ރަށްރަށުގެ ކުނިގޮނޑުތަކަށް ޖަމާކޮށްފައި ހުރި ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ވެމްކޯއާއި ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.
ރަށްރަށުގައި ޖަމާވެފައި ހުރި ގިނަ އަދަދެއްގެ ކުނި ނަގައި އެ ރަށްތަކުގެ ކުނިގޮނޑުތައް ސާފުކުރަން ރައީސުލްޖުމްހޫރިއްޔާ ވެމްކޯ އަށް އެންގެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެގޮތުން 20 ރަށެއްގެ މަސައްކަތް ވެމްކޯއާ ހަވާލުކުރެއްވި އެވެ.
މިމަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ސަރުކާރުން ހަވާލުކުރި މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ. އެއްވެސް މަސައްކަތެއް ނުކުރެވި އޮތް ހަމައެކަނި ރަށަކީ ހދ. ނައިވައިދޫ އެވެ.
އާދަމް ވިދާޅުވީ ނައިވައިދޫގައި މަސައްކަތް އެއްވެސް ވަރަކަށް ނުފެށި ވަނީ އެ ރަށާއި ކުޅުދުއްފުށިން ގެންދަން ޖެހޭ ކުނިތައް ގެންގޮސް އަޅަންޖެހޭ ހދ. ކުނބުރުދޫގެ އީއައިއޭގެ މަސައްކަތްތަކަށްފަހު އެރަށަށް ވެމްކޯގެ މުވައްޒަފުން އެރުމަށް އަދި ހުއްދަ ލިބިފައި ނުވާތީ ކަމަށެވެ.
"ހަގީގަތުގައި ކުޅުދުއްފުށިން ބޭރުކުރަންޖެހޭ ކުނިތައް މިހުރީ ބައިބައި ކުރެވި ކުންޏާއި ވެލިތައް ފުރޭނި ވަކިކުރެވިފައި. ކުޅުދުއްފުށި މިއީ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް އެންމެ ބޮޑު ކުނިގޮނޑު. އަޅުގަނޑުމެންނާ މިހާރު ހަވާލުވެފައި އޮތް 20 ރަށުގެ ތެރެއިން 10 ރަށުގެ ކުނިގޮނޑު އެއްކޮށްލީމާ އަންނަ ވަރަށް ވުރެ ގިނަ ކުނި ކުޅުދުއްފުށީގައި އެކަނި އެބަހުރި،" ކުޅުދުއްފުށީގައި ހުރި ކުނީގެ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހަވާލުކުރި އެހެން ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި އޮތީ ތ. އަތޮޅުގެ އެއް ރަށާއި، އދ. މާމިނގިލީގެ 50 ޕަސަންޓް މަސައްކަތާއި ފުވައްމުލަކު ކުނި ގޮނޑު ހުސްކޮށްލުމުގެ މަސައްކަތް ކަމަށެވެ. ފުވައްމުލަކުގެ ކުނިގޮނޑަކީ 25 އަހަރަށް ވުރެ ގިނަ ދުވަސްވީ ކުނި އެތަނުގައި ޖަމާވެފައި ހުރި ރަށެއް ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ އެތަނުގައި ވެމްކޯގެ މުވައްޒަފުން އިތުރުކޮށް އެހެން ރަށްތަކަށް ވުރެ ގިނަ ވަސީލަތްތައް ވެސް ފުވައްމުލަކު ގޮނޑު ހުސްކޮށްލުމަށް ބޭނުންކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިން މިދެންނެވި ތ. އަތޮޅުގެ ނުނިމި އޮތް ރަށް ނިންމާފައި އަޅުގަނޑުމެން ދެން ދާނީ މާމިނގިލީގައި ނުނިމިި ހުރި މަސައްކަތް ނިންމަން. އޭގެފަހުން ނައިވާދޫ ގޮނޑު ސާފުކޮށް އެރަށާއި ކުޅުދުއްފުށީގެ ކުނިތައް ބޭރުކޮށްލުމަށް ވެސަލް ދާނެ،" މަސައްކަތް ރޭވިފައިވާ ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އާދަމް އިތުރަށް ވިދާޅުވީ ސަރުކާރުން ހަވާލުކުރި މަސައްކަތް ލަސްވީ ކޮވިޑްގެ ހާލަތު މުޅި ރާއްޖޭގައި ވެސް ގޯސްވުމުން މަސައްކަތް ކުރިއަށް ގެންދަން ދަތިތަކެއް ދިމާވުމުން ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ދޮޅުމަސް ބައެއް ރަށްތަކުގައި އެއްވެސް މަސައްކަތެއް ނުކުރެވި ދިޔަ ކަމަށް ވިދާޅުވި އެވެ.
ކުނީގެ މައްސަލަ ބޮޑުވި 20 ރަށުގެ ތެރެއިން 13 ރަށަކުން ކުނިތައް ބޭރުކޮށްފައިވާއިރު ކުޅުދުއްފުށީގައި އެކަނި 92،000 ޓަނުގެ ކުނި އެބަހުއްޓެވެ. އަދި ފުވައްމުލަކުގައި ހުރި ކުނި އެ ރަށުން ބޭރުކުރުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.