މޯލްޑިވްސް ޕޮލިސް ސާވިސް

އޮފިސަރުން ވަކިކުރި ކަމަށް ބުނާ މައްސަލަ 241 ކޮމިޓީއަށް

ފުލުހުންގެ އިދާރާގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

މެމްބަރު ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަ ގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ކުރައްވާފައެއް ނުވެ އެވެ.

މީގެ ފަސް މަސް ކުރިން ތަންފީޒުކުރަން ފަށާފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑަށް ދީފައިވާ ބާރުގެ ދަށުން އިސް އޮފިސަރުންތަކެއް ވަކި ކުރަން ނިންމާފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓް ކުރަމުންދާއިރު ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އިސް ބޭފުޅުންނާ ގާތްގުޅުންތަކެއް އޮތް ބޭފުޅުންނެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ އަހްމަދު ފަޔާޒް ހަސަނާއި އާއިޝަތު ނޫރާ މުހައްމަދާއި އަލީ ފާއިޒާއި އަހްމަދު ނާޝިދާއި އާދަމް އިބްރާހީމާއި ހާމިދު އަބްދުލްއަފޫރާއި ސަފާ ޝަރީފް އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުންތައް ތަންފީޒުކުރައްވާނީ ކޮމިޝަނާ އޮފް ޕޮލިސް އެވެ. މިހާރު އެ މަގާމުގައި ހުންނެވީ ސީޕީ މުހައްމަދު ހަމީދެވެ. އެއީ ރައީސް ސޯލިހްގެ ޅިޔަނެކެވެ.

ޕޮލިސް ބޯޑުގެ ނިންމުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ނިންމުން މުރާޖައާ ކުރަން ގޮވާލައި ޕީޕީއެމްއާއި ޕީއެންސީން ބަޔާނެއް ނެރެ، އެ އަމަލަކީ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ބަދަލު ހިފަން ކުރި ކަމެއްގެ ގޮތުގައި ވަނީ ބުނެފަ އެވެ.