ޓްރާންސްޕޯޓް އޮތޯރިޓީ

އެހެން ގައުމުތަކަށް ލައިސަންސް ދޫކުރާ އުސޫލު އާންމުކޮށްފި

ބޭރު ގައުމުތަކުން ދޫކޮށްފައިވާ ލައިސަންސް ކާޑަށް ބިނާކޮށް ރާއްޖެއިން ލައިސަންސް ދޫކުރުމުގެ އުސޫލު އާންމުކޮށްފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއި އެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެ އެވެ.

އެގޮތުން 25 ގައުމެއްގެ ބިދޭސީންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދޫކުރުމަށް އޮތީ ނިންމާފަ އެވެ.

ބިދޭސީންނަށް ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނީ ރާއްޖޭގެ ލައިސަންސަށް އެދެން ބޭނުންވާ ނަމަ ގައުމަކުން ހޯދާފައިވާ ލައިސަންސާއި، ޕާސްޕޯޓް ކޮޕީއާއި، ވޯކް ޕާމިޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ލައިސަންސް ދޫކުރަން 250 ރުފިޔާގެ ފީއެއް ނަގާނެ ކަަމަށެވެ.

ބިދޭސީ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރާނީ އޮންލައިންކޮށް ކަމަށާއި އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުކުރެވޭ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރަން އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އިމްތިހާނާ ނުލައި ލައިސަންސް ދޫކުރަން ނިންމީ އަފްޣާނިސްތާން، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، ޔޫކޭ، އެމެރިކާ، ޗައިނާ، ޔޫއޭއީ، ސްވިޒަލެންޑް، ސައުދީ އަރަބިޔާ، ބެލްޖިއަމް އަދި ޖަރުމަނުގެ ލައިސަންސަށެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް މީހުން ހިމެނޭއިރު ޓްރާންސްޕޯޓް މިނިސްޓްރީގެ ލިސްޓުގައި ބަންގްލަދޭޝް ނުހިމެނެ އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓްގައި ނުހިމެނޭ ގައުމުތަކުގެ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ހެއްދުމަށް ފުރިހަމަ ކުރަންޖެހޭނީ ހަމަ އެކަނި ތިޔަރީ އިމްތިހާނެއް ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ އުސޫލުގައިވެ އެވެ.