެއްޗެއް ނޫން. ދިޔާ ކޮންމެ އެއްޗަކީ ރަލެއްވެސް ނޫން،"

އަމިއްލަ ދިފާއަށް ދައްކަވާ ބައެއް ވާހަކަތަކާއި ގުޅިގެން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އޮތް އާޒިމް މިރޭ ވިދާޅުވީ އޭނާ ދައްކަވާ ވާހަކަތައް ދެކޮޅު ޖެއްސެވޭތޯ ވަރަށް ބޮޑަށް ބައްލަވާ ކަމަށެވެ.