އަނަސް އަބްދުއްސައްތާރު

ފިނޭންސްގެ ސްޓޭޓަކަށް އަނަސް

މިނިސްޓަރު އޮފް ސްޓޭޓް ފޯ ފިނޭންސްގެ މަގާމަށް މ. ބަޑިކުޅިމާގެ، އަނަސް އަބްދުއްސައްތާރު އައްޔަން ކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަނަސްއަަށް ސްޓޭޓް މިނިސްޓަރު ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

އަނަސްއަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗަލާ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާބޭފުޅެކެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އަނަސް އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާސްގެ މެނޭޖިންގް ޕާރޓްނަރުގެ މަގާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ސެކްރެޓެރީ-ޖެނެރަލްގެ މަގާމު ފުރުއްވާފައިވެއެވެ.

މީގެ އިތުރުން އަނަސްއަކީ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮއްޓްރެކްޓިންގް ކޮންޕެނީ އާއި ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ. އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

އަނަސް އެ މަގާމުން އިސްތިއުފާ ދެއްވީ ބާ ކައުންސިލްގެ ބައްދަލްވުންތަކަށް ވަޑައިނުގަންނަވާތީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުންނެވެ.

މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށްވެސް އަނަސް ވާދަކުރެއްވިއެވެ. ނަމަވެސް ބޮޑު ނާކާމިޔާބަކާ ކުރިމަތިލައްވަން ޖެހިވަޑަައިގަތެވެ.

އަނަސްއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވާފައި މިވަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ.