ވެމްކޯ

ވެމްކޯއަށް މުޅިން އަލަށް 671 މުވައްޒަފުން!

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެމްކޯއަށް އަލަށް 671 މުވައްޒަފުން ނަގައިފި އެވެ.

ވެމްކޯއަށް މިއަދަދަށް މުވައްޒަފުން ނެގި ކަމަށް އެ ކުންފުނިން ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހެޅުމުން ދިން ޖަވާބު ގައެވެ.

މައުލޫމާތު ހޯދަން އެދުނު ފަރާތުން އެދިފައި އޮތީ ނޮވެމްބަރު 17، 2023 އިން ހިނގަމުން މިދާ ޖުލައި ތިންވަނަ ދުވަހުގެ ނިޔަލަށް އަލަށް ނެގި މުވައްޒަފުންނާއި ވަކިކުރި ނުވަތަ ވަކިވި މުވައްޒަފުން ތަފްސީލް ހޯދުމަށެވެ.

މިވެރިކަމުގެ ތެރޭގައި ވެމްކޯއަށް އެންމެ ގިނަ މުވައްޒަފުން ހޯދާފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ވެމްކޯ އިން ކުރިއަށް ގެންދާ އޮޕަރޭޝަނަށެވެ. އެގޮތުން ދެކުނު އޮޕަރޭޝަނަށް 221 މުވައްޒަފުން ނަގާފައިވާއިރު މާލޭގެ އޮޕަރޭޝަންތަކަށް 99 މުވައްޒަފުން ނަގާފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނަ މުވައްޒަފުން ނަގާފައިވަނީ ވެމްކޯ ހުޅުމާލެ އޮޕަރޭޝަނަށެވެ.

ސަރުކާރުން 100 ޕަސަންޓް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ވެމްކޯއަކީ އެންމެ ހާލުގައި އޮތް އެއް ކުންފުންޏެވެ.