ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް އޮންނަތާ ފަސް މަސް ވެއްޖެ އެވެ.
ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އާދަމް މުހައްމަދެވެ.
އޭނާ އެ މަގާމުން ވަކިކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާދަމް އައްޔަންކުރީ މިދިޔަ މާޗް މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން ލަސްވަނީ ކީއްވެގެންތޯ ދެންނެވުމުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދު ވިދާޅުވީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް އޮފީހުން ނަމެއް ފޮނުވި ކަމަށެވެ. ނަމަވެސް އެ ނަމާ ގުޅިގެން ޕްރައިވެޓައިޒޭޝަން ބޯޑުން ރައީސް އޮފީހަށް ހުށަހެޅުންތަކެއް ހުށަހެޅި ފަހުން ރައީސް އޮފީހުން އެ ނަން އަނބުރާ ގެންދިއުމަށްފަހު އިތުރު ނަމެއް އަދި ނުލިބޭ ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް އޮފީހުން ފޮނުވީ އެއް ނަމެއް. އަޅުގަނޑުމެންގެ ރިކުއެސްޓްތަކަކާ ގުޅިގެން އެ ނަން ގެންދިޔަ ފަހުން އިތުރު ނަމެއް ނުލިބޭ. އާންމުކޮށް ރައީސް އޮފީހުން ކުންފުނިތަކުގެ ވެރިންނަށް ފޮނުވަނީ ހަމަ އެންމެ ނަމެއް. އެކަަމަކު އިތުރު ނަން އެއް ފަހަރާ ވެސް ފޮނުވުމުގެ ފުރުސަތު އޮންނާނެ،" އާސިމް ވިދާޅުވި އެވެ.
ރައީސް އޮފީހުން ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުވި ބޭފުޅާގެ ނަން، އާސިމް ވިދާޅުވެފައެއް ނުވެ އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް އޮންނަތާ އެތައް ދުވަހެއް ފާއިތުވެ ދިއުމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ވެމްކޯއަށް ބޭފުޅަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ވެމްކޯ ހިމެނުނު ނަމަވެސް އެ ކުންފުނި ހިންގަނީ ގެއްލުމުގަ އެވެ. ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި ވެމްކޯ ގުޅިގެން މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް އަދި ނަތީޖާއެއް ނުފެނެ އެވެ.