ދޮނަކުޅީގައި ތަރައްގީކޮށްފައިވާ "ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ" ގައި ދިވެހި ކުންފުންޏެއް ކަމަށްވާ ޑީޕް ބްލޫއިން ޕްލޯޓިން ޕާކެއް ހަދައިފި އެވެ.
ހައިޑްވޭ ބީޗް ރިސޯޓުގައި މޫދު ކުޅިވަރުގެ ހިދުމަތް ދެމުން ގެންދާ ޑީޕް ބްލޫ ވޯޓާ މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު ވިދާޅުވީ ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ހަދާފައިވާ "އަކުއާ ފްލޯޓިން ޕާކު" ގެ ސަބަބުން އެ ރިސޯޓަށް އަންނަ ޓޫރިސްޓުން ޝައުގުވެރިވާނެ އިތުރުކަމަކަށް ވެގެންދާނެ ކަމަށެވެ.
"މި ހިދުމަތް މިދެނީ ޑީޕް ބްލޫގެ ހިދުމަތެއްގެ ގޮތުގައި. މި ބްރޭންޑް ފުލް ކޮމްޕްލީޓް މި ގެނެވުނީ ރާއްޖެއަށް އަލަން. މިފަދަ އެއްޗިހި ބައެއް ރިސޯޓުތަކުގައި ހުރިނަމަވެސް ފުލް ސެޓެއް ނުގެނޭ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަރުމަނުގެ މި އުފެއްދުމުގެ ސަބަބުން އެ ރިސޯޓުގެ މޫދު ކުޅިވަރުތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. ނަމަވެސް އެހެން ތަނެއްގައި މި ހިދުމަތް ދިނުމާމެދު ނުވިސްނަން. އޭގައި އޮންނާނީ އެ ފުރުސަތެއް އަންނަ ގޮތެއް ބަލާފަ ހިދުމަތް ދޭނީ،" ރަޝީދު ވިދާޅުވި އެވެ.
ޑީޕް ބްލޫއިން ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި ދެމުން ގެންދާ މޫދު ކުޅިވަރުގައި ޖެޓްސްކީ އާއި ވިންޑް ސާވިސް ފަދަ ގިނަ ބައިތަކެއް ހިމެނިފައިވެ އެވެ.