އެމްއެމްޕީއާރުސީގެ ހިޔާނާތް

"ކަޅު ފައިސާ ލިބުނު އެންމެން އިންސާފަށް ގެންދަންޖެހޭ"

އެމްއެމްޕީއާރުސީގެ ކަޅު ފައިސާ އިން ބައިކުޅަބައި ލިބިފައި ތިބި މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އަދި އެ ނޫން މީހުންގެ ނަންތައްވެސް ހާމަކޮށް ޝަރީއަތް ހިިންގާ އިންސާފު ގާއިމްވާން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ނާއިބް ރައީސް އަހުމަަދު އަދީބު އިއްޔެ ކްރިމިނަލް ކޯޓްގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރި ކަމަަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ކަޅު ފައިސާ އިން ބައިކުޅަބައި ލިބިފައި ތިބި މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އަދި އެ ނޫން މީހުންގެ ނަންތައްވެސް ހާމަކޮށް ޝަރީއަތް ހިިންގާ އިންސާފު ގާއިމްވާން ޖެހޭ ކަމަށެވެ.

"އެކަން ނުކުރައްވާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ. އެ ބަދުނާމު އެޅޭކަން ގައިމުވެސް އެމްޑީޕީން ބޭނުމެއް ނޫން،" ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ހިންގުމުގައި އިދާރީ ގޮތުން އެންމެ އިސް ދަައުރެއް އޮތް އެ ޕާޓީގެ ޗެއާޕާސަން ވިދާޅުވިއެވެ.

އިއްޔެ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އަދީބު ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް ތައުބާވެފައިވާ ކަމަށް ޝަރީއަތުގައި ވިދާޅުވިއެވެ. މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފުވެ ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ. އަދީބު ވިދާޅުވީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.