ވ. ރަކީދޫގައި މިހާރު މަރާމާތު ކުރަމުން ގެންދާ އެރަށު ސުކޫލް އަންނަ އޮކްޓޯބަރު މަހު ހުޅުވާނެ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
މިއަހަރު ދިރާސީ އަހަރު މިއަދު ފަށައިފައިވާއިރު ރަކީދޫގައި ސެޓެލައިޓް ސްކޫލިން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް ސުކޫލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އޮކްޓޯބަރު މަހު ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އަބްދުﷲ މިއަދު ވިދާޅުވީ އޮކްޓޯބަރު 24 ވަނަ ދުވަހު ދަރިވަރުންނަށް ސުކޫލުގައި ކިޔެވޭނެ ކަމަށެވެ. ހަތަރު ކްލާސްރޫމް ހުންނަ އެ ސުކޫލުގައި ކިޔަވަން މިހާރު ވެސް 11 ދަރިވަރަކު ނަން ނޯޓްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރަކީދޫ ސްކޫލް މަރާމާތުކޮށް އަލުން ހުޅުވަން މަސައްކަތް ކުރަމުންދާއިރު އެރަށު ސްކޫލް ބަންދުކޮށްފައި ހުންނަތާ 13 އަހަރު ވެއްޖެ އެވެ. ރަކީދު ސްކޫލް 2008 ވަނަ އަހަރު ބަންދުކުރީ ރަށުގައި ވަސީލަތްތައް ނެތުމާއި އާބާދީ ކުޑަވުމުގެ ސަބަބުންނެވެ.
އަބްދުﷲ ވިދާޅުވީ ސްކޫލް ބަންދުވުމާއި ގުޅިގެން ގިނަ މީހުން ކުދިން ގޮވައިގެން ރަށްރަށަށް ހިޖުރަ ކުރީ ކަމަށެވެ. އެގޮތުން އެންމެ ގިނަ މީހުން ދިޔައީ އެ އަތޮޅު ކެޔޮދޫ އަށެވެ. އަތޮޅު ފެރީ ކޮންމެ ދުވަހަކު އޮތް ނަމަވެސް ކޮންމެ ދުވަހަކު ދެކޮޅަށް ދަތުރުކުރަން ރައްޔިތުން ބޭނުމެއް ނުވެ އެވެ.
"އެ މީހުން އުޅެނީ ކެޔޮދޫއިން ތަންތަން ކުއްޔަށް ހިފައިގެން. ސަރުކާރުން އެމީހުންނަށް 1000ރ. ދޭ. ބައެއް މީހުން ފާފު އަދި މީމު އަތޮޅުގައިވެސް ދިރިއުޅޭ. އެކަމަކު އެމީހުން އެގޮތެއް ބޭނުމެއް ނުވޭ. ބޭނުންވަނީ ރަށުގައި ތިބެގެން ރަށުން ކުދިންނަށް ކިޔަވައިދޭން. ސުކޫލު ހުޅުވުނީމާ ނަން ނޯޓުކޮށްފައި ތިބި އަދަދު ގިނަވާނެ. އެމީހުންގެ ވިސްނުމެއް ނެތް ރަށުން ބޭރުގައި އުޅޭކަށް،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެރަށު މުދައްރިސުން އެހެން ރަށްރަށުގައި ކިޔަވައިދެމުންދާ ކަމަށެވެ. ސްކޫލް ހުޅުވުމުން އެމީހުން ރަށަށް ބަދަލުވާން ބޭނުންވާ ކަމުގެ ޝުއޫރުތައް ފާޅުކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2.9 މިލިއަން ރުފިޔާ އަށެވެ.