ވެމްކޯ

ވެމްކޯ އިން ފައިސާ ދައްކަންޖެހޭ ފަރާތެއް ވާނަމަ އެންގުމަށް އެދިއްޖެ

Dec 14, 2021
1

ވެމްކޯއާ އެކު ވިޔަފާރިކޮށްފައިވާ އެއްވެސް ފަރާތަކަށް އެ ކުންފުނިން ފައިސާ ދައްކާފައި ނުވާނަމަ އެކަން އެންގުމަށް ވަކި މުއްދަތެއް ދީފި އެވެ.

ވެމްކޯ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނިން އެކި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން، އެ ކުންފުނިން އަދާކުރަންޖެހޭ މާލީ އިލްތިޒާމް އަދާކޮށްފައި ނުވާ މުއާމަލާތްތަކުގައި، ފައިސާ ލިބެންޖެހޭ ފަރާތްތަކުން އެކަން އެންގުމަށް އެދޭ ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ވެމްކޯ ރަސްމީކޮށް ހުޅުވުނު ދުވަސް ކަމަށްވާ ޖެނުއަރީ 1، 2016 އިން ފެށިގެން ޑިސެމްބަރު 31، 2019 އަށް ފައިސާ ދައްކާފައިވާ ނުވާ އިންވޮއިސްތަކަށެވެ.

ވެމްކޯ އިން ބުނީ އެ މުއްދަތުގައި ވެމްކޯ އަށް އިންވޮއިިިިސް ކޮށްފައިވާ އެއްވެސް ފަރާތަކަށް ފައިސާ ލިބިފައި ނުވާނަމަ އިއްޔެ އިން ފެށިގެން 15 ދުވަސް ތެރޭގައި ވެމްކޯ އަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.

ވެމްކޯ އިން ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 28ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް އިންވޮއިސް އެއް ބަލައިނުގަންނާނެ ކަމުގައިވެސް ބުނެފައިވެ އެވެ.

ފައިސާ ނުދައްކާ ހުރި އިންވޮއިސް ތަކާއި އަދި އެ މުއާމަލާތާ ގުޅޭ ލިޔެކިޔުންތައް ވެމްކޯ އަށް އީމެއިލް ކުރުމަށް ނުވަތަ އެ ކުންފުނީގެ ހެޑް އޮފީހަށް ހުށަހެޅުމަށްވެސް ވެމްކޯ އިން އެދިފައިވެ އެވެ.