ޕީޕީއެމް

އޮފިސަރުންތަކެއް ކަނޑާލާ ކަމަށް ބުނެ ކަންބޮޑުވެއްޖެ

Aug 10, 2021
1

ފުލުހުންގެ އިދާރާގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމި ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަގާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކިކުރުމަށް ނިންމި ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން އެކަން ސިފަކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުންގެ އާ ގާނޫނެއް އެކުލަވާލާ އެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑެއް އުފެއްދި ނަމަވެސް އެއީ އެމްޑީޕީގެ ސިޔާސީ މުހުތާދުތަކެއް ފުއްދުމުގެ ބޭނުމުގައި އުފެއްދި ބޯޑެއް ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި ޕޮލިސް ބޯޑަކީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާފައިވާ ބޯޑެއްގެ ގޮތުގައި ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

"އަދި އެއީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ އެމުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، ވެރިކަން ކުރާން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، އެކަން ފުލުހުންނާއި ސިފައިނންނާއި މަތިކޮށް ބަދަލު ހިފުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި މިކޯލިޝަން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ މުއައްސަސާއާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ މުއައްސަސާގެ އިސް ވެރިންތަކެއް ވަކި ކުރަން ޖެހޭ ކަމާއި އެ އޮފިސަރުންނާ މެދު ބަދަލު ހިއްޕެވުމުގެ ރޫހު ހުރިކަން ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަދެއްކެވި އެނގެން އެބައޮތް ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކު ހުންނަވައިގެން ކުރަމުން ގެންދާ މަސައްކަތަކީ ބަދަލު ހިފުން ކަމުގައި ބެލެވޭ ކަމުގައިވެސް ބުނެފައިވެ އެވެ.

"ވީމާ ފުލުހުންނާއި ސިފައިން ފަދައިން ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުއައްސާތައް ސިޔާސީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލަމެވެ. އަދި ފުލުހުންގެ ބޯޑުގެ އެ ނިންމުންވެސް ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ އަލުން މުރާޖައާ ކުރުމަށް މި ކޯލިޝަނުން ގޮވާލަމެވެ" އިދިކޮޅުގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑު އެކުލަވާލާތ ހަތަރު މަސް ތެރޭގައި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ވަޒީފާތައް ދާއިމީ ކުރުމާ މެދު ގޮތެއް ނިންމަންޖެހެ އެވެ. އެ މުއްދަތު އިއްޔެ އަށް ހަމަވިއިރު ހަތް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ޕޮލިސް ބޯޑުން ސީޕީ މުހައްމަދު ހަމީދަށް ލަފާ ދީފައިވާ ކަމަށްވެ އެވެ. އެ ލަފާ ތަންފީޒު ކުރަންޖެހޭ ފަރާތަކީ ސީޕީ އެވެ.